ހެނދުނުހެނދުނާ ހޫނުފެނުން ފެންވެރުމުން ހަށިގަނޑަށް އަރާމު ހޯދާ މީހުން ދުނިޔޭގެ ނިސްބަތުން ގިނައިރު މިހާރު މިއީ ރާއްޖޭގައިވެސް މަދުކަމެއް ނޫނެވެ. ހޫނުފެނުން ފެންވެރުމަށްޓަކައި ބައެއްމީހުން ފެންހޫނުކުރާ ހީޓަރު ފާހާނާގައި ބަހައްޓާފައި ހުންނައިރު ފެންކައްކާ ޖަގުން ނޫނީ ނަރުގަނޑުން ފެންހޫނުކޮށްގެން ފެންވަރާ މީހުންވެސް މަދެއްނޫނެވެ. މާލޭގެ ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން އަމިއްލަ މިނިވަންކަމުގައި އަމިއްލަ ފާހާނާއެއް، ކުއްޔަށް އުޅޭ ގޭގައި ނުވަތަ ކޮންމެވެސް އެހެންގޮތަކުންވެސް ތިމާގެ އަމިއްލަ ނޫން ގެއެއްގައި އުޅޭނަމަ އަމިއްލަ ފާހާނާއެއް ނުހުރެއެވެ، އެހެންކަމުން ފެންވެރުމަށް ހޫނުފެން ބޭނުންކުރަންޏާ މިޖެހެނީ ފެން ކައްކާށެވެ. އެކަމަކު މިބުރަވެސް ފަސޭހައަކަށް ހަދައިގެން ތިންހަތަރު ޖަގު ފެންކައްކައިގެން ފެންވަރަން ވަންނަ މީހުންވެސް މަދެއްނޫނެވެ.
ހޫނުފެނުން ފެންވެރުމުން ލިބޭ ސިއްހީ ފައިދާތަކަށް ވިސްނުމާއި ފިކުރު ބަހައްޓާ ގޮތަށް ފިނިފެނުން ފެންވެރުމުންވެސް ލިބޭ ފައިދާތައް މަދެއްނޫނެވެ. އެހެންކަމުން ފިނިކޮށް ފެންވެރުމާއި ހޫނު ފެނުން ފެންވެރުމުގެ ފައިދާތައް އެނގުމުން މިދޭތި އަޅައިކިޔާލެވިދާނެއެވެ. އަދި ދޭތީގެ ތެރެއިން އެންމެ ރަނގަޅު އެތި ދެނެގަތުމަށް ފަސޭހަވެސް ވާނެއެވެ.
މި ލިޔުމުގައި ފިނިފެން ކަމަށް މާނަ ކޮށްފައި އެވަނީ އައިސް ފެނަކަށް ނޫނެވެ. އާންމުކޮށް އިސްކުރުން އަންނަ އާދައިގެ ފެނަށެވެ.
- ފިނިފެނުން ފެންވެރުމުން ތަޣައްޔަރުވުމުން ހަންގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދީ، ހަންގަނޑު ބާރުކޮށް ވަރުގަދަކޮށްދީ، ސެލް އުފެއްދުން ރަނގަޅުކޮށްދޭ
- ހޫނުފެނުން ފެންވެރުމުން މަސްތަކާއި ހުޅުތަކުގައި ހުންނަ ކުދިތަދުތައް ލުއިކޮށްދޭން އެހީތެރިވެދޭ
- ފިނިފެނުން ފެންވެރުމުން ދިފާއީ ނިޒާމު ވަރުގަދަކޮށްދޭން އެހީތެރިވެދޭ
- ހޫނުފެނުން ފެންވެރުމުން ނޭފަތުގެ ދޮރު ސާފުކޮށްދޭ
- ފިނިފެނުން ހަންގަނޑު ތެތްކޮށްދޭ
- ހޫނުފެނުން ފެންވެރުމުން ދުޅަވުމާއި ފުއްޕާމޭގެ އަސަރު ކުޑަކޮށްދޭ
- ފިނިފެނުން ފެންވެރުމުން އިސްތަށިގަނޑު ވެއްޓުން މަދުކޮށްދޭ
- ހޫނުފެނުން ފެންވެރުމުން ރަނގަޅަށް ނިދުމަށް އެހީތެރިވެދޭ
- ފިނިފެނުން ފެންވެރުމުން ވޯކްއައުޓަކަށްފަހު ރިއްސާ މަސްތަކަށް ރިލެކްސް ކޮށްދޭ
- ހޫނުފެނުން ފެންވެރުމުން ސާފު ހަންގަނޑެއް ލިއްބައިދީ، ލެއްޕިފައިވާ ޕޯލްސްތައް ހުޅުވައި ސާފުކޮށްދޭ
- ހޫނުފެނުން ފެންވެރުމުން ބޮލުގެ ރިއްސުން ފިލުވައިލަން އެހީތެރިވެދޭ
- ފިނިފެނުން ފެންވެރުމުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ
- ހޫނުފެނުން ފެންވެރުމުން ވަރުބަލިކަމާއި ގައިގެ ރިހުންތަކުން ދުރުކޮށް ބާރުއިތުރުކޮށްދޭ
ހަންގަނޑު ހިކިގެންދާނަމަ މާގިނައިން ހޫނުފެން ބޭނުން ނުކުރާށެވެ. ފެންވަރާއިރު ބޭނުންކުރާ އުފެއްދުންތަކަށް ސަމާލުކަން ދިނުން އަބަދުވެސް މުހިންމެވެ.
