(13 ނޮވެންބަރުގެ އަދަދާ ގުޅޭ)
ކީދާރުނާތުގެ އަންހެނުން ޖަވާބު ދިނެވެ. "އޭނާ ދީނުން ބޭރު ވެ ނަޖިސް ވެއްޖެ ކަމުގައި ވާނަމަ، ޝަކުންތަލާއާ އޭނާއާ ދެމެދުގައި ހުރި ހުރިހައި ތިމާގެކަމެއް ކެނޑުނީއެވެ. ޝަކުންތަލާ ދިރިހުންނަވައި އޭނާގެ ގާތަށް ވަޑައިގެންނެވުން އެއްކިބައިގައި އޮއްވައި، އަވަހާރަ ވުމަށް ފަހު ވެސް އެފަދަ ބޭބެއަކު އޭނާގެ ހަށިކޮޅުގައި އަތްޕުޅު ލައްވާކަށެއް ވެސް ޝަކުންތަލާ ޤަބޫލުފުޅެއް ނުވާނެއެވެ. ކަލާކޮށްޓަކައެވެ. ކަލާ ޝަކުންތަލާ އަރިހު ތިޔަ ވާހަކަ ނުދައްކަވާށެވެ. ރަންބީރު އޭނާގެ ރަށަކަށް ވަޑައެއްނުގަންނަވައޭ ބުނުއްވާށެވެ. އޭނާއަށް އޭނާގެ ބޭބެ އަވަހާރަ ވެއްޖެކަން ވިސްނައިވަޑައިގަތުން މާ ފަސޭހަ ވާނެއެވެ. މި މައްސަލަ ސިއްރު ވެފައި އޮވެއްޖެ ނަމަ އަޅުގަނޑުމެންނަށް ޝަކުންތަލާ ކޮންމެވެސް ރަނގަޅު ކުއްޖަކާ ކާވެނި ކޮށްދެވިދާނެއެވެ. ޓާކުރުގެ އަނބިކަނބަލުން ވެސް ޝަކުންތަލާއަށް ވަރަށް ހެޔޮފުޅެވެ. އޭނާ އޭނާގެ ދަރިކަލުންނާ ޝަކުންތަލާއާ ކާވެނި ކޮށްދެއްވާން ޤަބޫލު ވެވަޑައިގަތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އޭނާއަކީ ރަންބީރު ކަހަލަ ބޭބެއެއްގެ ކޮއްކޮއެއްކަން މީހުންނަށް އެނގިއްޖެ ކަމުގައި ވާނަމަ އޭނާއާ އެއްވެސް ބަޔަކު ނުރުހޭނެއެވެ."
ކީދާރުނާތު ކޮންމެވެސް އެއްޗެއް ބުނާން އުޅުނެވެ. ނަމަވެސް އެ ވަގުތު ޝަކުންތަލާ ގޯތިތެރެޔަށް ވެދެވަޑައިގެންފިއެވެ. އޭނާ ވަޑައިގެން ޖަވާބު އެދިވަޑައިގަތުމުގެ ނަޒަރަކުން ކީދާރުނާތާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ކީދާރުނާތު ތެދު ވެ ލޯބިން އޭނާގެ އިސްތަށިފުޅުގައި ފިރުމައިލައިފައި ބުންޏެވެ. "ދަރިފުޅާއެވެ! އަޅުގަނޑު ވަރަށް ހިތާމަ ކުރަމެވެ. އަޅުގަނޑަށް އެއްވެސް އުފާވެރި ޚަބަރެއް ނުގެނެވުނެވެ. ދަރިފުޅުގެ ބޭބެގެ އެއްވެސް ޚަބަރެއް ނުވިއެވެ."
ޝަކުންތަލާ ބެދިފައި ވާ އަޑުފުޅަކުން ވިދާޅުވިއެވެ. "ބޭބެ އަޅުގަނޑުމެންގެ ރަށަށް ދުރުވީމުތޯއެވެ؟"
"އާދޭހެވެ! ނަމަވެސް ދަރިފުޅުގެ ބޭބެއާ ބެހޭގޮތުން އަޅުގަނޑަށް ވެސް ޚަބަރެއް ނުލިބުނެވެ."
"އަޅުގަނޑުމެންގެ ގަނޑުވަރު އަދިވެސް ހުރީ ޖޭކްރިޝަންގެ ބާރުގެ ދަށުގައިތޯއެވެ؟"
ކީދާރުނާތު ހިނދުކޮޅަކަށް ފަސް ޖެހޭ ގޮތް ވިއެވެ. ނަމަވެސް އޭނާގެ އަންހެނުންގެ އިޝާރާތް ފެނުމުން އޭނާ ރޫޙެއް ނެތް އަޑަކުން ޖަވާބު ދިނެވެ. "އާދޭހެވެ!"
