ލުއި ޚަބަރު

ބައްޕަގެ އެކަނިވެރިކަން ފިލުވުމަށް ދޮންމަންމަޔަކު ގެޔަށް ގެނައީ ކުދިން އެއްބަސްކިޔާފައި!

1

ޕާކިސްތާނުގެ އުމުރުން 56 އަހަރުވީ ބައްޕަޔަކަށް އޭނާގެ އަންހެންކުދީން އިސްނަގައިގެން ހަޔާތުގެ އައު ބައިވެރިޔަކު ހޯދައިދީފިއެވެ. މިއީ ދިހަ އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖެއްގެ ބައްޕަ ކަމަށްވާ ޝައުކަތުގެ ފަސްވަނަ ކައިވެންޏެވެ.

ޝައުކަތު މީގެ ކުރިން ހަތަރު ކައިވެންޏެއް ކޮށްފައިވާއިރު އަލަތު ކައިވެނި ފިޔަވައި ދެން ކޮންމެ ކައިވެންޏެއްވެސް ކޮށްފައިވަނީ އަނބިމީހާ މަރުވުމުންނެވެ. އެންމެފަހުން ހުރި އަނބިމީހާ މަރުވުމުން ޝައުކަތު ވޭތުކުރަމުން އައީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. އޭނާއަށް އެހީތެރިވަމުން އައީ ކުދީންނެވެ.

ކުދީން ކިތަންމެ ގިނަޔަސް އެންމެ ކުއްޖެއް ފިޔަވައި ދެންތިބީ މުޅިންވެސް އަންހެން ކުދިންކަމަށް ވެފައި އެކުދިން ކައިވެނިކޮށްގެން ބައްޕަ ދޫކޮށްފައި ފިރިމީހާގެ ގެޔަށް ދަނީއެވެ. އެންމެ ހަގަށްހުރި ކުއްޖާ މީހަކާ އިނުމުގެ ކުރިން ހުރިހާ ކުދިން އެއްބަސްކިޔައިފައި ދޮންމަންމަޔަކު ގެއަށް ގެނައީއެވެ. ބައްޕަގެ މި ކައިވެނި ކުރެވުނީ އެންމެ ހަގު ކުއްޖާގެ ކައިވެނީގެ ހަފުލާގެ ތެރޭގައެވެ. ދެބަފައިންގެ ކައިވެނި ހަފުލާ ހެދީ އެއް ހަފުލާޔަކަށެވެ.

ބައްޕަޔަށް ކަމުދާކަހަލަ، އަދި ބައްޕަޔާ ގުޅޭ ކަހަލަ ދޮންމަންމަޔަކު އިޚުތިޔާރުކުރީ އެކުދީންގެ ރަހުމަތްތެރިންގެ ތެރެއިންނެވެ. ޝައުކަތު މިހާރުހުރީ ދަރީންގެ މި ހަދިޔާއަށްޓަކައި ނުހަނު އުފަލުންނެވެ. ވަކިން ބޮޑަށް އުފާވަނީ އަނބިމީހާ ޒުވާންކަމުންނެވެ. އޭނާ ބުނާގޮތުގައި އުމުރު ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. އުމުރުން 56 އަހަރު ވިޔަސް އޭނާގެ ހިތްވެސް އަދިހަމަ ޒުވާނެވެ.