އަސްލު ލިޔުއްވީ: ޑޮކްޓަރ މުޙައްމަދު ރިޒަލް އިސްލާމް ނަދުވީ
ތަރުޖަމާކުރީ: ޢަބްދު اللّـه ފާރޫޤު ޙަސަން
*********
ފަހަކަށްއައިސް ދުނިޔޭގައިވަނީ މުޖްތަމަޢުގެ ރީތި އުސޫލުތަކަށް ގޮންޖަހައި ބަޣާވަތްކޮށްފައިވާ ހަޑިހުތުރު ޖިންސީ އެތަކެއް ރަވައްޔާތަކެއް ފެތުރި ޢާންމުވެފައެވެ. އަދި ކީއްތޯއެވެ؟ ނުބައި ނުލަފާ ރޭވުންތަކެއްގެ ޒަރީޢާއިން އެކަންތައް ގެންދަނީ ދުނިޔޭގައި ފަތުރައި ޢާންމުކުރަމުންނެވެ. އެކަމަށްޓަކައި ވެށި ތައްޔާރުކުރަމުންނެވެ. ޤާނޫނީގޮތުން އެކަންކަން ހުއްދަކުރެވޭނެ ހީލަތާއި ބަހަނާތައް ހޯދަމުންނެވެ. އޭގެތެރެއިން ހިމެނޭ ނުރައްކާތެރި ހަޑިހުތުރު އެއްކަމަކީ Homosexuality ގެ ނަންދީފައިވާ ފާފަވެރި ކުޅިއެވެ. މިނަމަކީ ދެކަލިމަޔަކުން އުފެދިފައިވާ ބަހެކެވެ. އޭގެތެރެއިން އެއްކަލިމައަކީ Homo އެވެ. ޤަދީމީ ގްރީކްބަހުގެ ލަފުޒެކެވެ. މާނައަކީ Same (އެއްގޮތް) އެވެ. އަނެއް ކަލިމައަކީ Sexus އެވެ. ލެޓިންބަހުގެ ލަފުޒެކެވެ. މާނައަކީ ޖިންސީ އެދުންފުއްދުމެވެ. މިދެ ކަލިމަ އެކުވެގެން އުފެދިފައިވާ Homosexuality އިން ދޭހަކޮށްދޭ މާނައަކީ މީހަކު އޭނާއަކީ ފިރިހެނަކު ކަމުގައިވިޔަސް އަންހެނަކު ކަމުގައިވިޔަސް ތިމާއާ އެއްޖިންސެއްގެ މީހަކާ ދިމާޔަށް ޖިންސީގޮތުން ހިތްލެނބި އެމީހެއްގެ ޒަރީޢާއިން ތިމާގެ ޝަހްވާނީ އެދުންފުއްދުމެވެ. ދިވެހި ބަސްފޮތުގައި މި މަފްހޫމު އަދާކުރުމަށް އޮންނަ ބަހަކީ "އެއްޖިންސުންއުޅުން" މިބަހެވެ.