ޝަކުންތަލާގެ ލޯފުޅުން ކަރުނަފޮދު އަތުވެއްޖެއެވެ. ކީދާރުނާތު ކުޑަކޮށް މަޑު ކޮށްލައިފައި ދެންނެވިއެވެ. "ދަރިފުޅާއެވެ. ކުރީ ފަހަރު އަޅުގަނޑު އެ ރަށަށް ދިޔަ އިރު، ރޭގަނޑު ޖޭކްރިޝަންގެ ސިފައިންގެ ކިބައިން ދަރިފުޅުގެ ބޭބެ ސަލާމަތް ކުރީ މުސްލިމުންކަން އެނގުނެވެ. އަޅުގަނޑު އެ ވާހަކަ ނުދެންނެވީ ދަރިފުޅު ދެރަފުޅު ވާނެތީއެވެ. އަޅުގަނޑު މި ފަހަރު މި ދިޔައީ މުސްލިމުން ގުނޫޖާއި ބާރީ ފަތަޙަ ކުރި ވާހަކައަކީ ތެދެއް ކަމުގައި ވާނަމަ، ރަށް އަތުލެއްވުމުގައި މުސްލިމުން ދަރިފުޅުގެ ބޭބެއަށް އެހީ ވެދޭނެކަމަށް ހީ ކޮށެވެ."
ޝަކުންތަލާ ގިސް ލައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑުގެ ބޭބޭފުޅާ މެދު ބޭބެ އެއްގޮތަކަށް ވެސް ތިޔަހެން ހީ ނުކުރައްވާށެވެ. ދުނިޔެ ބަދަލު ވެދާނެއެވެ. އެކަމަކު ބޭބޭފުޅު ބަދަލެއް ނުވާނެއެވެ. ރަންބީރު މުސްލިމުންގެ އެހީގައި ރަސްކަލަކަށް ވެވަޑައިގެންނެވި ކަމުގައި ވިޔަސް، އަޅުގަނޑު އޭނާގެ ރީތި ގަނޑުވަރުތަކުގެ ބަދަލުގައި ތަރުޙީބު ދޭނީ ސަލާން ޖަހައިގެން ބަނޑުފުރާނަ މުއްތި ކުރާށެވެ."
+ + + +
އަވަށުގެ ޓާކުރުގެ ދަރިކަނބަލުން ބާގޫންތީއާ ޝަކުންތަލާއާ ވަރަށް ރައްޓެހިފުޅެވެ. އޭނާ ކޮންމެ ދެ ދުވަހަކުން ތިން ދުވަހަކުން ޝަކުންތަލާ އޭނާގެ ގަނޑުވަރަށް ގެންދަވައެވެ. ކީދާރުނާތު ގުނޫޖުން އައި ފަހުން ދުވަސްކޮޅެއް ވާންދެން ޝަކުންތަލާ އިންނެވީ ނުލާހިކު މޮޅިފުޅުންނެވެ. ބާގޫންތީގެ ޚާދިމާ އޭނާ ބަލައި ދެ ދުވަހަކު އައެވެ. ނަމަވެސް ޝަކުންތަލާ އާލާސްކަންފުޅުގެ ބަހަނާ ދައްކަވައިފައި އޭނާ ފޮނުއްވައިލައްވަނީއެވެ.
އޭގެ ފަހުން އެއް ދުވަހަކު ޚުދު ބާގޫންތީ ކީދާރުނާތުގެ ގެއަށް ވަޑައިގެންފިއެވެ. އޭނާ ޝަކުންތަލާއަށް މަޖުބޫރު ކުރައްވައިގެން ގެއަށް ގެންދަވައިފިއެވެ. ބާގޫންތީގެ ގެއަށް ވެދެވަޑައިގަތުމާ އެކު ޝަކުންތަލާއަށް ޒުވާން ފިރިހެނަކު ފެނިވަޑައިގެންފިއެވެ. އޭނާ ގޯތިތެރެއިން ބޭރު ދޮރާއްޓާ ދިމާޔަށް ދަނީއެވެ. އޭނާ ހިނގަނީ މަޑުމަޑުން ކޮރު ޖަހަމުންނެވެ. ބާގޫންތީ އޭނާއާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ.
"ބޭބެ ތިޔަ ވަޑައިގަންނަވަނީ ކޮން ތަނަކަށްތޯއެވެ؟"
"ކުޑައިކޮށް ބޭރަށް ނުކުމެލަނީއެވެ." އޭނާ ޖަވާބު ދެއްވިއެވެ.
