(30 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

ޖަނަރަލް ގަލްބު ލިޔުއްވާގޮތުގައި سلطـــان بــايـــزيــد خــــان 1393މ. ގައި މުޅި އޭޝިޔާއޭކޫޗަކު އޭނާގެ ބާރުފުޅުގެ ދަށަށް ގެންނަވައިފިއެވެ. ޑައިނޫބު ކޯރުން ފެށިގެން ޠޫރަސް (Tauras) ގެ ފަރުބަދަތަކާ ހަމަޔަށް ފެތުރިފައިވާ މުސްލިމު އެމްޕަޔަރެއް ވުޖޫދަށް ގެންނަވައިފިއެވެ. (ޢަރަބްއަޤްވާމް، ޞަފުޙާ: 222)

سلطـــان بــايـــزيــد خــــان ޔިލްދިރިމް އިސްވެދެންނެވި ފުތޫޙާތަކަށްފަހު މިސުރުގައި ހުންނެވި عــبّــاســـى خـلـيــفـة مستـــعــصــم بــاللّـــه ގެ އަރިހަށް އެޚަބަރުތައް ފޮނުއްވިއެވެ. އެއާއެކު ވެދުންބަރުތީލަވެސް ފޮނުއްވިއެވެ. مستـــعــصــم بــاللّـــه، بــايـــزيــد އަށް ރަސްކަލެއްގެ ޚިޠާބު ދެއްވިއެވެ. مــــولانــا نجــيب آبــادى ލިޔުއްވައިފައިވެއެވެ. "ޢުޘްމާނީ ދައުލަތުގައި ކުރިން ތިއްބެވި ވެރީންނަށް މުއައްރިޚުން سلطـــان ގެ ލަޤަބު އެރުވިކަމުގައިވިޔަސް، ޙަޤީޤަތުގައި އެބޭފުޅުންނަކީ އަމީރުންނެވެ. أمـيـــــرعـثمــان خــــان އާއި أمـيـــــر اُرْخَـــان އާއި أمـيـــــر مــــــــراد خــــان އެވެ. އިސްލާމީ ދުނިޔޭގައި عــبّــاســـى خـلـيــفـة އިންނަށް ލިބިވަޑައިގެންފައިވާ މަރުކަޒީ ހައިސިއްޔަތާއި ދީނީ ސިޔާދަތަށް ވިސްނައިވަޑައިގެން عــبّــاســـى خـلـيــفـة ގެ އަރިހުން سلطـــان ގެ ލަޤަބު ހޯއްދެވުން ބޭނުންކަމުގައި އެންމެފުރަތަމަ ވިސްނައިވަޑައިގެންނެވީ بــايـــزيــد خــــان އެވެ. އޭރު عــبّــاســـى خـلـيــفـة އިން ދިރިއުޅުއްވަމުން ގެންދެވީ މިސުރުގެ މަމްލޫކީ ރަސްކަލުންގެ ރައްކާތެރިކަމާއި ހެވަތައިގެ ދަށުގައެވެ. އެކަން بــايـــزيــد އަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމާއެކުވެސް بــايـــزيــد خــــان އެގޮތަށް ޢަމަލުކުރެއްވީއެވެ. އެހެންކަމުން بــايـــزيــد خــــان ޔިލްދިރިމަކީ ޢުޘްމާނީ ސިލްސިލާގެ އެންމެފުރަތަމަ سلطـــان ކަމުގައި ބުނެވިދާނެއެވެ. (ޞަފުޙާ: 338)

