ޚަބަރު

މަޖިލީހުގެ ރައީސަށް ކޮމިޓީތަކަށް މައްސަަލަ ފޮނުވޭނެތޯ އުފެއްދި ސުވާލާ ގުޅިގެން ކައުންސެލް ޖެނެރަލްގެ ލަފާ ހޯދަނީ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ސީދާ ކޮމިޓީތަކަށް މައްސަލަ ފޮނުވިދާނެތޯ މެންބަރަކު އުފެއްދެވި ސުވާލަކާ ގުޅިގެން، ގާނޫނީގޮތުން އެކަން އޮންނަ ގޮތެއް އޮޅުންފިލުވުމަށް މަޖިލީހުގެ ކައުންސުލް ޖެނެރަލްގެ ލަފާއެއް ހޯދަން ނިންމައިފިއެވެ.

މަޖިލީހުގެ ރައީސް ބައްލަވަން ބޭނުންފުޅުވެ ވަޑައިގަންނަވާ މައްސަލައެއް ބެއްލެވުމަށް، އެމަނިކުފާނުގެ ފަރާތްޕުޅުން ސީދާ މަޖިލީހުގެ ކޮމިޓީއަށް ފޮނުވިދާނެތޯ، ސުވާލު އުފެއްދެވީ މިއަދު އޮތް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ނާއިބު މުގައްރިރު ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޝަހީމެވެ.

އޭނާ އެ ސުވާލު އުފެއްދެވީ، އިނގިރޭސިވިލާތުގެ ޕާމަނަންޓް ރެސިޑެންޓެއް ކަމަށްވާ އިންތިކާބު އިދުރީސް ކިޔާ މިީހަކާއި ސްރީލަންކާގެ މީޑިއާ އޮފިޝަލެއް ރާއްޖެއަށް އައުމުން އިމިގްރޭޝަން މުވައްޒަފެއްގެ ފަރާތުން ފުރައްސާރަ ކުރިމަތިވެ، އެ ފަރާތްތައް ރާއްޖެއިން ފޮނުވާލާފައިވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށްބުނެ، މަޖިލީހުގެ ރައީސްގެ ފަރާތުން އެ މައްސަލަ ބަލައިދިނުމަށް ކޮމިޓީއަށް ހުށަހެޅުމާ ގުޅިގެންނެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސް ވިދާޅުވެގެން އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށް މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ދެމީހުންނާ ބެހޭ އިތުރު މައުލުމާތެއް، ފޮނުވާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އަސްލަމް ވިދާޅުވީ، އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މެންބަރު ހުސެއިން ޝަހީމް ވިދާޅުވީ، "މަޖިލީހުގެ ރައީސަށް ކޮމިޓީއަށް މައްސަލަ ފޮނުވޭތޯ، ނުވަތަ އެހެން މެންބަރެއް މެދުވެރިކޮށްތޯ މައްސަލަ ފޮނުވެނީ އެއެއް ސާފުކޮށްލަން މުގައްރިރުގެ ކިބައިން އެދޭ،" ކަމަށެވެ.

ޝަހީމު ކުރެއްވި ސުވާލާ ގުޅިގެން އަސްލަމް ވިދާޅުވެ ދެއްވީ މަޖިލީހުގެ ގަވާއިދުގައި، މަޖިލީހުގެ ރައީސް ކަމަށް ކަނޑައެޅިފައިވާ ދެވަނަ މާއްދާގައިވާ އިބާރާތްތަކެވެ.

އެގޮތުން މަޖިލީހުގެ ގަވާއިދުގެ ދެވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ، މަޖިލީހުގެ ރައީސަކު ހުންނަންވާނެ ކަމަށެވެ. (ށ) ގައި ބުނަނީ މަޖިލީހުގެ ރައީސަކީ ވަކި ފަރާތަކަށް ޖެހުމެއްނެތި، ގާނޫނުއަސަސީއާއި މި ގަވާއިދާއި މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި، މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގެ އެންމެ އިސް ވެރިޔާ ކަމަށެވެ.

އެ މާއްދާގެ (ނ) ގައި ބުނަނީ މަޖިލީހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި ނުވަތަ ކޮމިޓީއެއްގެ އާއްމު ބައްދަލުވުމެއްގައި ހުށަހެޅިފައިވާ މައްސަލައާ މެދު މަޖިލީހުގެ ރައީސް ދެކޭ ގޮތް ހާމަކޮށްގެންނުވާނެ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމެއްގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތާ މެދު، މަޖިލީހުގެ ރައީސް ހިޔާލުފާޅުކޮށް އެކަމާ މެދު ދެކޭގޮތް ހާމަކޮށް މަޝްވަރާއާއި ލަފާދެވިދާނެ ކަމަށެވެ. އަދި ކޮމިޓީއަކުން އެދިއްޖެނަމަ ކޮމިޓީގެ ނުރަސްމީ ބައްދަލުވުމެއްގައި ނުވަތަ ކޮމިޓީން އިންތިޒާމު ކުރާ އިވެންޓެއްގައި މަޖިލީހުގެ ރައީސް ބައިވެރިވުމަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށްވެސް ބުނެފައިވެެއެވެ.

ނަމަވެސް މަޖިލީހުގެ ރައީސަށް މައްސަލަ ހުށަހެޅިދާނެތޯ، ނުވަތަ ނޫންތޯ، ބުނާ މާއްދާއެއްް މަޖިލިސް ގަވާއިދުން ފާހަގަވެފައިނުވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން އެކަން އޮންނަ ގޮތް މަޖިލީހުގެ ކައުންސުލް ޖެނެރަލްގެ ފަރާތުން އޮޅުންފިލުއްވުމަށް އިދާރީ މޭޒުގައި އަސްލަމް އެދިވަޑައިގެންނެވިއެެވެ.

"މަޖިލީހުގެ ރައީސަށް މައްސަލަ ހުށަހެޅިދާނެތޯ، ނުވަތަ ނޫންތޯ، ފާހަގަވާ މާއްދާއެއް އަޅުގަނޑަށް ފާހަގަވެފައެއް ނެތް. އެހެންވީމާ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ފަރާތުން އެކަން އޮޅުންފިލުވައި ދިނުމަށް އިދާރީ މޭޒުން އެދެން،" އަަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ދެން އެ މައްސަލަ ކުރިއަށްދާނީ ކައުންސިލް ޖެނެރަލްގެ ފަރާތުން އެކަން އޮޅުންފިލުވައިދިނުމުން ކަމަށެވެ.