ސްޕެނިޝް ލީގުގައި ރޭ ގެޓާފޭ ކައިރިން ހޯދި ހަނި މޮޅާއެކު ރެއާލް މެޑްރިޑުން އަނެއްކާވެސް ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

ރެއާލުން ރޭ ރަށުން ބޭރުގައި ގެޓާފޭ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާއެކު ރެއާލް އެއްވަނައަށް ޖެހިލީ އަށް މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ބާސެލޯނާއަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯއަށް ވަނީ އަށް މެޗުން 17 ޕޮއިންޓް ލިބިފައެވެ.

ރޭގެ މެޗުގެ ތިންވަނަ މިނެޓުގައި ރެއާލުން ލީޑު ނެގިއެވެ. އެ ގޯލަކީ ލޫކާ މޮޑްރިޗްގެ ކޯނަރަކަށް ކުރިއަށް އަރައި އެޑާ މިލިޓާއޯ ޖަހައިދިން ގޯލެކެވެ. ރެއާލުން ލީޑު ފުޅާކުރުމަށް ކުރި މަސައްކަތުގައި ރޮޑްރީގޯ ކުރިއަށް ޖެހި ފޮނުވާލި ބޯޅައެއް ގޯލަށް ވަން ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ބޯޅައަށް މަސައްކަތް ކުރިއިރު ރޮޑްރީގޯ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގެޓާފޭއަށްވެސް ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. ފަބްރީޒިއޯ އަންގިލޭރީ ހުރަސްކުރި ބޯޅަ ބޯހާ މޮޔަރަސްއަށް ލިބުނު ނަމަވެސް އޭނާއަށް ރަނގަޅަށް ބޯޅަ ފޮނުވައެއް ނުލެވުނެވެ.

ދެވަނަ ހާފުގައި ހަމަލާތައް މަދުކޮށް ފެނުނު އިރު، ރެއާލްއިން ވަނީ ލީޑުގައި ހިފަހައްޓާލައިފައެވެ.