ނަމަވެސް ލޭންޕޫލް ދަޢުވާކުރައްވާގޮތުގައި ޢުޘްމާނީ ރަސްރަސްކަލުންކުރެ سلطـــان ގެ ލަޤަބު ޚިޔާރުކުރެއްވި އެންމެފުރަތަމަ ބޭފުޅަކީ بــايـــزيــد خــــان ޔިލްދިރިމެއް ނޫނެވެ. ބްރިޓިޝް މިއުޒިޔަމާއި އެނޫންވެސް ބައެއް ތަންތާނގައި މިހައިތަނަށްވެސް ރައްކައުކުރެވިފައިވާ ފައިސާފޮތިތަކުން ސާބިތުވާގޮތުގައި اُرْخَـــان އާއި مــــــراد خــــان أوّل އާ ދެބޭފުޅުންވެސް އެބޭފުޅުންގެ ފައިސާގައި سلطـــان ގެ ލަޤަބު ބިންވަޅު ނެންގެވިއެވެ. بــايـــزيــد خــــان سلطـــان ގެ ލަޤަބު ބޭނުންކުރެއްވުން އާކަމަކަށްވާ ހަމައެކަނި ސަބަބަކީ އޭނާ މުސްލިމުންގެ ރަސްމީ ވެރިޔާ (خـلـيــفـة) ގެ އަރިހުން އެކަމުގެ އަމުރު ހޯއްދެވިކަމެވެ. عـثمــان އާ ބެހޭގޮތުން ލޭންޕޫލް ވިދާޅުވާގޮތުގައި އޭނާ ޖެއްސެވި ފައިސާއެއް ފެނިފައެއް ނުވެއެވެ. ލޭންޕޫލް ވިދާޅުވާގޮތުގައި އެންމެބޮޑަށް ލަފާކުރެވޭގޮތުގައި ޢުޘްމާނީ ރަސްރަސްކަލުންކުރެ ފައިސާ ޖެއްސެވުމުގެ އިޚްތިޔާރު އެންމެފުރަތަމަ ބޭނުންކުރެއްވި ބޭފުޅަކީ اُرْخَـــان އެވެ. (ޞަފުޙާ: 38 ފުޓްނޯޓު)

ކޮސޯވޯ ހަނގުރާމައިގެ ވާހަކަ ވަނީ އިސްވެގޮސްފައެވެ. ޔޫރަޕުގެ ރަސްރަސްކަލުން އެހަނގުރާމައިގައި ބަލިފުޅުވީ ލަދުވެތިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާފަދަ ހުތުރު ގޮތަކަށެވެ. އެކަމަކު އެބޭފުޅުންނަކަށް އެހަނގުރާމަޔަށްފަހުވެސް ހިމޭނަކުން ނުތިއްބެވުނެވެ. އިސްލާމްދީނާއި ތުރުކިއޭ މުޖާހިދުންނާމެދު އެބޭފުޅުން ދެކެވަޑައިގެންނެވީ ޔޫރަޕުގެ އަރިކައްޓަށް ހެރިފައިހުރި ވޭންގަދަ ވިހަ ކައްޓެއްކަމުގައެވެ. އެބޭފުޅުން ތިއްބެވީ އެކަށި ލުއްސައިލައްވައި އެއްލައިލައްވާހިތްޕުޅުން އިންނަވާން އޮންނަވާން ލިބިވަޑައިނުގެންފައެވެ. އެކަމަކު މައްސަލައަކީ އެކައްޓަކީ އެބޭފުޅުންނަށް ފަސޭހަފުޅުގޮތަކަށް އުފުރައިލެއްވޭވަރަށްވުރެ މާވަރުގަދަ މާފެންވަރުހުރި އެކަތައިގެ ކައްޓެކެވެ. އެކަށި ބައެއްފަހަރަށް ޔޫރަޕުގެ ރަސްރަސްކަލުންގެ ޣީރަތަށާއި އެބޭފުޅުންގެ ހިތްޕުޅުގެ ހަމަޖެހުމަށް ވިހަދޫކުރެއެވެ. އެބޭފުޅުންގެ ހިތްޕުޅުތަކުގައި ބަދަލުހިއްޕެވުމުގެ ޖޯޝު މޯޅިޔަށް ދަންމައެވެ. އެބޭފުޅުންގެ ހިތްވަރުފުޅު ގަދަކަމަށް ގޮންޖަހައި ފިނޑިފުޅުކަމާއި އަންހެންދުޅާކަމަށް މަލާމާތްކުރެއެވެ. އެހެންކަމުން ކޮށީގައި ބަންދުކޮށްފައިތިބޭ ވަލުޖަނަވާރުތަކެއް ފަދައިން ކޮށިން ނުކުމެވަޑައިގެން ތުރުކިއޭއިންނާ ކުރިމަތިލެއްވުމުގެ ޖޯޝުން އެބޭފުޅުންގެ ހިތްޕުޅުތައް ކައްކައިލައެވެ. އެކަމަކު ތުރުކިއޭ މުޖާހިދުން ކޮންމެފަހަރަކުވެސް އެބޭފުޅުންނާއި އެބޭފުޅުންގެ ބައިބޯ ލަޝްކަރުތައް ކަންބަޅިއައިންތަކެއް ފަދައިން ލަވަމުން ގެންދަވައި މުޅާގޮނޑިތަކެއް ފަދައިން ކޮއްޓަވައިލައްވައެވެ. އެބޭފުޅުންގެ ބަދަލުހިއްޕެވުމުގެ އަލިފާންގަނޑު ތުރުކިއޭއިންގެ ފަންވަރުގަދަ ރަހަފޮދެއްކަހަލަ ތޫނު ކަނޑިކޮޅުތަކުން އޮހޮރައިލައްވާ ލެއިން ފަސޭހަފުޅުކަމާއެކު ނިއްވައިލައްވައެވެ.