ޝަކުންތަލާ މީގެ ކުރީން ވެސް ވަނީ ބާގޫންތީގެ ބޭބެ ދެ ފަހަރަކު ދެކެވަޑައިގެންފައެވެ. ނަމަވެސް އޭނާ ކޮރު ޖައްސަވާކަމެއް ޝަކުންތަލާއަށް އެނގިވަޑައިގެންފައެއް ނެތެވެ. މިއީ ޝަކުންތަލާ އޭނާ ހިންގަވައިފައި ވަޑައިގަންނަވަނިކޮށް ދެކެވަޑައިގެންނެވި އެންމެ ފުރަތަމަ ފަހަރެވެ. ޝަކުންތަލާ ތަންކޮޅަކަށް ވަޑައިގެންފައި ބާގޫންތީގެ އަރިހުން އޭނާގެ ބޭބެ ކޮރު ޖައްސަވާ ސަބަބަކާ މެދު ސުވާލު ކުރައްވައިފިއެވެ. ބާގޫންތީ ވިދާޅުވިއެވެ. "އަޅުގަނޑުގެ ބޭބެ ހަނގުރާމައިގައި ޒަޚަމް ވީއެވެ."
"ކޮން ހަނގުރާމައެއްގައިތޯއެވެ؟" ޝަކުންތަލާ ސުވާލު ކުރެއްވިއެވެ.
"ސަރުސިވާގެ ހަނގުރާމައިގައި ގަވާލިޔާރުގެ ލަޝްކަރެއް ވެސް ބައިވެރި ވިއެވެ. ސަރުސިވާގެ ރަސްގެފާނާ އެހީ ވުމުގެ ގޮތުންނެވެ. ގޮތުން ބޭބެ ވެސް އެ ލަޝްކަރާ އެކު ވަޑައިގެންނެވިއެވެ. ބޭބެ އަސްމަތީން ވެއްޓިވަޑައިގެން އެއް ފައިންޕުޅުގެ ހުޅުފުޅު ހަލާކު ވެ ހައްޔަރު ވެވަޑައިގަތީއެވެ. މުސްލިމުން އެނބުރި ދިޔުމުގެ ކުރީން ވަރަށް ގިނަ ޤައިދީން ދޫ ކޮށްލިއެވެ. ނަމަވެސް އެބައިމީހުން އަޅުގަނޑުގެ ބޭބެ ހައްޔަރު ކޮށްގެން ގެންދިޔައީއެވެ. ނަންދުނާގެ ކިއްލާއިން ސަލާމަތް ވެގެން އައި މީހުން އޭނާ ޤައިދުގައި ހުންނެވި ވާހަކަ އަޅުގަނޑުމެންނަށް އެންގީއެވެ. ބައްޕާފުޅަށް އެ ޚަބަރު ލިބިވަޑައިގެންނެވުމުން ޚުދު ބައްޕާފުޅު އެތަނަށް ވަޑައިގެން ފިދުޔަ ދެއްވައިފައި ބޭބޭފުޅު ސަލާމަތް ކުރައްވައިގެން ގެންނެވީއެވެ."
"ތިޔަ ބޭފުޅާގެ ބޭބޭފުޅު ވެސް ހުންނެވީ ނަންދުނާގެ ޖަލުގައިގޯއެވެ؟" ޝަކުންތަލާ ސުވާލު ކުރެއްވިއެވެ.
"އާދޭހެވެ!"
"އަޅުގަނޑުގެ ބޭބެ ވެސް ވީ އެތާނގައެވެ. ފަހަރެއްގައި ތިޔަ ބޭފުޅާގެ ބޭބޭފުޅަށް އަޅުގަނޑުގެ ބޭބެގެ ޚަބަރެއް އެނގިވަޑައިގެންފައިވެސް އޮވެދާނެއެވެ. ބޭބޭފުޅަށް ވިދާޅުވެބައްލަވާށެވެ."
ބާގޫންތީ ބޭބެއަށް ދެންނެވުމަށް ޚާދިމާއަކު ފޮނުއްވައިފައި، ޝަކުންތަލާ ގޮވައިގެން ގަނޑުވަރުގެ ކޮޓަރިއަކަށް ވަޑައިގެންފިއެވެ. އިރުކޮޅެއްގެ ފަހުން ބާގޫންތީގެ ބޭބެ ގުލާބުޗަންދު ވެސް އެތަނަށް ވަޑައިގެންފިއެވެ. ޝަކުންތަލާ އޭނާ ފެނިވަޑައިގަތުމާ އެކު އެއްވެސް ތަމްހީދަކާ ނުލައި ވިދާޅުވިއެވެ. އަޅުގަނޑުގެ ބޭބެ ވެސް ނަންދުނާގެ ކިއްލާގައި ހައްޔަރު ވެވަޑައިގެންފައި ހުންނެވިއެވެ. މަނިކުފާނަށް އޭނާ އެނގިވަޑައިގަތުން އެކަށީގެން ވެއެވެ. އޭނާގެ ނަންފުޅަކީ ރަންބީރެވެ."
