މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރި އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ މެންދުރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ހަބަރެއް ނުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެލޯންޗު ފުރީ މާލޭގެ ކުރީގެ ކުނިކޮއްޓާ ދިމާލުން ކަމަށާއި ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށް ބުންޏެވެ.

އިއްޔެ މާލެއިން ފުރި އެ ލޯންޗު މިއަދު ހެދުނު ވަގުތެއްގައި އއ. މާޅޮހުގެ ދެކުނު ފަރާތުގައި ބަންޑުން ޖަހާލާފައި އޮއްވައި، މާޅޮހުން ވަދާ ނުކުމެ އުޅުނު މަސްވެރިންތަކަކަށް ވަނީ ފެނިފައެވެ. ލޯންޗު ފެނުނުއިރު ލޯންޗުގައި އެއްވެސް މީހަކު ނެތެވެ.

ފުލުހުން ބުނީ ލޯންޗު ބަންޑުން ޖަހަލާފައި އޮތްވައި ފެނިގެން ބެލި ބެލުމުން އޭގެން ދަތުރުކުރި އެކަކު އއ. ފެރިދޫ ފުއްޓަރު ފަރާތާ ދިމާލުން ފެނިފައިވާ ކަމަށެވެ.

އޭނާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާގެ ހާލު ސާފެއް ނޫނެވެ.

ފުލުހުން ބުނީ އެ ލޯންޗުން ދަތުރުކުރި ދެވަނަ މީހާ އަދިވެސް ނުފެންނަ ކަަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމީހާ ފެނިއްޖެ ނަމަ ނުވަތަ އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 119 ނުވަތަ 3322111 އަށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.