އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023 ގައި މިއަދު ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. ބައްޔާއެކު ސެމީ ފައިނަލަށް ދާން ދެން ރާއްޖެއަށް އޮތީ ވަރަށް އުނދަގޫ މަގެކެވެ. އެއީ ވަރުގަދަ ލުބުނާން ބަލިކުރުމެވެ. ރާއްޖެ އާއި ލުބުނާން އަދި ބަންގްލަދޭޝް އަށްވެސް ގްރޫޕްގައި މިހާތަނަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕް ބީގައި މިރޭ ލުބުނާނާއި ބޫޓާން ވާދަކުރާނެއެވެ.
މިއަދުގެ ބައްޔަކީ ތަފާތު ބޮޑު ބައްޔެއް ނޫނެވެ. މިއަދުގެ ބައްޔަކީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ބޮޑު ބައްޔެކެވެ. ހާއްސަކޮށް ބަންގްލަދޭޝްއަށް ގައުމީ ބޮޑު އުފާވެރިކަމަކަށް މިއަދުގެ މޮޅު ވާނެއެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކުރަން އެގައުމުން ކުރަމުން އަންނަ ބުރަ މަސައްކަތެއް މިއަދު ކާމިޔާބުވީތީއެވެ. މިއީ މިދިޔަ 20 އަހަރު ތެރޭގައިވެސް ސާފް ޗެމްޕިއަންޝިޕް މެޗެއްގައި ރާއްޖެއިން ބަންގްލަދޭޝް ކައިރިންވި ފުރަތަމަ ބައްޔެވެ. މިއަދުގެ ކުރިން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކައިރިން މޮޅުވެފައި އޮތީ 2003 ވަނަ އަހަރުއެވެ. އޭރަށްފަހު ބަންގްލަދޭޝް، ރާއްޖެ ކައިރިން ދެ ފަހަރަށް މިހާރު މޮޅުވެފައިވާ އިރު، އެ ދެ ފަހަރުވެސް ކޯޗަކަށް މިހުރީ ރާއްޖޭގެ އިޓަލީ ކޯޗު، ފްރެންޗެސްކޯ މޮރިއޭރޯއެވެ. 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ބަންގުލަދޭޝްއިން ރާއްޖެ ބަލިކުރި ފަހުން އެގައުމަށް ފުރަތަމަ ފަހަރަށް ރާއްޖެ ބަލިކުރެވުނީ 2021 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައެވެ.
އެފަހަރުވެސް ކޯޗު އެދުނީ މައާފަށެވެ. އަދި ވައުދުވީ އާ ޓީމެއް ރަނގަޅަށް ބިނާކޮށް، އަލުން ތައްޔާރުވާނެ ކަމަށެވެ. އޭރު ހުރީވެސް ތަރުޖަމާނަކާ އެކުގައެވެ. 2021 ވަނަ އަހަރު ގައުމީ ޓީމާ ހަވާލުވި މޮރިއޭރޯއަށް ފުރަތަމަ މުބާރާތަކީ ސްރީ ލަންކާގައި ކުޅުނު ފޯ ނޭޝަންސް ކަޕެވެ. އެ ފަހަރުވެސް ގޯހުން ގޯހަށް ނަތީޖާތައް ގޮސް، ކޯޗު ޒިންމާ ނެގީ ކަންކަން ރަނގަޅު ކުރުމަށެވެ. އެކަމަކު މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކޯޗު މޮރިއޭރޯއަށް އޭނާ ބޭނުންވާ ފިލޯސަފީއަށް ޓީމު ހޭނިފައެއް ނުވެއެވެ. ގިނަ ފަހަރު ރާއްޖޭގެ ލީގުގެ "ދަށްކަމަށް" ވާހަކަ ދައްކައި، ކޮންމެވެސް އެހެން