"ރަންބީރަކީ ތިޔަ ބޭފުޅާގެ ބޭބެތޯއެވެ؟" ގުލާބުޗަންދު ޝަކުންތަލާއާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ.
"މަނިކުފާނު އޭނާ ދެނެވަޑައިގަންނަވަމުތޯއެވެ؟"
"އާދޭހެވެ! އަޅުގަނޑު އޭނާ ދަންނަމެވެ. ކިއްލާގައި ތިބި ހުރިހާ ގައިދީން ވެސް އޭނާ ދަނެއެވެ."
"އޭނާ މިހާރު ވަޑައިގެން ވީ ތަނެއް މަނިކުފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ކަލާކޮށްޓަކައި އަޅުގަނޑު ގާތު ވިދާޅުވާށެވެ."
ގުލާބުޗަންދު ޖަވާބު ދެއްވިއެވެ. "އޭނާ ދޫ ކޮށްލެވުނީ އަޅުގަނޑަށް ވުރެ އެއް ހަފުތާ ކުރީންނެވެ. އޭނާ ތިޔަ ބޭފުޅާގެ އަރިހަށް ވަޑައިނުގެންނެވީތީ އަޅުގަނޑު ޙައިރާން ވަމެވެ."
ޝަކުންތަލާ ވިދާޅުވިއެވެ. "އަޅުގަނޑަށް ހަމައެކަނި އެނގުނު ވަރަކީ ބޭބޭފުޅު ސަލާމަތް ވެވަޑައިގަތުމަށް ފަހު ގެއަށް ވަޑައިގެންނެވިކަމެވެ. ނަމަވެސް އޭރު އަޅުގަނޑުމެންގެ ރަށަށް ވަނީ އަޅުގަނޑުމެންގެ ދުޝްމަނަކު ވެރި ވެފައެވެ. ބޭބޭފުޅު ދުޝްމަނުންގެ އަތްދަށުގައި ހައްޔަރު ވެވަޑައިގަތީއެވެ. ނަމަވެސް ބޭބޭފުޅު ވަނީ ސަލާމަތް ވެވަޑައިގެން ފިލައިވަޑައިގެންފައެވެ. މިހާރު ބޭބޭފުޅު ވަޑައިގެން ވީ ތަނެއް ދެނެވޮޑިގެން ވާނީ މާތްކަލާނގެއެވެ."
ގުލާބުޗަންދު ވަރަށް ބޮޑަށް ބާރު އެޅުއްވުމުން، ޝަކުންތަލާ ކޮންމެވެސް ވަރަކަށް ތަފްސީލުކޮށް އޭނާގެ ވާހަކަ ވިދާޅުވެދެއްވައިފިއެވެ. ގުލާބުޗަންދު އިރުކޮޅަކު ވިސްނައިވަޑައިގަތުމަށް ފަހު ވިދާޅުވިއެވެ. "ތިޔަ ބޭފުޅާގެ ބޭބޭފުޅަކީ ތިޔަ ކަހަލަ ނިކަމެތި ދުޝްމަނެއްގެ އަތުން ބަލިފުޅު ވިޔަސް ބަލި ޤަބޫލު ކުރައްވައިގެން ހުންނަވާނެ ބޭފުޅެއް ނޫނެވެ. އޭނާ ދުނިޔޭގައި ހުންނެވި ކަމަށް ވާނަމަ ވާނީ ދެވަނަ ފަހަރަށް ނަންދުނާއަށް ވަޑައިގެންނެވީ ކަމަށެވެ. ނަންދުނާގެ ކިއްލާގެ ވެރިޔާ ތިޔަ ބޭފުޅާގެ ބޭބޭފުޅަށް ވަރަށް ހެޔޮފުޅެވެ. އޭނާ ހުރިހައި ގޮތަކުން ތިޔަ ބޭފުޅާގެ ބޭބެއަށް އެހީތެރިވެދެއްވާނެކަން އަޅުގަނޑަށް ޔަޤީނެވެ."
ކުއްލިޔަކަށް ޝަކުންތަލާގެ މޫނުފުޅު ކޯފާގެ ސަބަބުން ރަތް ވެއްޖެއެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުގެ ބޭބޭފުޅަކީ ތިޔަ ކަހަލަ ބޭފުޅެއް ނޫނެވެ. އޭނާ މުސްލިމުންގެ އެހީގައި ދުނިޔޭގައި ހުންނެވުމުގެ ބަދަލުގައި ތަރުޙީބު ދެއްވާނީ މަރަށެވެ."
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
ކޮމެންޓް