ޚަބަރު

ޒަޔާންގެ މަރު: ހަތަރު ކުއްޖަކަށް ދައުވާކޮށްފި

މިދިޔަ ޖޫން މަހުގެ ތެރޭގައި އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ، ސ. ފޭދޫ/ ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21އ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތަރު ކުއްޖަކަށް ދައުވާކޮށްފިއެވެ.

އެ ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު، އަނެއް ތިން ކުދިންގެ މައްޗަށް ހަމަ އެ މާއްދާގެ ދަށުން ކޮށްފައިވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

އެ ހަތަރު ކުދިންގެ މައްޗަށް ދައުވާކުރުމަށް ޖުވެއިނަލް ކޯޓަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ލިބޭ ތިން ކުދިންގެ ތެރެއިން ދެ ކުދިން ކުށަށް އިއުތިރާފުވެ، ޑައިވާޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން އެގްރީމެންޓް ހަދާފައިވާ ކަމަށެވެ.

ޑައިވާޝަނަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ގާނޫނާ ހިލާފުވާ ކުދިންނަށް ޝަރުއީ ނިޒާމުގެ ބޭރުން ފުރުސަތު ހޯދައިދިނުމަށް ދެވޭ ފުރުސަތެކެވެ.

ޕީޖީން އިތުރަށް ބުނީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ 18 އަހަރުން މަތީގެ ފަސް މީހުންގެ ބައި ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށާއި

ތަހުގީގުގައި ކުރަން ހުރި މަސައްކަތްތަކަށް ބަލައި، މައްސަލަ ތަހުގީގުގެ މުއްދަތު އިތުރުކޮށްދެމުންދާ ކަމަށެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި ހަތަރު ކުދިންނާއި ފަސް މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ އެންމެންވެސް ތިބީ ބަންދުގައެވެ.

ޒަޔާން މަރާލާފައިވަނީ އައްޑޫ ސިޓީ ފޭދޫގައި ހަރަކާތްތެރިވާ ދެ ގްރޫޕެއްގެ ދެމެދު ޖެހިގެން އުޅޭ މައްސަލަތަކަކާ ގުޅިގެންނެވެ.