ވާހަކަތަކެއްގައި ނޫސްވެރިން ޖައްސާލައެވެ. އާންމުކޮށް މޮރިއޭރޯ ނޫސްވެރިންނާ ވާހަކަ ދައްކަން ދެކޮޅު ހަދާ އެއް ސަބަބަީ ތަރުޖަމާނެއް ނެތުން ކަމަށްވެސް ވެދާނެއެވެ. ސާފަށް ތައްޔާރުވުމަށް ދިން އިންޓަވިއުތައްވެސް އާންމުކޮށް މޮރިއޭރޯ ނޫސްވެރިންނަށް ދިނީ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) މެދުވެރިކޮށް، ޓެކްސްޓް މެސެޖުންނެވެ. ޖަޕާނަށް ތަމްރީނު ކޭމްޕަށް ފުރި ދުވަހުވެސް ނޫސްވެރިންނާ ވާހަކަ ދައްކަން ކޯޗު ދެކޮޅު ހެދިއެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތުން "ފުޓުބޯޅައިގެ ޖުމުލަ ޒިންމާ" ކޯޗު އެކަނި ނަގަން ނުޖެހޭކަންވެސް ޔަގީނެވެ. ރާއްޖޭގެ ފުޓުބޯޅަ، ކްލަބުތަކުގެ ހާލަތުން ފެށިގެން ގޮސް، ގޯސްކޮށް ދިޔަތާ މިވީ ދެތިން އަހަރެއްވެސް ނޫނެވެ. ސަރަހައްދީ ގައުމުތަކުން ކުރިއަރާ ވާހާކަ މީގެ ކުރިންވެސް ދެކެވިއްޖެއެވެ. ކަން އޮތީ އެހެނެވެ. އެހެން ނަމަވެސް، އޭރަކު ހުންނަ ކޯޗަކީ ގައުމީ ޓީމަށް ޒިންމާ ނަގަން ޖެހޭ ފަރާތެވެ. ގައުމީ ޓީމުގެ ކޮންމެ ޕްލޭނަކަށްވެސް ޒިންމާ ނަގަން ޖެހޭނީ ހަމަ ކޯޗެވެ. ކުޅުންތެރިން "ބޮލަށް" ބަލިވުން ޖެހި ކަހަލަ މޭރުމަކުން ކޯޗު ވާހަކަ ދެއްކުމަށްފަހު މީޑިއާއާ ކުރިމަތިލާން މަޑުނުކުރުމަކީ ޔަގީނުންވެސް ދިވެހީން ބޭނުންވާ ޖަވާބުތަކަށް ހުރަސް އެޅުމެވެ.
"ވިހި މިނިޓް ޕާސް ޕާސް ދީފައި، ދެން ނުފެނުނު އެއްވެސް ކަމެއް. މިއީ ގައުމީ ޓީމެއްގެ ކުޅުމެއް ނޫން. އަހަރެން ވަރަށް ބޮޑަށް ދިވެހިންގެ ކިބައިން މާފަށް އެދެން، މިކަން މިހެން ކުރުމަކީ އިމްޕޮސިބަލް ކަމެއް،" މިއަދުގެ ޕޯސްޓް މެޗުގައި ރުޅި ގަދަވެފައި ހުރެ މޮރިއޭރޯ ޕްރެސް ދޫކޮށްލީ ކުޅުންތެރިން "ބޮލަށް" ބަލި ކަނޑާލި ކަހަލަ މޭރުމަކުން ވާހަކަ ދައްކައިފައެވެ.
ސާފްގެ ކުރިން މަހެއް ދުވަހު ރާއްޖެއިން ތަމްރީނު ކުރިއެވެ. އެކުވެރިކަމުގެ މެޗެއް ނުކުޅެ އޮތް އޮތުމަކީ އެންމެ ބޮޑު އެއް މައްސަލައަށްވީ އިރު، އެކަން ނުކުރީވެސް ކޯޗު ބޭނުންވެގެންނެވެ. ކޯޗުގެ ނަޒަރުގައި އެކުވެރިކަމުގެ މެޗު ކުޅުމަކީ އަނިޔާގެ މައްސަލަތައް ދިމާވާ ކަމެކެވެ. ރާއްޖެއިން މިހާތަނަށް ސާފްގައި ނިންމާލި ދެ މެޗުގައިވެސް އޯގަނައިޒިން ފުޓުބޯޅައެއް ކުޅުނުތަނެއް ނުފެނެއެވެ. ވަރުބަލިކަން ޓީމުން ފެނުނެވެ. އަދި ހަމަ އެހެންމެ، ކުޅުވަން އުޅުވާ ސްޓައިލެއް ދޭހަވީވެސް މަދު ފަހަރަކުއެވެ.