މުއައްރިޚުން ލިޔުއްވައިފައިވެއެވެ. ކޮސޯވޯގެ ހަނގުރާމަޔަށްފަހު ފެންނަ ފެނުމުގައި ޔޫރަޕުގެ އުދަރެސްވަނީ ސާފުވެފައެވެ. އެކަމަކު ހަނގުރާމައިން ބަލިފުޅުވި ރަސްރަސްކަލުން ތިއްބެވީ ނުހަނު ފިކުރުފުޅު ބޮޑުވެފައެވެ. އެބޭފުޅުންގެ ޞަލީބީ ހަނގުރާމަވެސްވަނީ ހުއްޓުވައިލެވިފައެވެ. އަނެއްކޮޅުން ތުރުކިއޭއިންގެ ވަރުގަދަ އާރާއި ބާރުވަނީ މުޅި ޔޫރަޕު ބިރުން ސިއްސުވައި ތުރުތުރުއަޅުވައިފައެވެ. އެހެންކަމުން ޔޫރަޕުގެ ރަސްރަސްކަލުން ގެންދެވީ ސިއްރު ސިއްރުން އެކަމަކު ވަރަށް ވަރުގަދަޔަށް ހަނގުރާމަޔަށް ތައްޔާރުވެވަޑައިގަންނަވަމުންނެވެ. އެބޭފުޅުން ބިރުފުޅުގެން ވަޑައިގަންނަވަނީ އެބޭފުޅުންގެ މުސްތަޤްބަލު ނުހަނު ބަނަކޮށް ފެނިވަޑައިގަންނަވާތީއެވެ. އެހެންކަމުން އެބޭފުޅުންގެ ބޭނުންފުޅަކަށް ވެފައިވަނީ ތުރުކިއޭއިންގެ ކަންކަށިމަތީގައި ވަރުގަދަ އެތިފަހަރެއް ޖައްސަވައިލެއްވުމެވެ. އަލުން ތެދުވެ ހިންދެމިނުލެވޭވަރުގެ އެތިފަހަރެކެވެ. އެންމެފަހުން އެބޭފުޅުންގެ މަސައްކަތްޕުޅުން އެވަގުތުވެސް އަތުވެއްޖެއެވެ. سلطـــان بــايـــزيــد خــــان ޔިލްދިރިމް ތަޚްތަށް އިސްވެވަޑައިގެންނެވިތާ ހަތްވަނައަށްވީ އަހަރު އޭނާއަށް ޖެހިވަޑައިގެންނެވީ ޑައިނޫބު ކޯރުގެ އައްސޭރީގައި އޮންނަ ނައިކޯޕޯލިސްގައި މުޅި ޔޫރަޕުގެ ގުޅިފައިވާ ލަޝްކަރާ ކުރިމަތިލައްވާށެވެ.

