އީރާނަކީ އޭޝިޔާގެ ފުޓްބޯޅައިގެ އެންމެ މަތީ ހަރުފަތުގައިވާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އޭޝިޔާގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އީރާނަށް ނިސްބަތްވާ ކުޅުންތެރިން ނުހަނު ގިނައެވެ. ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުމުގެ ކުރިން އެ ރިކޯޑު އޮތީވެސް އީރާނުގެ ކުޅުންތެރިޔަކަށެވެ. މަޝްހޫރު ފޯވާޑް އަލީ ދާއީއަށެވެ. އީރާނަކީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2018 ވަނަ އަހަރުގެ މެއި މަހާ ހަމަޔަށް ދުނިޔޭގެ ރޭންކިންގައި އޭޝިޔާގެ އެއްވަނަ ޓީމެވެ. މެދުނުކެނޑި އެންމެ ގިނަ ދުވަހު އެމަގާމުގައި އޮތުމުގެ ރިކޯޑުވެސް އޮތީ އީރާނަށެވެ. އޭޝިއާގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވެއެވެ. މިހާތަނަށް ހަ ފަހަރު ވޯލްޑްކަޕަށް ކޮލިފައިވެފައިވެއެވެ.
މިއަހަރުގެ ވޯލްޑްކަޕް ކުޅެނީ އީރާނާ ނުހަނު ގާތުގައެވެ. ގަތަރުގައެވެ. އީރާނަކީ މި ވޯލްޑްކަޕުގައި އޭޝިއާ ތަމްސީލު ކުރުމަށް ކޮލިފައިވެފައިވާ ޓީމުތަކުގެ ތެރެއިން އެއްޓީމެވެ. އެކަމަކު ވޯލްޑްކަޕް ފެށެން ދެމަހަށްވުރެ ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް އީރާނުގެ ފުޓްބޯޅަޔަށް ބޮޑު ލޮޅުމެއް އަރައިފިއެވެ. ވަރަށްވެސް ބޮޑު ލޮޅުމެކެވެ. އީރާނުގެ ޓީމު ހައިޖާނުވެއްޖެއެވެ. ބުރުގާގެ މައްސަލައެއްގައި އީރާނުގައި އުފެދުނު ހަމަނުޖެހުމުގެ އުދާސްތައް ގައުމީ ފުޓްބޯޅަ ޓީމަށްވެސް ފޯރައިފިއެވެ. މުޒާހަރާތަކާއި ހަމަނުޖެހުންތަކާމެދު ޚިޔާލުފާޅުކޮށް ވާހަކަ ދެއްކުމަކީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް މަނާ ކަމެކެވެ. އެކަމަކު ޓީމު އޮތީ މިމައްސަލައިގައި ވަރަށް ބޮޑަށް ބައިބައިވެފައެވެ. ކުޅުންތެރިންގެ ގައުމީ ޖޯޝާއި ރޫހުވެސް އޮތީ ގާތްގަޑަކަށް ގެއްލިފައެވެ.
ހަމަނުޖެހުންތަކަށް ހިތްވަރު ދިނުމާއި ޒުވާނުންގެ ހިތްތަކުގައި ސަރުކާރަށް ނަފުރަތު އުފައްދައި ހަމަނުޖެހުންތަކަށް ދަރުއަޅައި ރޯކުރުމުގެ އިލްޒާމު ސަރުކާރުން އަޅުވާ އެއްފަރާތަކީ އީރާނުގެ ކުރީގެ ކެޕްޓަން އަލީ ކަރީމީއެވެ. ކަރީމީ މިހާރު ދިރިއުޅެނީ ދުބާއީގައެވެ. އޭނާ ފޮލޯކުރާ އެގާރަ މިލިޔަން މީހުން އީރާނުގައި ދިރިއުޅެއެވެ. އީރާނުގައި އަލީ ކަރީމީ މަޝްހޫރުވެފައި ވަނީވެސް އޭޝިޔާގެ މަރަޑޯނާގެ ނަމުންނެވެ. ސޯޝަލް މީޑިއާގައި އަލީ ކަރީމީ ވަނީ ވަރަށް ބޮޑަށް ސަރުކާރު ކުށްވެރިކޮށްފައެވެ. ބުރުގާ ނާޅައިގެން ހައްޔަރު ކުރެވުނު މަހުސާ އަމީނީގެ މަރުގެ ފަހަތުގައި ވަނީ ފުލުހުންގެ އަނިޔާ ކަމަށްވެސް އަލީ ކަރީމީ ވަނީ ތުހުމަތުކޮށްފައެވެ. ޒުވާނުން މަގުތަކަށް ނުކުމެ ހަޅުތާލު ކުރުމަށްވެސް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ އަލީ ކަރީމީގެ ގެޔަށް ވަދެ އޭނާގެ އާއިލީ ބައެއް މީހުން ހައްޔަރުވެސް ކޮށްފައެވެ.