މިއަދުގެ ޕްރެސްއަށް ގޮސް، މޮރިއޭރޯ އެ ބުނި އެއްޗެއް ބުނެފައި ދިޔުމުން، ނޫސްވެރިންގެ ޝަކުވާ އާއި ކަންބޮޑުވުމަށް ޖަވާބުދާރީވަން އަމިއްލައަށް އިސް ނެގީ މެނޭޖަރު ޝިބާއެވެ. މޮރިއޭރޯ މިއަދުގެ ޕްރެސް ދޫކޮށް ދާން ފެށުމުން ޝިބާއަށްވެސް އޭނާ ކޮންޓްރޯލް ކުރެވިފައި ނުވާ އިރު، ޝިބާ ބުނީ ކޯޗު ދިޔައީ "ވަރަށް ބޮޑަށް ރުޅިގަދަ ވެގެން" ކަމަށެވެ. އަދި ކޯޗު އެކަން ކުރި ގޮތަށް ފިޔަވަޅު އަޅަން އެފްއޭއެމްއިން މަޝްވަރާކުރާނެ ކަމަށްވެސް ޝިބާ ދިޔައީ ބުނަމުންނެވެ.
"ކޯޗާ ދޭތެރޭ ފިޔަވަޅު އެޅުމަށް ވާހަކަ ދައްކައި، މަޝްވަރާ ކުރާނެ. އަދި އެ މައްސަލަ ބަލާނެ،" ގައުމީ ޓީމުގެ މެނޭޖަރު ޝިބާ ބުންޏެވެ.
ޝިބާ ގާތުން ނޫސްވެރިން ވަނީ ކޯޗު "ސެކް" ކޮށްލާނެތޯވެސް ސުވާލުކޮށްފައެވެ. އެ ސުވާލަށް ޝިބާ ދިން ޖަވާބަކީ "އެއީ އޭނާގެ އަތުގައި،" އޮތް ބާރެއް ނޫން ކަމަށާއި ކޯޗުގެ ކަންކަމާ ގުޅޭ ގޮތުން އެފްއޭއެމް ތެރޭގައި މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ޝިބާ ބުންޏެވެ.
ކޮންމެއަކަސް ކޯޗު އަމިއްލައަކަށް އިސްތިއުފާއެއް އަދި ނުދެއެވެ. ޑްރެސިން ރޫމަށް ގޮސް ނުދޭނެ ކަމެއް، ނޫންނަމަ އަމަލުކުރާނެ ގޮތެއް ބުނާކަށް ނޭނގެއެވެ. ކޯޗުގެ ފަރާތުން ފެނުނީ އެންމެ ރަނގަޅު މަންޒަރު ނޫންކަން ޔަގީނެވެ. ދިވެހި ސަޕޯޓަރުންނަށް "މައާފަށް" އެދުމަކުން ނުފުދެއެވެ. ސާފްގައި ފެނުނު އެންމެ ދަށް ނަތީޖާތަކާއެކު ކޯޗު "ޖަވާބުދާރީވާން" ޖެހެއެވެ. އަދި ފުޓުބޯޅައަށް އެތައް ބަޔަކު ޖަވާބުދާރީވާންވެސް ޖެއެވެ.
ކުޅިވަރު ރިޕޯޓް
ކުޅިވަރު ރިޕޯޓް
ކުޅިވަރު ރިޕޯޓް
ކުޅިވަރު ރިޕޯޓް