ކޮސޯވޯގެ ޞަލީބީ އިއްތިހާދުގެ މުޙައްރިކަކީ ސާވިޔާގެ ރަސްގެފާނު ލަޒާރޫސެވެ. މިފަހަރު ޞަލީބީ އިއްތިހާދުގެ ބާނީއަކީ ހަންގޭރީގެ ރަސްގެފާނު ސިގަސްމަންޑެވެ. ލޭންޕޫލް ވިދާޅުވާގޮތުގައި ހަންގޭރީ ރަސްގެފާނު ސިގަސްމަންޑަކީ ނާކާމިޔާބު ވެވަޑައިގެންނެވުމުންވެސް ހަނުހުންނެވޭ ޒާތުގެ ބޭފުޅެއް ނޫނެވެ. 1392މ. ގައިވެސް އޭނާއަށްވަނީ ނުހަނު ލަދުވެތި ނާކާމިޔާބަކާ ކުރިމަތިލައްވާން ޖެހިވަޑައިގެންފައެވެ. އޭނާ ބަލްގޭރިޔާއަށް ޙަމަލަދެއްވުމުންނެވެ. އެކަމަކުވެސް ކޮސޯވޯއާއި ސާވިޔާގައި ލިބިވަޑައިގެންނެވި ނިކަމެތިކަމާއި ނާކާމިޔާބީގެމަތީން ހަނދުމަފުޅު ނައްތައިލައްވާކަށެއްވެސް އޭނާއަށް ފަސޭހަފުޅެއް ނުވިއެވެ. (ޞަފުޙާ: 39)

ހަންގޭރީގެ ކްރިސްޓިޔަނުންނަކީ ކެތަލިކް ފިރުގާގެ ބައެކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އެބައިމީހުން ތިބީ ރޯމަން ޗާޗުގެ ދަށުގައެވެ. އަނެއްކޮޅުން އެސަރަޙައްދުގެ ބައެއް ދައުލަތްތަކަކީ ގްރީކް ޗާޗަށް ތަބާވާ ދައުލަތްތަކެވެ. ހަންގޭރީގެ މީހުން ދެކެނީ ގްރީކް ޗާޗުގެ މީހުންނަކީ ކާފަރުން ކަމުގައެވެ. އެހެންކަމުން ތުރުކިއޭއިން "އެ ކާފަރުންނާ" ހަނގުރާމަކުރިއިރު ލެޓީނީ ޗާޗުގެ މީހުންތިބީ ހަމަޖެހިލައިގެން ކުޅިބަލާށެވެ. ގްރީކް ޗާޗުގެ މީހުން އެކަނިހައްޓަށް ދޫކޮށްލައިގެންނެވެ. އެކަމަކު ހަންގޭރީންނަށް ނުރައްކަލާ ކުރިމަތިލާންޖެހުމުން މުޅި ޔޫރަޕުވަނީ މުސްލިމުންނާ ދެކޮޅަށް ޞަލީބީ ހަނގުރާމައެއް އިޢުލާނުކޮށްފައެވެ. ސިގަސްމަންޑުގެ އިލްތިމާސާ ގުޅިގެން 1394 ގައެވެ. (ލޭންޕޫލް، ޞަފުޙާ: 39) އެހެން ޢިބާރާތަކުން ދަންނަވާނަމަ އެހެންމީހުންގެ ގޭގޭގައި އަލިފާން ރޯވެގެން އަނދަމުންދިޔައިރު ޕޯޕް ހުންނެވީ އެހެންމީހުންގެ ގެދޮރު އަނދައި އަޅިޔަށްވާ މަންޒަރު ބައްލަވާށެވެ. އެކަމުން ހިތްޕުޅަށް ހަމަޖެހުމާއި ފިނިކަން ހޯއްދަވާށެވެ. ނަމަވެސް އަމިއްލަފުޅު ގެކޮޅަށް އެ އަލިފާނުގެ ދިލަފޯރާންފެށުމުން ޕޯޕް ކަންބޮޑުވެވަޑައިގެންފިއެވެ. މޭފުޅު ކަރާންފަށައިފިއެވެ. ޔޫރަޕުގެ ހުރިހައި ރަސްރަސްކަލުންނަށް ފަތް ފޮނުއްވާން ފައްޓަވައިފިއެވެ. މަދަދާއި އެހީފުޅަށް އެދިވަޑައިގެން ޔޯތްގޮވައިލައްވާން ފައްޓަވައިފިއެވެ.

