ސައޫދީ އަރަބިޔާގައި ދީނީ ކަންކަމަށް ޚާއްސަ ފުލުސް ފައުޖެއް އޮންނަ ބީދައިން އީރާނުގައިވެސް އެޒާތުގެ ފައުޖެއް އޮވެއެވެ. އީރާނުގެ ފައުޖު ޚާއްސަވަނީ އަޚުލާގީ ކަންކަމަށެވެ. ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ފައުޖަށް ނިސްބަތްވާ ފުލުހުން ވަނީ ބުރުގާ ނާޅައި އާއްމު ތަންތަނުގައި އުޅުމުގެ ކުށުގައި ގިނަ އަދަދެއްގެ އަންހެނުން ހައްޔަރުކޮށްފައެވެ. އޭގެތެރެއިން އެކަކީ ކުރުދީއެއް ކަމަށްވާ އުމުރުން ބާވީސް އަހަރުގެ މަހުސާ އަމީނީއެވެ. މީނާ ވަނީ ފުލުހުންގެ ހައްޔަރުގައި ހުއްޓައި މަރުވެފައެވެ. މީނާގެ މަރަކީ ފުލުހުންގެ އަނިޔާގެ ނަތީޖާކަމަށް ފެތުރުނު އަޑުތަކާއެކު މުޅި އީރާން ވަނީ ހަލަބޮލިވެފައެވެ. އެކި ކަންކޮޅުތަކުގައި ރައްޔިތުން ހަޅުތާލުކޮށް ސަލާމަތީ ބާރުތަކާ ކުރިމަތިލައި ނުހަނު ބޮޑު ގަޑުބަޑުތަކެއް ވަނީ ފެށިފައެވެ. އެތައްބަޔަކު މަރުވެ އެތައް އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ. ހަމަނުޖެހުންތައް އަދިވެސް ދަނީ ކުރިއަށެވެ.

މަހުސާ އަމީނީ މަރުވީ ފުލުހުންގެ އަނިޔާއިން ކަމަށް އަޑު ފެތުރުނަސް ސަލާމަތީ ބާރުތަކުން އެކަން ދޮގުކުރެއެވެ. އެމީހުން ބުނާގޮތުގައި އަމީނީ މަރުވީ ހާޓްއެޓޭކެއްގައެވެ. ކުރީއްސުރެ ތަހައްމަލް ކުރަމުން އައި ގިލަންވެރިކަމެއްގެ ސަބަބުންނެވެ. މިހާދިސާގެ ހަގީގަތް ދެނެގަތުމަށް އީރާނުގެ ސަރުކާރުން ވަނީ ޚާއްސަ ތަހުގީގެއް ފަށައިފައެވެ. އެހެންނަމަވެސް އާއްމުންގެ ގިނަބަޔަކު ގަބޫލުކުރާގޮތުގައި އަމީނީ މަރައިލީއެވެ. ކުރީއްސުރެ ބަލިމީހެކޭ އެކިޔަނީ ހަގީގަތް ފޮރުވުމުގެ ގޮތުންނެވެ. އެހެންވީމާ ސަރުކާރާ ދެކޮޅަށް ހަޅުތާލު ކުރަނީއެވެ. މައިތިރިވާން ބޭނުމެއް ނުވަނީއެވެ. މި ގަޑުބަޑު މިހާރުވަނީ ފަހަކަށް އައިސް އީރާނުގައި ނުހިނގާވަރުގެ ލޭއޮހޮރުވުން ބޮޑު، ބިރުވެރި ފިތުނަޔަކަށް ބަދަލުވެފައެވެ. ނަސްލީ ރޮނގުތަކުން ގައުމު ބައިބައިވުމުގެ ނުރައްކާވެސް ވަނީ ފެންމަތިވެފައެވެ.

އީރާނަކީ ތަފާތު ނަސްލުތަކުގެ މައްޗަށް އެކުލެވިގެންވާ ގައުމެކެވެ. އާބާދީގެ އެންމެ ބޮޑުބަޔަކީ ފާރިސީންނެވެ. އުތުރުގެ ސަރަހައްދުތަކުގައި ގިނައީ އަޒާރީންނާއި ކުރުދީންނެވެ. އިރުދެކުނުގައި ބަލޫޗީންނެވެ. ކުރުދީންނާއި ބަލޫޗީންގެ ތެރޭގައި ގިނައީ ސުންނީ މުސްލިމުންނެވެ. ފާރިސީންގެ ތެރޭގައި ގިނައީ ޝީއީންނެވެ. އެހެންވީމާ އީރާނުގެ ތެރޭގައި ގަޑުބަޑެއް ފެށޭ ކޮންމެ ފަހަރަކު، ނަސްލީ އަދި މަޒުހަބީ އުދާސްތަކުން ކަނިބުރަން ފަށައެވެ. މިފަހަރުވެސް އެކަން ހިނގަނީ މިމަގުންނެވެ. މަހުސާ އަމީނީއަކީ ކުރުދީ އަންހެނަކަށް ވެފައި ކުރުދީންގެ ރުޅިވެރިކަން ނުހަނު ބޮޑެވެ. ކުރުދީންވަނީ ހަތިޔާރުވެސް ބޭނުންކުރަން ފަށައިފައެވެ. އިރާގުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކުގެ މަދަދު އީރާނުގެ ކުރުދީންނަށް ދަނީ ލިބެމުންނެވެ.

