ގައުމީ ސީނިއާ ފުޓުބޯޅަ ޓީމުގެ އިޓަލީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އެއްބަސްވުން އާކޮށްފިއެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމަށް އިޓަލީގެ މޮރިއޭރޯ ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މޮރިއޭރީ ޓީމާ ހަވާލުވެފައިވަނީ މިދިޔަ އަހަރު ރާއްޖޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕަށް ފަހުގައެވެ. މިމަހަށް އެފަހަރުގެ އެއްބަސްވުން ހަމަވާން އޮތް އިރު، ކޯޗު މިފަހަރު އެއްބަސްވުން އާކުރީވެސް އަހަރަކަށް ކަމަށް މޮރިއޭރޯ "ވަން" އަށް ބުނެފައިވެއެވެ.
މޮރިއޭރޯގެ ކޯޗުކަމުގެ ދަށުން ގައުމީ ސީނިއާ ޓީމު އެންމެ ފުރަތަމަ ދިޔައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕަށެވެ. އެ މުބާރާތުގައި ރާއްޖެ ލަންކާއާ އެއްވަރުވި އިރު، ބަންގުލަދޭޝް އަތުން ބަލިވެ މުބާރާތް ނިންމާލަން ޖެހުނީ ސީޝެލްސް ކައިރިންވެސް އެއްވަރުވެގެންނެވެ. އެއަށްފަހު ރާއްޖެ އައިސް ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު ރާއްޖެއިން ކަމިޔާބުކޮށްފައިވެއެވެ.
މޮރިއޭރޯގެ ދެވަނަ ޗެލެންޖަކަށް ގައުމީ ޓީމާއެކު ނުކުތީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ފަހު ބުރަށެވެ. އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ތައިލެންޑު ކައިރީ 3-0 އިން ބަލިވި އިރު، އުޒްބެކިސްތާނު އަތުން ބަލިވީ 4-0 އިންނެވެ. އެފަހަރު ފަހު މެޗުން ރާއްޖެ ވަނީ ސްރީ ލަންކާ ކައިރިން މޮޅުވެފައެވެ.
މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖެއިން ދާދިފަހުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުން ވަނީ މޮޅުވެފައެވެ. އެއީ ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗަކާއި ބުރުނާއީއާ ދެކޮޅަށް ކުޅުނު މެޗެކެވެ.
އިޓަލީ ކޯޗު މޮރިއޭރޯ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އިޓަލީގައި ވިދާލައިފައެވެ. ކަގިލިއަރީ އާއި ރޯމާގެ އިތުރުން ނަޕޯލީ އާއި އިންޓަ މިލާނަށްވެސް މޮރިއޭރޯ ކުޅެފައިވާ އިރު، އޭނާ ވަނީ އިންޓަ މިލާނާއެކު 1997-98 ގެ ޔޫއެފާ ކަޕް، ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައެވެ.
މޮރިއޭރޯއާއެކު އިންޓައަށް ކުޅުނު މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ރޮނާލްޑޯ އާއި އާޖެންޓީނާގެ ހާވިއާ ޒެނެޓީވެސް ހިމެނެއެވެ. ވިންގަށް ކުޅުނު މޮރިއޭރޯ އިޓަލީ ގައުމީ ޓީމަށް ކުޅެފައިވަނީ އަށް މެޗެކެވެ. ގައުމީ ޓީމުގައި އޭނާގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 1998 ވަނަ އަހަރު ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުމެވެ. އެފަހަރު ވޯލްޑް ކަޕުން އިޓަލީ ކެޓީ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން ބަލިވެގެންނެވެ.
މޮރިއޭރޯ ކޯޗުކަމަށް އޭޝިއާއަށް ފުރަތަމަ ފަހަރަށް އައިސްފައިވަނީ ރާއްޖޭގެ ކޯޗުކަމަށެވެ. އޭނާއާއެކު ގައުމީ ޓީމަށް އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ޕޯޗުގަލްގެ ސިމާއޯ ކޯސްޓާވެސް ގައުމީ ޓީމަށް ގެނެސްފައިވާ އިރު، އޭނާ އެއްބަސްވުން އާކޮށްފައެއް ނުވެއެވެ. ސިމާއޯ ކޯސްޓާ ކޯޗުކަމުން ވަކިވެގެން ދަމުން ބުނެފައިވަނީ މުސާރަ ނުދޭތާ ހަތް މަސްވެފައިވާ ކަމަށެވެ. އޭގެ އިތުރުން ގައުމީ ކޯޗު މޮރިއޭރޯގެ ތަރުޖަމާނަކަށް ހުރި އެމިލިއޯ މިގްނޯލީވެސް އެމަގާމު ދޫކޮށް ގޮސްފައިވަނީ މުސާރައިގެ މައްސަލަތަކެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިދިޔަ ދެ އަހަރެއްހާ ދުވަސްތެރޭގައި ގިނަ ކޯޗުންތަކެއް ވަނީ މުސާރައިގެ މައްސަލަތަކެއްގައި ފީފާގައި އެފްއޭއެމްއާ ދެކޮޅަށް ކާމިޔާބުކޮށްފައެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަމުގައި މިދިޔަ އަހަރު ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިތުރުން އޭނާގެ އެސިސްޓެންޓް ރެނޭ ހިޑިންކާއި އަންހެން ޓީމުގެ ކޯޗުކަމުގައި ކުރިން ހުރި ޑެވޮން ބަބާވެސް ވަނީ ފީފާއިން މައްސަލަ ކާމިޔާބުކޮށްފައެވެ. އެ ކޯޗުންނަށް ބަދަލުގެ ގޮތުގައި އެފްއޭއެމަށް ބޮޑެތި އަދަދުތަކެއް ދޭން ޖެހެއެވެ. ރެނޭއަށް އެކަނިވެސް 187،375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ފީފާގެ ޓްރައިބިއުނަލުން އެފްއޭއެމަށް ވަނީ އަންގައިފައެވެ.
ފްރެންޗެސްކޯ މޮރިއޭރޯ
ފްރެންޗެސްކޯ މޮރިއޭރޯ
ފްރެންޗެސްކޯ މޮރިއޭރޯ