ރާއްޖެއިން އިންޑިއާއަށާއި މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ބޭފުޅުން އައްޔަނުކުރައްވައިފިއެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރެއްގެ ގޮތުގައި ރައީސް ސޯލިހު އައްޔަނުކުރެއްވީ ހ. ޖެހޭވައި، އިބްރާހީމް ޝަހީބެވެ. މެލޭޝިއާ ސަފީރަކަށް އައްޔަންކުރެއްވީ ހ. މާލޭތިލަ، އަލީ ހުސައިން ދީދީއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަގާމުގެ ފަތްކޮޅު އަރުވައިފައެވެ.

އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީން މާސްޓާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން ޝަހީބު ފުރުއްވާފައިވާ މުހިންމު ބައެއް މަގާމުތަކުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލްގެ މަގާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ހިމެނެއެވެ.

އަލީ ހުސައިން ދީދީއަކީ އިނގިރޭސިވިލާތުގެ ލޯބޮރޯ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން ޕީޖީ ޑިޕްލޮމާ މާސްޓާސް ޕްރޮގްރާމް، ޓްރާންސްޕޯޓް މެނޭޖްމަންޓް އެންޑް ޕްލޭނިން ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މީގެ ކުރިން އަލީ ހުސައިން ދީދީ ފުރުއްވާފައިވާ މުހިންމު ބައެއް މަގާމުތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމާއި މާލެ ސިޓީގެ ކައުންސިލުގެ ރައީސްގެ މަގާމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ހިމެނެއެވެ.

މީގެ އިތުރުން އަލީ ހުސައިން ދީދީއަކީ މީގެ ކުރިންވެސް ރާއްޖެއިން، ސްރީލަންކާއަށާއި ބެލްޖިއަމް ފަދަ ގައުމުތަކަށް ކަނޑައެޅި ސަފީރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މެލޭޝިއާއަށް ކަނޑައެޅި ސަފީރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އަލީ ހުސައިން ދީދީ ހުންނެވީ ދަ މޯލްޑިވްސް ކޯޕަރޭޝަންގެ ރައީސްގެ މަގާމުގައެވެ.