މަހުސާ އަމީނީގެ މަރާއި ގުޅިގެން ފެށުނު ފިތުނައިގެ އަލިފާން ކުރުދިސްތާން ޕްރޮވިންސަށް ފެތުރި، ވަކިވެގަތުމުގެ ހަރަކާތެެއްގެ ސިފަވެސް ވަނީ އިޚުތިޔާރުކޮށްފައެވެ. އެހެންވީމާ އީރާނުގެ އިންގިލާބީ ގާޑުން ވަނީ ކުރުދިސްތާނު ޕްރޮވިންސުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފައެވެ. މި އޮޕަރޭޝަން އިރާގުގެ ކުރުދިސްތާނަށްވެސް ފުޅާކޮށް ކުރުދީ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއްވެސް ވަނީ ދީފައެވެ. އަނެއްކޮޅުން ކޮންމެވެސް ބަޔަކު މި އަލިފާނަށް ތެޔޮއެޅުމުގެ ނަތީޖާއެއްގެ ގޮތުން ދެކުނުގެ ސިސްތާން ޕްރޮވިންސުގެ ބަލޫޗީންވެސް ވަނީ ސަރުކާރާ ދެކޮޅަށް ތެދުވެފައެވެ. ބައެއް މީހުން ހަތިޔާރާއެކުގައެވެ. އެމީހުންނަށް މަދަދު ލިބެނީ އަވަށްޓެރި ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ހަރަކާތެރިވާ ހަނގުރާމަވެރިންގެ ފަރާތުންނެވެ.

މަހުސާ އަމީނީގެ މަރަކީ ފުލުހުންގެ އަނިޔާ ކަމަށް ވެދާނެއެވެ. އަދި އެއީ އީރާނުގެ ފުލުހުން އެބުނާ ފަދައިން ކުރީއްސުރެ ތަހައްމަލް ކުރަމުން އައި ގިލަންވެރިކަމެއްގެ ނަތީޖާ ކަމަށްވެސް ވެދާނެއެވެ. ކޮންމެ ސަބަބަކާލައިގެން މެދުވެރިވި ކަމަކަށްވިޔަސް އެ މަރު ވެފައިވަނީ އީރާނުގެ ގައުމީ ބިންގަލަށް ގުޑުން އަރުވައިލި މަރަކަށެވެ. މި ގަޑުބަޑުތަކުގެ ތެރެއިން ފާޅުކޮށް ރީއްޗަށް ފެންނަ ހަގީގަތަކީ އީރާނުގެ އަދާވާތްތެރިން މިކަމުގައި އަދާކުރަމުންދާ ދައުރެވެ. އެމެރިކާޔާއި އިޒްރޭލުންނެވެ. އަދި އަރަބި ބައެއް ގައުމުތަކުންނެވެ. މި އަލިފާންގަނޑަށް ތެޔޮ އަޅަމުންދަނީ މިދެންނެވި ގައުމުތަކުންނެވެ. އެކަން އެކުރަނީ އީރާނުގެ ރައްޔިތުންނަށް ހެޔޮއެދޭތީ އެމީހުންގެ ހައްގުގައޭވެސް އެބަބުނެއެވެ. އީރާނަށް ހެޔޮގޮތް ބޭނުންވާތީ ކަމަށްވެސް އެބަބުނެއެވެ.

ނޫނެކެވެ. އެއީ ދޮގެކެވެ. އެބުނާ ހިތްހެޔޮ ކަމެއް ނެތެވެ. އޮތީ އެންމެ ބޭނުމެކެވެ. ފިތުނަ އުފައްދައި އީރާނު ބައިބައިކުރުމެވެ. ބަލިކަށި ކުރުމެވެ. ސަރުކާރު ބަދަލުކުރުމެވެ. މި މަގުސަދުގައި އެކިއެކި ރޭވުންތައް ރާވަމުން އެދަނީ 1979 ވަނަ އަހަރުން ފެށިގެންނެވެ. އީރާނުގެ އިސްލާމީ އިންގިލާބާ ހަމައިންނެވެ. އިރާގުގެ ސައްދާމު ހުސައިން މެދުވެރިކޮށް އަސްކަރީގޮތުން އީރާނު ފުނޑައިލާންވެސް އުޅެފިއެވެ. އަދިވެސް ކިތަންމެ ކަމެކެވެ. ކާމިޔާބު ނުވަނީއެވެ. އީރާނުގެ ރައްޔިތުންނަށް ހެޔޮގޮތް އެދޭކަމަށް ބުނާ މީހުން އެތިބީ އީރާނުގެ ރައްޔިތުންނަށް ދަތިކުރުމަށް ނަންހުސްކޮށް ފިޔަވަޅުތައް އަޅައިގެންނެވެ. ހެޔޮއެދޭ މިންވަރު ބޮޑުކަމުން އެމެރިކާއިން އެކުރާ ކަމަކީ ފިތުނައަށް ވާގިވެރިވުމަށް ފަސޭހައިން އިންޓަރނެޓް ލިބޭނޭގޮތް ހަދައިދެނީއެވެ. ސަރުކާރުން އިންޓަރނެޓް ކޮންޓްރޯލްކުރާތީ ފިތުނައިގެ ދުނިޔެ އީރާނުގެ ރައްޔިތުންނަށް ހުޅުވައިދެނީއެވެ.