ފިޠުރަތުން ވަނީ އެންމެހައި މަޚްލޫޤުން ދިރިއުޅޭންވާގޮތުގެ އުޞޫލުތަކެއް އެކަށައަޅުއްވައިފައެވެ. އެ އުޞޫލު އެންމެހައި މަޚްލޫޤުންގެ ކިބައިގައި ވަދީޢާކުރައްވައިފައެވެ. އެހެންކަމުން ދުނިޔެ ފެށުނީއްސުރެ އަންނަނީ އެ ކަނޑައެޅިފައިވާ ފިޠުރީގޮތަށް ޢަމަލުކުރެވެމުންނެވެ. ފެށުނީއްސުރެ އިންސާނީ ނައުޢަށްވަނީ އޭނާގެ ފިކުރު ހިންގުމާއި ގޮތް އިޚްތިޔާރުކުރުމުގެ މިނިވަންކަން ދެއްވައިފައެވެ. ނަތީޖާއެއްގެގޮތުން ބައެއްމީހުންވަނީ އެބައިމީހުންގެ ދިރިއުޅުމުގައި ފިޠުރަތާ ޚިލާފު ގޮތްގޮތް އިޚްތިޔާރުކޮށްފައެވެ. ޙަޔާތުގެ އެހެނިހެން ދާއިރާތަކެކޭ އެއްގޮތަށް ޝަހްވާނީ އެދުންފުއްދުމުގައިވެސް ފިޠުރަތުން ކުރައްސަވައިދެއްވައިފައިވާ ޗާޓުން ބޭރުވެފައެވެ. ޞަދޫމީންގެ ފަހުން ތާރީޚުގެ ހުރިހައި ދައުރުތަކެއްގައިވެސް އެފަދަމީހުން ފެނެއެވެ. އެކަމަކު އެފަދަ މީހުނާމެދު މީހުން ބަލައިއުޅުނީ ނަފުރަތާއި ފޫހިކަމާއި ނިކަމެތިކޮށްލުމުގެ ނަޒަރުންނެވެ. އެފަދަ މީހުންގެ ޢަމަލާމެދު އެންމެންވެސް ރުޅިއާދެއެވެ. އެފަދަ މީހުންނަކީ އިންސާނީ ސަލާމަތް ފިޠުރަތާއި ލަޠީފު ޛައުޤަށްހުރި ބުރައެއްކަމުގައި ދެކެއެވެ. އެކަށީގެންވީ ހުރިހައި ރޮނގަކުން އެހުތުރު ޢަމަލާމެދު މީހުން ފޫހިކުރުވާގޮތް ހަދައެވެ. އެހެންކަމުން މީލާދީ ސަނަތުން ނަވާރަވަނަ ސައްތަޔާ ހަމަޔަށް ދުނިޔޭގެ ގާތްގަނޑަކަށް ހުރިހައި ޤައުމުތަކެއްގައިވެސް އެ ފާޙިޝު ޢަމަލާމެދު ބަލަމުންއައީ އަދަބުދޭންޖެހޭ ކުށެއްކަމުގައެވެ. ބައެއް ޤައުމުތަކުގައި އެކުށުގެ އަދަބަކީ މަރައިލުމެވެ. އުސްތަނަކުން ވައްޓައި މަރައިލުމެވެ. އަންދައިލުމެވެ.
ހުޅަނގުގައި އެތާނގެ ޚާއްޞަ ފަސްމަންޒަރުގައި އިމެއްނެތް މިނިވަންކަމުގައި ހިންގައިލެވުނު ހަމަހަމަކަމާއި ޝަޚްޞީ މިނިވަންކަމާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި ބުރުއްސައިލި ނަގުލުވައިގެ ބާރުގައިވަނީ އިންސާނީ އިޖްތިމާޢީ އެތައް އަގުތަކެއްގެ ބިންގާ ގުޑުވައިލައިފައެވެ. ހުޅަނގުގެ މީހުން ބުނާންފެށިއެވެ. އިންސާނާ ހައްދަވައިފައިވަނީ މިނިވަނެއްގެ ގޮތުގައެވެ. އޭނާއަކީ އޭނާ ރުހޭގޮތަކަށް ޢަމަލުކުރެވޭނެ މީހެކެވެ. އޭނާގެ ބަހާއި ޢަމަލަށް އެއްވެސްކަހަލަ އިމެއް ކަނޑައެޅުމަކީ އޭނާގެ މިނިވަންކަން ނިގުޅައިގަތުމެވެ. އޭނާ ކުރާ އެއްވެސް ޢަމަލެއްގެ ސަބަބުން އޭނާއާ އެހެންމީހުނާ ތަފާތެއް ކުރުމަކީ އޭނާގެ ހަމަހަމަކަމުގެ ޙައްޤަށް އަރައިގަތުމެވެ. އެގޮތުން އެއްޖިންސުންއުޅުމާމެދު ހުޅަނގުން ބެލީ ޢަމަލެއް ކަމަކަށެއް ނޫނެވެ. ރަވައްޔާއެއް ކަމުގައެވެ. ނުވަތަ ދިރިއުޅުމުގެ ފާޑެއް ނުވަތަ ގޮތެއްކަމުގައެވެ. އެގޮތުން އެއްޖިންސުންއުޅުމަށްވަނީ ފަލްސަފީ ބިންގަލެއް ހޯދައިދީފައެވެ.
