ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ދޫކުރާ ބިމާއި ފްލެޓަށް ކުރިމަތިލެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ގޮތް ހަދައި ފަނޑިޔާރުންގެ ލިވިން އެލަވަންސް މުސާރައިގެ 35 ޕަސެންޓަށްވުރެ ދަށް ނުކުރަން ފަނޑިޔާރުންގެ ގާނުނަށް އިސްލާހު ހުށަހަޅައި މަޖިލީހުގައި ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމެވެ.

މި ބިލުގައި ބުނެފައި ވަނީ، ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

އެގޮތުން ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިން ނުވަތަ ފްލެޓްގެ ތެރެއިން ޝަރުއީ ދާއިރާއަށް ވަކި އަދަދެއް ހާއްސަ ކުރަންޖެހޭނެ ކަމަށާއި ސަރުކާރުން ބޯހިޔާވަހިކަމެއް ނުހިންގާ ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ހިންގާ އެފަދަ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ފްލެޓްގެ ތެރެއިން ވަކި އަދަދެއްގެ ފްލެޓް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކުރުމަށް އެ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގެ ޝަރުތުތަކުގެ ތެރޭގައި ކަނޑައަޅައި، ވަކި އަދަދެއް ހާއްސަކުރަން ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ފަނޑިޔާރުންނަށް ލިބޭ ފްލެޓް ނުވަތަ ބިމަށް ދައްކަންޖެހޭ ޑައުންޓް ޕޭމަންޓް ފައިސާ، ފަނޑިޔާރުގެ ނަމުގައި ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ކޮލަބަރައިޒް ކުރެވޭނެ ފުރުސަތު ލިބިދިނުމަށާއި އެފަދަ މަޝްރޫއެއްގެ ދަށުން ފަނޑީޔާރަށް ލިބޭ ފްލެޓް ނުވަތަ ބިމަށް ދައްކަންޖެހޭ ޑައުންޕޭމަންޓުގެ އިތުުރުން ފްލެޓް ނުވަތަ ބިމުގެ އަގު އަދާކުރުމަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން، ބޭންކުތަކުން ނުވަތަ އެނޫންވެސް މާލީ އިދާރާތަކުން ލޯނަށް އެދެވޭނެ ފުރުސަތު ފަނޑިޔާރުންނަށް ފަހިކޮށްދިނުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

މެޑިކަލް ސްކީމެއްގެ ދަށުން ކޮންމެ ފަނޑިޔާރަކަށާއި އޭނާގެ 18 އަހަރު ނުފުރޭ އުފަން ދަރިންނަށާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށާއި އޭނާގެ މައިންބަފައިންނަށް ރާއްޖޭން ނުވަތަ ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރެވޭނެ ގޮތް ދައުލަތުގެ ހަރަދުގައި ހަމަޖައްސަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.

ފަނޑިޔާރުންނަށް ލިވިން އެލަވަންސް ލިބިދެވޭ އުސޫލު އިސްލާހުކޮށް، އެ ލިވިން އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 ޕަސެންޓަށްވުރެ މަދުނުވާނެ އަދަދަކަށް ކަނޑައެޅުމަށާއި ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނު ހުއްދަކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމަކަށް ހެދުމަށް ބިލުން ހުށަހަޅާފައިވެއެވެ.

ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައެޅުމަށް ވެސް ވެއެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން ފަނޑިޔާރެއްގެ އުމުރުން 70 އަހަރު ވުމުން މުސްކުޅި ކުރެވޭނެއެވެ. އަދި ފަނޑިޔާރެއްގެ އުމުރުން 55 އަހަރު ވުމުން އެ ފަނޑިޔާރަކު މަގާމުން ވަކިވާން ބޭނުން ނަމަ، އެކަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅައި، އެ ކޮމިޝަނުން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް އަމިއްލައަށް މަގާމުން ވަކިވުމުގެ ފުރުސަތު ލިބެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި އަމަލުކުރާ އުސޫލު އިސްލާހުކޮށް، މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުމާއި ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި ދެ އަހަރުގެ ތަޖުރިބާ ހުރި މީހުންނަށް އެ މަގާމަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.