މާލެއިން ފުރައިގެން އއ. އަތޮޅާ ދިމާލަށް ދަތުރުކުރީ މަސްބާނަން ކަމަށް ބަންޑުން ޖަހާލާފައި އޮއްވާ އިއްޔެ ފެނުނު ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން ސަލާމަތްވި މީހާ ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި އެ ލޯންޗު ބަންޑުން ޖަހާލާފައި އޮއްވާ ފެނުނީ އެ އަތޮޅު މާޅޮސް ކައިރިންނެވެ. އޭގެން ދަތުރުކުރި އެކަކު ފަތާފައި އިއްޔެ މެންދުރު ފެރިދޫއަށް އަރާފައިވާ އިރު، އަނެކަކު ވަނީ ގެއްލިފައެވެ.

ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ޝާހު "ވަން" އަށް މިއަދު ވިދާޅުވީ އެ ރަށަށް އެރި މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. ނަމަވެސް އޭނާ މާލެ ގެނެސް އިތުރު ފަރުވާ ދިނުމަށް އާއިލާއިން ބޭނުންވާތީ، ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ހެނދުނު އޭނާ މާލެ ފޮނުވާލާފައިވާ ކަމަށް ބުންޏެވެ.

ސަލާމަތްވި މީހާއާ ފުރަތަމަ ބައްދަލުވި ފެރިދޫ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މިއަދު ބުނީ ލޯންޗު މާލެއިން ފުރި ކަމަށް އޭނާ ބުނާ ދުވަހާއި ފުލުހުން ހިއްސާކުރި ދުވަހާ ދިމާނުވާ ކަމަށެވެ. އަދި ގެއްލުނު މީހާއަށްވީ ގޮތް ބުނަންވެސް އޭނާއަށް ނޭނގުނު ކަމަށާއި އެގޮތުން އެކުވެރިޔާ ލޯ ކުރިމަތިން ގެއްލުނީ ކަމަށް ބުނެފައި ފަހުން އަޑިއަށް ގޮސް މަރުވީ ކަމަށް ބުނި ކަމަށް ބުންޏެވެ.

"ސަލާމަތްވި މީހާ ބުނާ ގޮތުގައި އެ މީހުން މާލެއިން ފުރީ މަސް ބާނަންވެގެން. އެއީ އަންގާރަ ދުވަހުގެ ރޭ 8:30 ހާއިރު ކަމަށް ބުނީ (ފުލުހުން ބުނާ ގޮތުން ލޯންޗު ފުރީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ހާއިރު). މާޅޮހު ބޭރަށް ދިޔައީވެސް މަސް ނުބޭނިގެން ބޮޑެތި ބޯވަދިލަމަސް ބާނަން ވެގެން ކަމަށް ބުނަނީ. ދެން އައި ފުސްގަނޑެއްގައި ލޯންޗު ބަންޑުން ޖަހާލި ކަމަށް ބުނީ." އެމީހާ ބުންޏެވެ.

އޭނާ ބުނީ، ސަލާމަތްވި މީހާ ފުލުހުންނަށް އެއްވެސް ވަރަކަށް އެއްބާރުލުން ދޭތަން ނުފެންނަ ކަމަށާއި އެކުވެރިޔާއަށްވީ ގޮތްވެސް ފުލުހުން ގާތު ނުބުނާ ކަމަށެވެ. އަދި ފުލުހުން އެކި ގޮތް ގޮތަށް ސުވާލުކުރި ނަމަވެސް އެކަށީގެންވާ ޖަވާބެއް ދީފައިނުވާ ކަމަށް ބުންޏެވެ.