1. Lesbian: އަންހެނާ. ޖިންސީގޮތުން އަންހެނުންނަށް ހިތްކިޔާ ނުވަތަ ޝައުޤުވެރިވާ.
2. Gay: ފިރިހެނާ. ޖިންސީގޮތުން ފިރިހެނުންނަށް ހިތްކިޔާ ނުވަތަ ޝައުޤުވެރިވާ.
3. Bisexual: ފަރުދެއް (އަންހެނަކަށްވިޔަސް ފިރިހެނަކަށްވިޔަސް) އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ހިތްކިޔާ ނުވަތަ ޝައުޤުވެރިވާ. މިފަދަ މީހުން ހިތްކިޔަނީ ކޮންޖިންސަކަށް ކިހައިވަރަކަށްތޯ މިންއަޅާނެ މިންގަނޑެއްވަނީ އެކުލަވައިލެވިފައެވެ. އެމިންގަނޑަށް ނަންދީފައިވަނީ އެ މިންގަނޑު އީޖާދުކުރި މީހާގެ ނަމަށް ނިސްބަތްކޮށް Kinsey Scale ގެ ނަމުންނެވެ.
4. Transgender: އެމީހެއްގެ ކިބައިގައި ފިރިހެންކަމާއި އަންހެންކަން ހުންނަ މީހުން. އެފަދަ މީހުންނަށް ޚުންޘާއިންނޭ ކިޔައެވެ.
މި ހަތަރު ބާވަތުގެ މީހުންނަށް ކުރުކޮށް ކިޔާނަމަކީ LGBT ންނެވެ. މި ހަތަރުބައިގައި ހިމެނޭ މީހުންނާމެދު ބަލައިފައިވަނީ އެއްޖަމާޢަތެއް ނުވަތަ އެއްކޮމިއުނިޓީއެއް ކަމުގައެވެ. އެބައިމީހުންގެ އިންފަހަނަޅައިފައިވާ ޖިންސީ ހިތްކިޔުމަކީ ފިޠުރީ ކަމެއްކަމުގައިވަނީ ކަނޑައަޅައިފައެވެ. އެފަދަ މީހުނާ އެއްކޮޅަށްވަނީ ތަޙްރީކުތައް ހިންގައިފައެވެ. އެބައިމީހުންނަށް ކަންފަހިކޮށްދީ ރައްކައުތެރިކަން ލިބޭގޮތަށްވަނީ ޤާނޫނުތައް ހަދައިފައެވެ.
ކުރީންވެސް ދެންނެވި ފަދައިން އެއްޖިންސުންއުޅުމުގެ ފާފަވެރި ޢަމަލާމެދު ޢާންމުންގެ މެދުގައިވެސް އިހަށްއޮތީ އިންތިހާދަރަޖައިގެ ނަފުރަތެވެ. އެންމެންވެސް ބަލަމުންއައީ އެކަމަކީ ހަޑިމުޑުދާރު ކަމެއްކަމުގައެވެ. ގޮތްކުޑަ ޢަމަލެއް ކަމުގައެވެ. ޤައުމުތަކުގެ ޤާނޫނުތަކުގައި އެކަމަށްވަނީ ހަރުކަށި އަދަބުތައް ކަނޑައަޅައިފައެވެ. އެހެންކަމުން މި ލަދުހުތުރު ޢަމަލުކޮށްއުޅޭ މީހުންނަކަށްވެސް އެކަން ފާޅުކުރާކަށެއް ނުކެރެއެވެ. އެކަން އޮންނަނީ ސިއްރެއްގެ ގޮތުގައެވެ. ނަމަވެސް މީލާދީން ނަވާރަވަނަ ސައްތައިގެ ފަހުކޮޅުން ފެށިގެން އެއްޖިންސުންއުޅޭމީހުންނަށް މޫސުން ރަނގަޅުވާން ފަށައިފިއެވެ. ވައިފަހިވާން ފަށައިފިއެވެ.
