ޖަރުމަން ބުންޑަސް ލީގާގެ ގަދަ ދެބާރު ކަމަށްވާ ބަޔާން މިއުނިކާއި ބްރޫޝިއާ ޑޯޓުމަންޑް ރޭ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ޑޯޓުމަންޑްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު ފޯރިގަދަކޮށް ފެނިގެން ދިޔައިރު، މެޗުގެ ނަތީޖާ ހަމަހަމަވީ ފަހު ސިކުންތުކޮޅުގެ ތެރޭގައެވެ. ޑޯޓުމަންޑުން މެޗުން ޕޮއިންޓެއް ހޯދީ ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެވެ. ރޭގެ މެޗަށް ނުކުތް އިރު، މޮޅަކާއެކު ދެ ޓީމަށްވެސް އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. ނަމަވެސް މެޗު އެއްވަރުވުމުން ދެޓީމު އޮތީ ތިންވަނަ އާއި ހަތަރު ވަނައިގައެވެ.
ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ޔޫނިއަން ބާލިންއާއި ދެވަނައިގައި އޮތް ފްރެއިބާގަށް އަށް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބަޔާނާއި ހަތަރެއްގައި އޮތް ޑޯޓްމަންޑަށް ވަނީ ނުވަ މެޗުން 16 ޕޮއިންޓް ލިބިފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ލީޑު ނެގިއެވެ. މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖަރުމަނުގެ މިޑްފީލްޑަރު ލެއޯން ގޮރެޓްޒްކާ ޖެހި ގޯލުންނެވެ. ޖަމާލް މުސިއާލާ މެދުތެރެއިން ތިން ބޯޅައެއް އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ގްރެޓްޒްކާ މެޗުގެ ލީޑު ނެގި އިރު، ދެވަނަ ހާފުގެ ކުޅުން ފެށިގެން އަށް މިނެޓު ތެރޭގައި ބަޔާން ލީޑު ފުޅާކުރިއެވެ.
މެޗުގެ 53 ވަނަ މިނެޓުގައި އެ ގޯލު ޖެހީ ލެރޯއި ސާނޭއެވެ. ސާނޭޭގެ ގޯލަކީވެސް ދުރުން ޖެހި ގޯލެކެވެ. އޭނާ އޭރިއާ ބޭރުން ޖެހި ބާރު ބޯޅަ ގޯލަށް ވަނީ ޑޯޓްމަންޑްގެ ކީޕަރު އަލެކްސަންޑަ މާޔާ އަތުގައި ޖެހިފައެވެ.
ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކުރަން ކުރި މަސައްކަތުގައި ޑޯޓުމަންޑުން ހިތްވަރު ހޯދީ 74 ވަނަ މިނެޓުގައި ޔޫސެފާ މޫކޯކޯ ޖެހި ގޯލުންނެވެ. އުމުރުން އެންމެ 17 އަހަރުގައި ޖަރުމަނުގެ ޑަ ކްލެސިކާގައި ގޯލު ޖަހައި، މޫކޯކޯ ވެފައިވަނީ ބަޔާނާއި ޑޯޓުމަންޑްގެ ތާރީހީ ކުރިމަތިލުމުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އަކަށެވެ.
މެޗުގެ އިތުރު ވަގުތު ފޯރިގަދަކޮށް ފެނުނު އިރު، އިތުރު ވަގުތުގެ ކުރީކޮޅުގައި ބަޔާންގެ ކިންގްސްލީ ކޯމަންއަށް ރަތް ކާޑު ދައްކާފައިވެއެވެ. ބަޔާންގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ޑޯޓްމަންޑުން ކުރިއަށް ޖެހި އެއްވަރުކުރީ މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައި ހުއްޓައެވެ. އެ ގޯލު ޖެހީ ބަދަލަކަށް ނުކުތް އެންތޮނީ މޮޑެސްޓެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