ހޫނުފެނުން ފެންވެރުމުގެ ފައިދާ އެންމެ ބޮޑަށް ފެންނަ އެއްވަގުތަކީ ނިދުމުގެ ގަޑިއެއް ދެގަޑިއެއްހާއިރު ކުރިން ހޫނުފެނުން ފެންވެރުމެވެ.
ހާސްކަން ބޮޑު ދުވަހެއްގެ މަސައްކަތަށްފަހު ހަށިގަނޑަށް އަރާމު ހޯދައިދިނުމަށް އުނދަގޫވެގެން އުޅޭކަން ފާހަގަ ވެއްޖެނަމަ ހޫނުފެނުން ފެންވަރާލާށެވެ. ސަބަބަކީ ހޫނުފެނުން ފެންވަރާއިރު، ނާރުތަކާއި މަސްތަކަށް އަރާމުވެ ލުއިވަމުންދާނެއެވެ. ހަށިގަނޑުގައި ލޭދައުރުވުން ރަނގަޅުކޮށްދީ ފައިގެ ކަކުލާއި ކޮނޑުފަދަ ހުޅުތަކުގައި ހުންނަ ނޭނގޭ ދުޅަވުންތައްވެސް ނެތިކޮށްލާނެއެވެ.
ޝަވަރެއްގެ ދަށުގައި ހުންނައިރު ފެނުން އުފެދޭ ހޫނުކަމާއި އެ ހޫނުގެ ސަބަބުން ލުއިވެ، ނޭވާލާ ނިޒާމު ހުޅުވައި، ނޭފަތުގެ މަގު ސާފުކޮށްދެއެވެ. ހުން އައުމާއި ކެއްސުމަށް ބޭނުންކުރާ ގަދީމީ ގުދުރަތީ ފަރުވާއަކީ ނޭފަތުން އާވި އެރުވުމެވެ. ހޫނުފެނުން ފެންވަރާއިރު ފެނުގައި ހުންނަ ހޫނުއަސަރުގެ ސަބަބުން ނޭވާލާ ނިޒާމު ހުޅުވައި ނޭފަތް ސާފުކޮށްލަދެއެވެ. އަދި ހަމުގައި، ހާއްސަކޮށް މޫނުގައި އަދި އާންމުކޮށް މުޅިގައިގެ އެކިތަންތަނުގައި ނަގާ ބިހިތަކާއި ބްލެކްހެޑްސްތައް ނައްތާލައި ހަންގަނޑު ސާފުކޮށްދޭން އެހީތެރިވެއެވެ.
ހޫނުފެނުން ފެންވެރުމުން ހަށިގަނޑުގައި ހުންނަ ހާސްކަމާއި ވަރުބަލިކަން ފިލުވައިލައި މަސްތަކަށް އަރާމުކަން ގެނެސްދެއެވެ. ވަރުބަލިކަމަށްފަހު ހޫނުފެނުން ފެންވެރުމުން ނިންޖަށް ފަސޭހަވެއެވެ. އެހެންކަމުން އާދައިގެ މިނެއްގައި މާ ހޫނުނޫން ވަރަކަށް ފެން ހޫނުކޮށް ބަހައްޓައިގެން ފެންވަރާލާށެވެ. އޭރުން ނިދުމަށްވެސް ތައްޔާރުވެވުނީއެވެ.