އެންމެފުރަތަމަ މަރްޙަލާގައިވަނީ އެއްޖިންސުންއުޅުން އަދަބުދޭންޖެހޭ ކުށުގެ ލިސްޓުން އުނިކޮށްފައެވެ. އެގޮތުން މީލާދީން ވިހިވަނަ ސައްތައިގެ ދެބައިން ކުރީބައިގައި ހުޅަނގުގެ ވަރަށްގިނަ ޤައުމުތަކުގެ ޤާނޫނުވަނީ ބަދަލުކޮށްފައެވެ. އެއްޖިންސުންއުޅުމުގެ އަދަބުވަނީ އުނިކޮށްފައެވެ. ދެވަނަ މަރްޙަލާގައި LGBT ގްރޫޕްތަކުންވަނީ ޢާންމު ފެންވަރުގައި އެވެރީންގެ ކަންތައް އިންތިޒާމުކުރާން ފަށައިފައެވެ. އެގޮތުން ކަނޑައެޅިފައިވާ ދުވަސްތަކެއްގައި ޢާންމު ތަންތާނގައި މުޒާހަރާކުރާން ފަށައިފިއެވެ. އެ މުޒާހަރާތަކަށް ދީފައިވަނީ Pride Parade ގެ ނަމެވެ. މުޒާހަރާތަކުގެ އިތުރަށް ކޮންފަރެންސްތައްވެސް ބާއްވަން ފަށައިފިއެވެ. މުޒާހަރާތަކާއި ކޮންފަރެންސްތަކުގެ ޒަރީޢާއިން އެބައިމީހުންގެ "ޙައްޤުތަކަށް" އެދި އަޑުއުފުލާން ފަށައިފިއެވެ. އެއްޖިންސުންއުޅޭމީހުންނާމެދު އެހައިތަނަށް ބެލެވިފައިވަނީ ސަރުކާރުގެ ދާއިރާއާއި އިންތިޒާމީ ދާއިރާތަކަށާއި، ޢަސްކަރީ މަޤާމުތަކަށް އަހްލުވެރިނޫން ބަޔަކުކަމުގައެވެ. އެކަމަކު އެއްޖިންސުންއުޅޭމީހުން ތޮށިގަނޑު ފަޅައިލައިފައިނުކުމެ ރޭވުންތެރިކަމާއެކު ކުރާންފެށި މަސައްކަތްތަކާއި އެއުރެންގެ ފިއްތުންތަކުގެ ސަބަބުން މަޑުމަޑުން އެބައިމީހުންގެ "ޙައްޤުތައް" ޤަބޫލުކުރެވޭން ފަށައިފިއެވެ. ހުރިހައި މަޤާމުތަކަކަށްވެސް އެބައިމީހުން އަހްލުވެރިކަމުގައި ބަލައިގަނެވިއްޖެއެވެ. އެހެންކަމުން ސަރުކާރުގެ ދާއިރާއާއި ޢަސްކަރިއްޔާއާއި، ފަނޑިޔާރުގެތަކާއި ޤާނޫނު ހެދުމުގެ ދާއިރާއާއި ހިންގުމުގެ ދާއިރާއާއި ހުރިހައި ސެކްޓަރތަކަކުންވެސް އެއްޖިންސުންއުޅޭކަމަށް ފާޅުގައި އެއްބަސްވެ ކުޑަވެސް ޖެހިލުންވުމެއް ލަދުވެތިކަމެއްނެތި އެކަން ފާޅުކުރާ މީހުންގެ މޫނުތައް ފެންނާން ފަށައިފިއެވެ. ތިންވަނަ މަރުޙަލާގައި އެބައިމީހުންނަށްޓަކައި "ދާއިމީ އެކުއުޅެވުމުގެ" ޤާނޫނުތައް (Partnership Acts) ފާސްކުރެވިއްޖެއެވެ. ދެޖިންސުގެ މީހުން (Hetrosexuals) ކާވެނީގެ ގުޅުމުން ގުޅިގެން ދެމަފިރީންގެ ގޮތުގައި ދިރިއުޅެ ތަފާތު އިޖްތިމާޢީ އަދި