ޓެކްނޮލޮޖީ

ސަމާލުވޭ! އެެއް މިލިއަން ފޭސްބުކު އަކައުންޓްގެ ޕާސްވޯޑް ވަގަށް ނަގައިފި

އާދަމް ނަސީރު

ފޭސްބުކު ބޭނުން ކުރާ އެއް މިލިއަން މީހުންގެ މައުލޫމާތު (ބޭނުން ކުރާ އީމެއިލް އާއި ޕާސްވޯޑް) ގެއްލިފައިވާ ކަމަށް ފޭސްބުކުން އިއުލާން ކޮށްފިއެވެ.

މިހެން ދިމާވެފައި ވަނީ، އެޕަލް އަދި ގޫގުލް ސުޓޯރުން ޑައުންލޯޑް ކުރެވޭ ގިނަ އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ ދައްކަމުން ކަމަށްވެސް ބުނެފައިވެއެވެ.

އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އެމީހުންގެ ލޮގިން މައުލޫމާތު ވަގަށް ނެގުމަށްޓަކައި 400 އަށްވުރެ ގިނަ ގޯސް އެންޑްރޮއިޑް އަދި އައިއޯއެސް އެޕްލިކޭޝަން މިހާރުވެސް ދަނީ ބޭނުން ކުރަމުންނެވެ. އެހެންކަމުން އެ އެޕްލިކޭޝަންތައް އެޕަލް އާއި ގޫގުލް ސުޓޯރުން ނަގައިދިނުމަށް އެދި ފޭސްބުކުން ވަނީ އަންގާފައެވެ.

ފޮޓޯ އެޑިޓުކުރުމަށް ނުވަތަ މޯބައިލް ގޭމްތަކެއް ނުވަތަ އެހެންވެސް މަޖާ ކަމެއް ފޭސްބުކުގައި ކުރެވޭ އެޕްލިކޭޝަންތަކުގެ ތެރެއިން 45 އެޕްލިކޭޝަން ހުރީ އެޕަލް ސްޓޯރުގައި ކަމަށާއި އެ އެޕްލިކޭޝަންތައް މިހާރު އެޕްސުޓޯރުން ނަގާފައިވީ ނަމަވެސް ބާކީ ގިނަ އެޕްލިކޭޝަންތަކެއް އެޕަލް އަދި އެންޑުރޮއިޑް ޕުލޭ ސުޓޯރުގައި ދަނީ ބޭނުން ކުރަމުންނެވެ. އެހެންކަމުން ފޭސްބުކު ބޭނުން ކުރާ ފަރާތްތަކުން މިކަމަށް ސަމާލު ވުމަށްވެސް ވަނީ އަންގާފައެވެ.

"ފޭސްބުކު ބޭނުން ކުރާ ގިނަ ފަރާތްތަކަކުން އެފަދަ އެޕްލިކޭޝަން ބޭނުންކުރާކަން ހެކަރުންނަށް އެނގޭ ކަމަށާއި މި ބާވަތުގެ އެޕްތައް ކިހާ މަގުބޫލުކަން، އަދި އެމީހުން މިފަދަ ތީމްތަކާއި އެޕްލިކޭޝަންތައް ބޭނުންކޮށްގެން މީހުންނަށް އޮޅުވާލައި އެމީހުންގެ އެކައުންޓް މައުލޫމާތު ވަގަށް ނަގާނެ ކަމަށް މެޓާގެ ގްލޯބަލް ތުރެޓް ޑިސްރަޕްޝަންގެ ޑިރެކްޓަރު ޑޭވިޑް އަގްރަނޮވިޗް ވިދާޅުވެއެވެ.

އެންމެ ފަސޭއިން ކޮށްލާ ކަމަކީ ފޭސްބުކް ލޮގިންއެއް ބޭނުންކޮށްގެން މިފަދަ އެޕްލިކޭޝަންތައް ބޭނުން ކުރެވޭ ގޮތް ހެދުމެވެ. އެއަށްފަހު އެފަދަ އެޕްލިކޭޝަންތަކުން އެޑިޓްކޮށްފައިވާ ފޮޓޯއެއް ނުވަތަ އެމީހާގެ އުމުރާ ގުޅޭ މަޖާ މީމް އެއް ހެދުމަށްފަހު އެމީހުންގެ ފޭސްބުކް އެކައުންޓަށް އަޕްލޯޑް ކުރެވޭނެ އެވެ. އެކަމަކު އެ ޕްރޮސެސްގައި އެމީހުންނަށް ނޭނގި އެމީހުންގެ އެކައުންޓުގެ މައުލޫމާތު އެ އެޕްލިކޭޝަން އުފެއްދި ފަރާތަށް ލިބިގެން ދެއެވެ. ނުވަތަ ހެކަރުންނަށް ލިބިގެންދެއެވެ.

ފޭސްބުކް ނުވަތަ އެހެން އެކައުންޓްތަކާއި މުހިއްމު އީމެއިލްތަކުގެ ޕާސްވޯޑް ފޭރިގަންނަ މައްސަލަ ހުރި އެޕްތައް ރަނގަޅަށް ދެނެގަނެވޭނެ ގޮތްތައް ދަސްކޮށްދިނުމަށް ފޭސްބުކުގެ ފަރާތުން ގިނަ މައުލޫމާތު ތަކެއް މިހާރުވެސް އަންނަނީ ހިއްސާކުރަމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ އެޕްލިކޭޝަންތައް ދެނެގަނެވޭނެ ފަސޭހަ ގޮތްތައް ކިޔައިދީ މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރެވޭނެ ގޮތްތައް ކިޔައިދޭނެ ކަމަށް ފޭސްބުކްގެ ފަރާތުން މިދިޔަ ހުކުރު ދުވަހު ވަނީ އިއުލާން ކޮށްފައެވެ.