ޚަބަރު

މިންހާޖު ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދިޔަ އޮޕަރޭޝަން ހުއްޓާލައިފި

މުހައްމަދު އިޝާން

އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު އައްޑޫ ސިޓީ ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު، 28އ، ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދިޔަ އޮޕަރޭޝަން ހުއްޓާލާފައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އއ. މާޅޮސް ކައިރިން ބަންޑުން ޖަހާލަފައި އޮއްވައި ފެނުނު ލޯންޗުން ގެއްލުނު މީހާ ހޯދުމަށް ކުރަމުންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި އިއްޔެވެސް 300 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ހަތަރު ދުވަހުގެ ސާޗް އޮޕަރޭޝަނުގައި ވައިގެ މަގުން 2،000 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 665 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެެންޑީއެފުން ބުންޏެވެ.

"މިހާރު ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ވަނީ ހުއްޓާލެވިފައެވެ..،" އެމްއެންޑީއެފުން ބުންޏެވެ.

މިންހާޖު ހޯދުމުގެ މަސައްކަތް ފުލުހުން ވެސް ދަނީ ކުރަމުންނެވެ. ފުލުހުން ރޭ ބުނެފައިވަނީ ގެއްލުނު މީހާ ހޯދުމަށް އއ. ފެރިދޫގެ ހުޅަނގު ފުއްޓަރު ފަރާތު ކަނޑުގެ ސަރަހައްދަށް ޑައިވްކޮށް 8،573 މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ނަމަވެސް ޒުވާނާ ފެނިފައިނުވާ ކަމަށެވެ.

"މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން،" ފުލުހުން ބުނެފައިވެއެވެ.

މިންހާޖާއި އިތުރު މީހަކު ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު ކަމަށާއި އެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހުގެ ޑައިވް ޓީމެއް ހަމަ އެ ދުވަހު އއ. އަތޮޅަށް ގޮސް، މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ލޯންޗުން ދަތުރުކުރި ކަމަށް ބުނާ ދެމީހުންގެ ތެރެއިން އެކަކު، މިމަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 1:00 ހާއިރުން ފެށިގެން ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ 8:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

އޭގެ ތެރެއިން އެކަކު މިމަހުގެ ހަތްވަނަ ދުވަހު ފެރިދޫ ފުއްޓަރާ ދިމާއިން ފެނިގެން ވަނީ ފެރިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އޭނާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ ބުނެފައެވެ.

މިންހާޖު ފެނިއްޖެނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 119 ނުވަތަ 3322111 އަށް މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.