ތަމައްދުނީ ޙައްޤުތައް ލިބިގަންނަފަދައިން އެއްޖިންސުންއުޅޭމީހުންވެސް ބައިވެރީންގެ ގޮތުގައި ރަޖިސްޓްރީވެވޭގޮތް ހަމަޖެހިއްޖެއެވެ. އެބިންގަލުގެ މަތީގައި މިލްކިއްޔަތާއި ވިރާސަތާއި އިމިގްރޭޝަނާއި ޓެކުހާއި، ސޯޝަލް ސެކިއުރިޓީގެ ޙައްޤުތައް ހޯދޭގޮތްވެއްޖެއެވެ. އެފަދަ ޖޯޑުތަކަށް "ކުދީން ބަލައިގަތުމުގެ" (Adaption) ޙައްޤުވެސް ދެވިއްޖެއެވެ. މިދިޔަ ސަތޭކަވަރަކަށް އަހަރުގެ ތެރޭގައި ޔޫރަޕް ވަނީ މި ހަލާކުހުރި މަގުގައި ހިނގޭން އޮތްގޮތަކަށް ހިނގޭންއޮތް އެންމެ ދުރަކަށް ހިނގައިފައެވެ.
އެއްޖިންސުންއުޅުމަށް ތާއީދުކުރާ މީހުން ނުހަނު ފޯރިއާއި ޖޯޝާއެކު ގަދައަޑުން ބުނަމުން އަންނަނީ އެއްޖިންސުންއުޅުން މަނާކުރުމަކީ މިނިވަންކަމާއި ތަފާތުނުކުރުމާއި ހަމަހަމަކަމުގެ ޙައްޤާ ޚިލާފު ކަމެއްކަމުގައެވެ. ނަމަވެސް މި ފާޙިޝް ޢަމަލު ހުއްޓުވުމަކީ އިންސާނީ ޙައްޤުތަކާ ޚިލާފުކަމެއް ނޫނެވެ. އެހެނީ ތަހްޒީބީ އިންސާނީ މުޖްތަމަޢެއްގައި އެއްވެސްމީހަކަށް އިމެއް ކަނޑައެޅިފައިނެތް މިނިވަންކަމުގެ ޙައްޤެއް ނުދެވެއެވެ. ކޮންމެމީހަކުވެސް މުޖްތަމަޢު ޤަބޫލުކުރާ އަގުތަކަށާއި އެކަށައެޅިފައިވާ ހަމަތަކަށާއި އުޞޫލުތަކަށް އިޙްތިރާމްކުރާންޖެހެއެވެ. މިސާލަކަށް މީހަކު ރޯއޮރިޔާމުންހުރެ ގެއިން ނުކުމެގެން މަގުމަތީގައި އުޅުމާއި ޢާންމު ތަންތަނަށް ދިޔުމަކީ އޭނާގެ ޙައްޤެއްކަމުގައި ބުނިކަމުގައިވިޔަސް އެކަން ޤަބޫލެއް ނުކުރެވެއެވެ. އޭނާއަށް އެކަންކުރުން މަނާކުރެވެއެވެ. މި މައްސަލައިގައި ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ ޙައްޤަށް ޙަވާލާދިނުމަކީ ރަނގަޅު ގޮތެއްވެސް ނޫނެވެ. އެގޮތަކަށް ވަކާލާތެއް ނުކުރެވޭނެއެވެ. ހަމައެފަދައިން އެއްޖިންސުންއުޅުމުގެ ފާޙިޝް ޢަމަލުކުރާ މީހަކުގެ ކިބައިން އެކަން މަނާކުރުމަކީ އިންސާނެއްގެ ޙައިސިއްޔަތު އޭނާއަށް ލިބޭންޖެހޭ އަސާސީ ޙައްޤަކުން މަޙްރޫމުކުރުމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެކަން މަނާނުކޮށްފި ކަމުގައިވާނަމަ އިންސާނިއްޔަތަށް އިހާނެތިކޮށްހިތައި ނިކަމެތިކޮށްލެވެނީއެވެ.