ހަމުގެ ޑޮކްޓަރުން ލަފާދެނީ ދުވާލަކު އެއްފަހަރު ހޫނުފެނުން ފެންވެރުމަށެވެ. ދިގު މުއްދަތަކަށް ހޫނުފެނުން ފެންވަރާކަމުގައިވާނަމަ ހަންގަނޑާއި އިސްތަށިގަނޑު ހިކިގެންދާނެތީ، ހާއްސަކޮށް ހަމުގެ އެއްވެސް މައްސަލައެއް އުޅޭނަމަ ފަސްމިނެޓަށްވުރެ ގިނައިރު ހޫނުފެން ގަޔަށް އަޅައި ފެންވެރުން އެންމެ ރަނގަޅު ނުވެދާނެއެވެ. މިގޮތަށް ފެންވެރުމުގައިވެސް ބޭނުންކުރާ އުފެއްދުންތަކަށް ހާއްސަ ސަމާލުކަމެއްދިނުން މުހިންމެވެ. ބައެއްފަހަރު އަތާއި ފަޔާއި މޫނު އަދި ކަނދުރާދަށް ސާފުކޮށް ދޮވެލުމުން ފުދޭނެއެވެ. މިއީ ގިނަގިނައިން ހޫނު ފެނުން ފެންނުވެރުމަށް ކުރެވިދާނެކަމެކެވެ. ބައެއް ކަހަލަ ސިއްހީ މައްސަލަތައް ހުންނަ މީހުން ސިއްހީ މާހިރުންގެ ލަފާ ހޯދުންވެސް މުހިންމެވެ.
ފިނިފެނުން ފެންވެރުމަށް އެންމެ ރަނގަޅީ ވަރުގަދަ ކަސްރަތަކަށް ނުވަތަ މަސައްކަތަކަށް ފަހު ނޫނީ ނިދިން ހޭލައިގެން މާގިނަ ވަގުތު ނުނަގައި އަދި މަސައްކަތުން އެނބުރި އައިހެވެ.
ފިނިފެނުން ފެންވަރާއިރު އިސްތަށިގަނޑުގައި ހުންނަ ގުދުރަތީ ތެޔޮތައް ފިލުވައިލައި ނައްތައެއް ނުލެވޭނެއެވެ. ފިނިފެނުން ހަމަށް ތާޒާކަމާއި ފިނިތެތްކަން ގެނެސްދެއެވެ. ހެނދުނުހެނދުނާ ފިނިފެނުން ފެންވެރުމުން، ގައިގައި ޖެހޭ ފިނިފެންތިކިތަކުން، ސިއްސައިގެން ގޮސް ފުރިހަމައަށް ހޭލެވެއެވެ. މިކުއްލި ސިހުމުގެ ސަބަބުން ހިތުގެ ދުވެލި އިތުރުވެ، އޮކްސިޖަން ލިބުން އިތުރަށް ފަސޭހަވެ އިތުރު ހަކަތަ ހަށިގަނޑަށް ލިބި، ހަށިގަނޑު އެދުވަހަށް ގަދަފަދަކޮށްދެއެވެ.
މިދެގޮތުން ކުރެ ކޮންމެ ގޮތެއްގައިވެސް އެ ހުންނަ ފައިދާތައް އަދި ގެއްލުންތައް ބޮޑަށް ގުޅިފައި ހުންނާނީ ތިމާގެ ސިއްހަތު ހުރި ގޮތެއްގެ މައްޗަށެވެ. މިސާލަކަށް ހުމާއި ރޯގާ ހުރުން، ހަމުގެ ބޮޑެތި މައްސަލަތައް ހުރުން ފަދަ ކަންކަމަކީ ވިސްނުން މުހިންމު ކަންކަމެވެ. މިސާލަކަށް ރޯގާ އެންމެ މަގތީ ދަރަޖައިގައި ހުންނަ އިރު ހަށިގަނޑު އިތުރަށް ފިނިވުން އެންމެ ރަނގަޅެއް ނުވާނެ އެވެ. ހަމަ އެފަދައިން ހަމުގެ ބައްޔެއް ހުންނަ މީހާ މާ ގިނައިން ހޫނުފެނުން ފެންވެރުންވެސް އެންމެ ރަނގަޅު ނުވެދާނެ އެވެ. މި ފަދަ ހާލަތްތަކުގައި ސިއްހީ މާހިރުންގެ ލަފާ ހޯދުން ރަނގަޅު ވާނެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް