މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 1.2 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1،213،103 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 878,317 ޓޫރިސްޓުންނެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އިންޑިއާ އެވެ. އެ ގައުމުން އަންނަނީ މާކެޓުގެ 14.2 ޕަސެންޓް ހިއްސާކުރަމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ލިސްޓުގެ ދެވަނައިގައި އޮތް އިނގިރޭސި ވިލާތް ތިންވަނައަށް ޖައްސާލައި ރަޝިޔާ ވަނީ ދެވަނައަށް ޖެހިލައިފައެވެ. ރަޝިއާއިން މިހާރު އަންނަނީ ރާއްޖޭގެ މާކެޓުގެ 12 ޕަސެންޓު ހިއްސާކުރަމުންނެވެ. ކުރިއަތް އޮތީ ފިނި މޫސުމަށް ވާތީ ރަޝިއާ ޓޫރިސްޓުން ރާއްޖެ އަންނަ ވަރު އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު އެވްރެޖުކޮށް ދުވާލަކު 4،379 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރެއެވެ. އެ ފަތުރުވެރިން އެވްރެޖުކޮށް 8 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖުމުލަ އަދަދަކީ 1,321,932 އެވެ. ކުރިއަށް އޮތީ ފިނި މޫސުމަށްވާތީ މިއަހަރު އެ އަދަދު ބޮޑުތަނުން އިތުރުވާނެއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ.