އެމެރިކާގެ ސްޕޭސް އެޖެންސީ ނޭޝަނަލް އެރޮނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ)ގެ ކުރީގެ އެސްޓްރޮނޯޓެއް ކަމަށްވާ ހެއިޑީމެރީ ސްޓެފަނީޝީން ރާއްޖޭގެ ސްޕޭސް މިޝަނާއި އެ މިޝަނުގެ ބައިވެރިންނަށް ތައުރީފުކުރައްވައިފިއެވެ.

ހެއިޑީއާއެކު ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރުގައި ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ރާއްޖޭގެ ސްޕޭސް މިޝަން ކުރިއަށްގެންދާ އިންސްޓިޓުއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން މިއަދު ބުނީ، ބޮޑެތި ގޮންޖެހުންތަކާ އެކުވެސް ރާއްޖެއިން ސެޓްލައިޓް ލޯންޗުކުރުމަށް ކުރާ މަސައްކަތަށް ހެއިޑީގެ އިތުރުން އެމެރިކާގެ އޮފިޝަލުން ތައުރީފުކޮށްފައިވާ ކަމަށެވެ.

ދިވެހި ސްޕޭސް ޓީމަށް ހިންގި ނެނޯ ސެޓްލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯހުގެ ސެޓްފިކެޓް ހަވާލުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ވެސް ޝަރަފުވެރިކޮށްދެއްވައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހެއިޑީއެވެ. ސެޓްލައިޓް ޑިޒައިންކޮށް ބިލްޑުކޮށް، ލޯންޗުކޮށް ސައިންޓިފިކް ރިސާޗް ހަދަން ދަސްކޮށްދޭ އެ ކޯސް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ކޭއެސްއެފް ސްފޭސް ފައުންޑޭޝަނުންނެވެ.

އައިޖީއެސް އިން ބުނީ ރާއްޖޭގެ ސްޕޭސް މިޝަންގެ ފުރަތަމަ އަމާޒަކީ ޕްރޮޓޮޓައިޕް ސެޓެލައިޓެއް އުފައްދައި ޓެސްޓުކުރުން ކަމަށާއި ޕްރޮޓޮޓައިޕް ސެޓެލައިޓަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަ ބެލުމުގެ ގޮތުން އުފައްދާ ސްޓެލައިޓެއް ކަމަށެވެ. އަދި އެ މިޝަނަށް ދީފައިވާ ނަމަކީ "އަޒުމް" ކަމަށް އައިޖީއެސް އިން ބުންޏެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

ރާއްޖޭގެ ސްޕޭސް މިޝަންގެ ޑައިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ އިންޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސްރިމަތީ ކޭސަންއެވެ. އޭނާއަކީ 2017 ގައި ނާސާއިން ލޯންޗުކުރި ދުނިޔޭގެ އެންމެ ކުޑަ ސެޓެލައިޓުގެ މިޝަންގެ ވެސް ޑައިރެކްޓަރެވެ.