ހަޅުތާލުކުރާ މީހުންނަށް އެއްވެސް ފަރާތަކުން ތާއީދުކޮށް ހިތްވަރު ދިނުމަކީ ސަރުކާރުން ވަރަށް ސީރިއަސްވާ ކަމެކެވެ. އެންމެންގެ ލޯތައް މިހާރު އަމާޒުވެފައިވަނީ ގައުމީ ފުޓްބޯޅަ ޓީމަށެވެ. ކުޅުންތެރިންގެ ޚިޔާލުތަކަށެވެ. ގައުމީ ފުޓްބޯޅަ ޓީމަކީ އީރާނުގެ ޒުވާނުންގެ ފުރާނައެވެ. ޓީމު ތައްޔާރުވަމުން އެގެންދަނީ ސިޔާސީގޮތުން އީރާނުގެ ހަތުރުންކަމަށްވާ އެމެރިކާޔާއި އިނގިރޭސިވިލާތާ ކުރިމަތިލުމަށެވެ. މިދަނޑިވަޅުގައި ޓީމުގެ އެއްވެސް ކުޅުންތެރިޔަކު ސަރުކާރާ ދެކޮޅު ޚިޔާލެއް، ޝުއޫރެއް ފާޅުކުރުން ވާނީ ރައީސް އިބްރާހިމް ރައީސީގެ ސަރުކާރުގެ ކަންކަށިމަތީގައި އަޅައިލެވޭ ވޭންދެނިވި އެތިފަހަރަކަށެވެ. ޓީމުގެ އެންމެ މުހިއްމު ފޯވާޑް ސަރުދާރު އަޒްމޫނު ވަނީ މިހާރުވެސް ނުސީދާކޮށް އެތިފަހަރެއް އަޅައިފައެވެ. އޭނާ ހުރިގޮތް ނުސީދާކޮށް ވަނީ ބަޔާންކޮށްފައެވެ.
އުމުރުން 27 އަހަރުވީ އަޒްމޫނަކީ މިހާރުގެ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ ގޯލްޖަހައިދީފައިވާ އެންމެ އިތުބާރު ފޯވާޑެވެ. ސޯޝަލް މީޑިއާގައި އޭނާ ފޮލޯކުރާ އީރާނު މީހުންގެ އަދަދު ފަސް މިލިޔަނެވެ. އަޒްމޫނު ބުނެފައިވަނީ ކީކޭބާވައެވެ. އޭނާ ބުންޏެވެ. އީރާނުގެ އެތެރޭގެ ހާލަތާމެދު ވާހަކަ ދެއްކުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް މަނަލެވެ. އަނގަ ބައްދައިގެން، ސިކުނޑީގައި ތަޅުލައިގެން ހުރުމަކީ ބޮޑު ވޭނެކެވެ. ހިމޭނުން ހުންނަން މަޖުބޫރުވީމާ ނަފްސާނީގޮތުން އޭނާ ބަލިކަށިވެއްޖެއެވެ. ނުސީދާކޮށް އަޒްމޫނު އެއޮތީ އޭނާގެ ފިކުރު ހާމަކޮށްފައެވެ. ސަރުކާރާ ދެކޮޅުކަން ބުނެދީފައެވެ. ޒުވާނުންނާ އެއްކޮޅުކަން ހާމަކޮށްފައެވެ. އަޒްމޫނުގެ ފަހަތުން ޓީމުގެ އެހެން ކުޅުންތެރިން ނިކުމެ އެމީހުންގެ ރައުޔު ހަމަކުރާނޭބާވައެވެ.
އެހެން ކުޅުންތެރިންގެ ރައުޔު ހާމަކުރުމާއި ނުކުރުން އޮތީ ނޭނގުމެއްގެ ތެރޭގައެވެ. އެނގޭ އެއްޗަކީ ޓީމުގެ ތެރޭގައި ބައިބައިވުން ބޮޑުކަމެވެ. އޮތީ ދެ ކޭމްޕެކެވެ. ސަރުކާރާއި އެއްކޮޅު ކޭމްޕަކާއި ދެކޮޅު ކޭމްޕެކެވެ. އަޒްމޫނު ހިމެނެނީ ދެކޮޅު ކޭމްޕުގައެވެ. ގިނައީ އެބައިގެ ކުދީންނެވެ. ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކާއި ޖަމާއަތްތަކުން ފީފާއަށް ގޮވާލައިފައިވަނީ މިފަހަރުގެ ވޯލްޑްކަޕުން އީރާނު ބޭރުކޮށްލުމަށެވެ. އަންހެނުންގެ ހައްގުތަކަށްޓަކައެވެ. އެކަމަކު ފީފާއިން މިކަމާދޭތެރޭ އަދި އެއްްވެސް އެއްޗެއް ނުބުނެއެވެ. އީރާނު ބޭރުކޮށްލުމަކީ ވަރަށް ދުރުކަމެކެވެ. އެކަމަކު ވޯލްޑްކަޕުގެ ތެރޭގައި އީރާނުގެ ކުޅުންތެެރިންގެ ފަރާތުން އިހުތިޖާޖު ކުރުމުގެ ހަރަކާތްތަކެއް ފެނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ވޯލްޑްކަޕާއި އޮލިމްޕިކަކީ މިޒާތުގެ ސިޔާސީ މެސެޖު ދިނުމަށާއި މަޝްހޫރުކަން ހޯދުމަށް ބައެއް ތަރިން ބޭނުންކުރާ ޕްލެޓްފޯމެކެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022