ކުޑަކުއްޖެއްގެ ގައިގައި އެ ކުއްޖާގެ މާމަ ފިހިގަނޑަކުން ތަޅައި އަނިޔާކުރި މައްސަލަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައަކީ 2018 ވަނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، ކުޑަކުއްޖާ ފެންވަރަން އުޅެނިކޮށް، އެ ކުއްޖާގެ މާމަ، ދަފްތަރު ނަންބަރު ރސ 8905، އާމިނަތު ހަސަން، ފިހިގަނޑަކުން އެ ކުއްޖާގެ ގައިގައި ތަޅައި އަނިޔާކޮށްފައިވާތީއާއި އޭގެ ސަބަބުން ކުއްޖާއަށް އަނިޔާވެފައިވާ މައްސަލައެވެ.
އެ މައްސަލައިގައި ދައުލަތުން ވަނީ އާމިނަތުގެ މައްޗަށް ގައިގައި އަތްލުމުގެ ކުށުގެ ދައުވާކޮށްފައެވެ.
އެ މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ މައްސަލައިގެ ތަފްސީލެއް ކޯޓުން ހާމައެއް ނުކުރެއެވެ.
ސިއްރުން ކުރިއަށް ގެންދިޔަ އެ މައްސަލަައިގައި ކްރިމިނަލް ކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނެފައިވަނީ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް އެ މައްސަލަ ސާބިތުނުވާ ކަމަށެވެ.
މާމަދަރިއަކަށް މާމަ އަނިޔާކުރި މައްސަލަ ސާބިތުނުވާ ކަމަށް ނިންމި އިރު، ދޮންމަންމައަކު ދޮންދަރިއަކަށް އަނިޔާކުރި މައްސަލައެއްވެސް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިމަހުގެ ތެރޭގައި ހުކުމްކޮށްފައިވެއެވެ.