ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށްކުރާ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާގެ މައްސަލާގައި މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ދައުލަތުން ލިޔެކިޔުންތައް ހުށަހެޅުމުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކަށް ލިޔުމުން ރައްދު ދިނުމުގެ ފުރުސަތު ދައުލަތަށް ގެއްލިއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ވަނީ އެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ޝަރީއަތުން ނިންމި ގޮތް ހާމަކުރަން އަޑުއެހުމެއް ބާއްވައިފައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އާޒިމާގެ ވަކީލު ވަނީ ދައުލަތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅީ މުއްދަތު ފަހަނައަޅައި ދިއުމުން ކަމަށް ވިދާޅުވެ އެ ހުށަހެޅުންތައް ބަލައިނުގަތުމަށް އެދިފައެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ، ޕީޖީ އޮފީހަށް ލިޔުމުން ރައްދު ހުށަހެޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށާއި ނަމަވެސް އަނގަބަހުން އެކަން ކަމަށް ރައްދު ދެވޭނެ ކަމަށެވެ. އަދި ދައުލަތުގެ ލިޔުންތައް ކޯޓަށް ބަލައިގަނެވުނީ އިދާރީ އޮޅުމަކުން ކަމަށް ވިދާޅުވިއެވެ.

ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތު ބުނާ ގޮތުން ނަމަ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާތާ ދެ ދުވަސް ތެރޭގައި އެ ހުށަހެޅުން ހުށަހެޅި ހަސްމު ނޫން އަނެއް ހަސްމު އެ ހުށަހެޅުމެއްގެ ޖަވާބު ލިޔުމުން ހުށަހަޅަންޖެހެއެވެ. އާޒިމާގެ ފަރާތުން ކޯޓަށް ލިޔެކިޔުން ހުށަހެޅިީ މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހުއެވެ. ދައުލަތުން ލިޔުމުން ދޭ ރައްދު ހުށަހެޅީ މިދިޔަ އޮގަސްޓު މަހުގެ ދެވަނަ ދުވަހުއެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި އާޒިމާގެ ފަރާތުން ހަތަރު ހުށަހެޅުމެއް އޮތްއިރު މިއަދުގެ އަޑުއެހުމުގައި ވަނީ ދެ ހުށަހެޅުމެއް ހުށަހަޅައިފައެވެ.

އެއީ އޭނާގެ މައްޗަށް ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިން ހިންގެވިކަމުގެ ތުހުމަތުގައި ކުރި ދައުވާއާ ގުޅިގެން ކަމަށްވާއިރު ޔާމީންގެ މައްޗަށް އެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިހާރު ބާތިލުކޮށްފައިވުމާއި ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ޝަފައީ ހެކިތައް ބަލައިނުގަތުމެވެ. އެގޮތުން ރައީސް ޔާމީނާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ އިތުރުން ބީއެމްއެލްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ ހެކިބަސް ބަލައިނުގަތުމަށް އެދިފައިވެއެވެ.

ރައީސް ޔާމީންގެ ހެކިބަސް ބަލައިނުގަތުމަށް އެދިފައިވަނީ އެ މަނިކުފާނަކީ އެމްއެމްޕީއާރުސީގެ ތުހުމަތު އޮތް މީހަކަށްވުމާއި އޭގައި ބައިވެރިވާ އެހެން މީހަކާ ދެކޮޅަށް ހެކިބަސް ދިނުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުން ބަލައި އިރު، ކުރެވޭނެ ކަމަކަށް ނުވާތީ ކަމަށް އާޒިމާގެ ވަކީލު ފާހަގަކުރެއްވިއެވެ.

ލުތުފީގެ ހެކިބަސް ބަލައިނުގަތުމަށް އެދިފައިވަނީ އޭނާއަކީ ވަކި ގޮތަކަށް ބަޔާން ދިނުމަށް ބިރުދައްކާ ބަޔަކު އިންޒާރު ދެމުންދާ ކަމަށް ބުނެ ރާއްޖެ ދޫކޮށް ގޮސްފައިވާ މީހަކަށްވާތީއާއި އޭނާއާ މެދު ޖިނާއީ ބައެއް ތަހުގީގުތައް ކުރިއަށްދާތީ އޭނާގެ ހެކިބަހުގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭނެ ކަމަށް ބުނެއެވެ.

ޝަރީފުގެ ހެކިބަސް ބަލައިނުގަތުމަށް އެދިފައިވަނީ އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް މަޖިލީހުން ނިންމާ އެކަމާ ގުޅޭ ތަހުގީގެއް ފުލުހުން ހިންގާ މީހަކަށް ވުމުން އޭނާގެ އަދުލުވެރިކަމާމެދު ސުވާލު އުފެދޭތީއެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކުރަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލާގައި އޭސީސީއަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކުރައްވައި، އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރެއްވި ކަމަށް ބުނެއެވެ.