އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން ލިވަޕޫލް ބަލިކޮށްފިއެވެ.

އެމިރޭޓްސް ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުން މޮޅުވެ، އާސެނަލް ވަނީ ފުރިހަމަ ފެށުން ދަމަހައްޓައިފައެވެ. މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތީ ކުޅުނު ނުވަ މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް މިހާތަނަށް ކުރިމަތިލީ އެންމެ ބައްޔަކާއެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑް އަތުންވި ބައްޔެވެ.

ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ބައްޔެއް ނުވެ އޮތް ނަމަވެސް އެޓީމަށް ނުވަ މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ.

މިފަހަރުގެ ސީޒަން އެންމެ ރަނގަޅަށް ފެށި އެއް ޓީމަކަށް އާސެނަލް ވެފައި އޮތް އިރު، މިރޭގެ މެޗަކީ އެޓީމަށް ބޮޑު ޓެސްޓެކެވެ. ލިވަޕޫލަކީ މިދިޔަ ސީޒަނުގެ ދެވަނައިގައި ނިންމާލި ޓީމަށްވުމުގެ އިތުރުން، މިދިޔަ ހަތަރު ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ލިވަޕޫލް ވަނީ ޔޫރަޕްގައިވެސް އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިފަހައްޓައިފައެވެ. މި ސީޒަންގެ ފެށުން އެންމެ ރަނގަޅު ނޫން ނަމަވެސް، ލިވަޕޫލަކީ ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ އެއް ޓީމުކަން ޔަގީނެވެ. އެހެންކަމުން އާސެނަލުން މިރޭގެ މެޗު ނަގައި، ދީފައިވަނީ ވަރުގަދަ މެސެޖެކެވެ.

މެޗު ފެށިގެން މިނެޓެއްވެސް ނުވަނީސް ގެބްރިއަލް މާޓިނެލީ އާސެނަލަށް ލީޑު ނަގައިދިނެވެ. 58 ވަނަ ސިކުންތުގައި އޭނާ ގޯލު ޖެހި އިރު، ފުރަތަމަ ކޮޅުގައި ނުރައްކާކޮށް ކުޅުނީވެސް އާސެނަލުންނެވެ. އެހެން ނަމަވެސް ލިވަޕޫލުން މަޑުމަޑުން މެޗުތެރެއަށް ވަދެ ނުރައްކާ ކުރަން ފެށިއެވެ. އަރިމަތިން މުހައްމަދު ސަލާހުގެ ދެ ހަމަލާއެއް ފެނުނު އިރު، އެޓީމުން ވަނީ 34 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ.

މެދުތެރެއިން ކުރިއަށް ދުއްވާލި ބޯޅައަކަށް އަރައި ލުއިސް ޑިއާޒް ނަގައިދިން ހުރަސް ގޯލަށް ވައްދާލީ ޑާވިން ނުނޭޒެވެ. މިރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުނޭޒް ނެރެފައިވާ އިރު، އޭނާގެ ލިވަޕޫލް ކެރިއަރުގެ ފެށުން ގޮސްފައިވަނީ އެންމެ ރަނގަޅަކަށް ނޫނެވެ. ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑު ހޯދުމުން ބޮޑެތި ފާޑު ކިޔުންތަކެއްވެސް ނުނޭޒަށް އަމާޒުވި އިރު، އޭނާގެ ފަރާތުން ގޯލެއް ފެނިގެންދިއުމަކީ ލިވަޕޫލަށް ލިބުނު ހިތްހަމަ ޖެހުމެކެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލްގެ ލުއިސް ޑިއާޒަށް އަނިޔާވެ، އޭނާގެ ބަދަލުގައި ރޮބާޓް ފިރްމީނޯ ކުޅެން ނެރެފައިވެއެވެ.

ނަތީޖާ ހަމަހަމަވެ ހާފު ނިމެން ދަނިކޮށް އާސެނަލުން އަނެއްކާވެސް ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ބުކަޔޯ ސަކާއެވެ. ސަކާ އެ ގޯލު ޖެހީ ކައުންޓާ އެޓޭކް ފުރުސަތެއްގައި މާޓިނެލީ ތަނަވަސްކޮށްދިން ބޯޅައަކުންނެވެ.

މެޗުގައި ދެވަނަ ފަހަރަށް ލިވަޕޫލަށް އުންމީދު އާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރެޒިލް ފޯވަޑް ފިރްމީނޯއެވެ. މެޗުގެ 53 ވަނަ މިނެޓުގައި ފިރްމީނޯ އެ ގޯލު ކާމިޔާބުކުރީ ޑިއޭގޯ ޖޮޓާ ދިން ބޯޅައެއް ހިފައިގެން އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

އާސެނަލުން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗު ނިމެން 14 ވަރަކަށް މިނެޓް އޮއްވައި ލިބުނު ޕެނަލްޓީންނެވެ. އާސެނަލަށް ލިބުނު ޕެނަލްޓީގައި ސަކާ އިތުރު ގޯލެއް ޖެހި އިރު، އެ ޕެނަލްޓީއަކީ ތިއާގޯ އަލްކަންޓްރާ، އޭރިއާ ތެރެއިން ގެބްރިއަލް ޖީސަސްއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.