މި މައްސަލައާ ގުޅުވައިގެން ވާހަކަދައްކާ ބައެއްމީހުން ބުނާ ވާހަކައެކެވެ. ދެމީހަކު ރުހި ޤަބޫލުވެގެން އެކަކު އަނެކެއްގެ ފަރާތުން ޖިންސީ ލައްޒަތު ހޯދުމަކީ (Mutual Consent) އަނެކަކާ ކޮންބެހޭކަމެއް ހެއްޔެވެ؟ ޖިންސީ ލައްޒަތު ހޯދާން އެއްބަސްވުމާއި ރުހިޤަބޫލުވުން ދެޖިންސުގެ ދެމީހެއްގެ ދެމެދުގައިވެސް އޮވެދާނެއެވެ. އެއްޖިންސުގެ ދެމީހެއްގެ ދެމެދުގައިވެސް އެ އެއްބަސްވުން އެއްބަސްވެވިދާނެއެވެ. އަންހެނަކާއި ފިރިހެނަކާ ދެމެދު އެދެމީހުންގެ ރުހުމާއި ޤަބޫލުގައި ޖިންސީ ގުޅުމެއް (Consensual Sex) ހިންގާކަށެއް (ޢާންމު އުޞޫލުން) މަނައެއް ނޫނެވެ. އެކަމަކީ އަދަބުދޭންޖެހޭ ކުށެއްކަމުގައެއް ނުބެލެވެއެވެ. ހަމައެފަދައިން ދެފިރިހެނަކު ނުވަތަ ދެއަންހެނަކު ރުހިޤަބޫލުވެގެން އެއްޖިންސުންއުޅުނުކަމުގައިވިޔަސް އެއީ ކުށަކަށް ހަދައި އަދަބުދީގެން ނުވާނެއެވެ.
ދެމީހެއްގެ ރުހުމާއި ޤަބޫލުވުމުގެ މި ތަޞައްވުރަކީ ތަހްޒީބީ އިންސާނީ މުޖްތަމަޢަކުން ޤަބޫލުކުރާނެކަމެއް ނޫނެވެ. އެކަން ވަޒަންކުރެވޭނީ މުޖްތަމަޢުގެ ހަމަތަކާއި ގަވާއިދުތަކުގެ މިންގަނޑުންނެވެ. ބަލާންޖެހޭނީ އިންސާނީ ރިވެތި ސުލޫކާއި ތަހްޒީބަށް ކިލަނބުކަމެއް ގެނުވައިފާނެކަމެއްތޯ ނުވަތަ ނޫންތޯއެވެ. އޭގެސަބަބުން މުޖްތަމަޢުގެ ހީރަސްކެނޑި ހަމަތައް ރޫޅިގެން ހިނގައިދާނެތޯ ނުވަތަ ނޫންތޯއެވެ. މިބާވަތުގެ ކަމެއްގެ މިސާލެއްގެގޮތުން ރިޝްވަތުދިނުމާއި ރިޝްވަތު ހިފުމާމެދު ވިސްނައިލަމާ ހިންގަވާށެވެ. ޝައްކެއްނެތެވެ. ރިޝްވަތުގެ ލޭންދޭންވެސް ހިނގަނީ ދެމީހެއްގެ ދެމެދުގައެވެ. ދެމީހުންގެ ރުހުމުގައެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު