އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓް 41 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަހަޅާ ދައުލަތުގެ ބަޖެޓް މިމަހުގެ 31 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅަން ނިންމާފައިވާ 41 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިހިނގާ 2022 ވަނަ އަހަރުގެ ބަޖެޓަށްވުރެ ހަތަރު ބިލިއަން ރުިފޔާ އިތުރު ބަޖެޓެކެވެ. މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އޮފިޝަލް ވިދާޅުވީ، މިނިސްޓްރީތަކާއި އެކިއެކި މުއައްސަސާތަކުގެ ބަޖެޓް ލިބިފައިވާ ކަމަށާއި މަޖިލީހަށް ބަޖެޓް ފޮނުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތަކުގެ ގޮތުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި ޕީއެސްއައިޕީގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިއަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޕީއެސްއައިޕީ އަށާއި ބައެއް މުއައްސަސާތަކުގެ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ނިންމުމާ ގުޅިގެން ބަޖެޓްގެ ޖުމުލަ 36.99 ބިލިއަން ރުފިޔާއަށް އެރިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ބަޖެޓަކީ، މެދުރާސްތާ އާއި ދުރުރާސްތާގެ މާލީ ސިޔާސަތުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައްް ހާސިލުވާ ގޮތަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ. އަދި ބަޖެޓް ބޮޑުވެފައި ވަނީ އެ ސިޔާސަތާ ހިލާފު ނުވާނެ ގޮތެއްގެ މަތިން ކަމަށް ބުންޏެވެ.