"ދައުލަތެ ޢުޘްމާނިއްޔާ" ގެ މުޞަންނިފު މި ޞަލީބީ އިއްތިހާދާ ބެހޭގޮތުން ލިޔުއްވައިފައިވެއެވެ. ކޮސޯވޯ ހަނގުރާމަޔަށްފަހު ސާވިޔާ ފަތަޙަވުމުން ހަންގޭރީގެ މިނިވަންކަމަށްވަނީ ވަރަށްބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ. ޚާއްޞަކޮށް ނައިކޯޕޮލިސްއާއި، ވަދީނާއި ސިލްސިޓަރިޔާ ފަތަޙަވުމުން ތުރުކިއޭއިންގެ ކުރިމަތީގައިވަނީ ހަންގޭރީއަށްދާ މަގު ހުޅުވިފައެވެ. ވިދިވިދިގެން މި ޙަމަލާތައް ކުރިމަތިވަމުން ދާންފެށުމުން ހަންގޭރީގެ ރަސްގެފާނު ސިގަސްމަންޑަށް ގޮތްހުސްވެވަޑައިގެން ޔޫރަޕުގެ ހުރިހައި ޞަލީބީ ދައުލަތްތަކެއްގެ އެހީއަށް އެދިވަޑައިގެން އިލްތިމާސް ކުރައްވައިފިއެވެ. ހަންގޭރީއަކީ ރޯމުގެ ޗާޗާ ގުޅިފައިވާ ދައުލަތެކެވެ. އެހެންކަމުން ޕޯޕުވެސް ހަންގޭރީގެ ދިފާޢުގައި ތެދުވެވަޑައިގެންފިއެވެ. ތުރުކިއޭއިންނާ ދެކޮޅަށް ޞަލީބީ ހަނގުރާމަޔަކަށް ތައްޔާރުވާން ވަޢުޡު ވިދާޅުވާން ފައްޓަވައިފިއެވެ.

ތުރުކިއޭއާ ދެކޮޅަށް އޭގެކުރީން އުފެދުނު ޞަލީބީ އިއްތިހާދުތަކުގައި ހުޅަނގު ޔޫރަޕުގެ ޤައުމުތަކުން އެއްވެސްވަރަކަށް ބައިވެރިޔެއް ނުވެއެވެ. އެކަމަކު މިފަހަރު ސިގަސްމަންޑުގެ ޚާއްޞަ މަސައްކަތްޕުޅަކަށް ހެއްދެވީ ފަރަންސޭސީންގެ އެހީވެސް ހޯއްދެވުމެވެ. ފަރަންސޭސި ލަޝްކަރުތައްވެސް އޭނާއާ ބައިވެރިކުރެއްވުމެވެ. އެދުވަސްވަރަކީ ފަރަންސޭސީންނާއި އިނގިރޭސީންގެ ހަނގުރާމަވެސް ހުއްޓިފައިއޮތް ދުވަސްވަރެކެވެ. އެހެންކަމުން ފަރަންސޭސީންވެސް އެ އިއްތިހާދުގައި ބައިވެރިވާކަށެއް ފަހެއްނުޖެހުނެވެ. ފަރަންސޭސިވިލާތާއި ބަރގަންޑީގެ ޒުވާނުންވެސް ތިބީ އިރުމަތީ ޔޫރަޕުގެ މައިދާނުގައި އެބައިމީހުންގެ ހިތްވަރާއި ފަންވަރު ދައްކައިލާހިތުން ކެތްތެރިކަން ކުޑަވެފައެވެ. ހުޅަނގު ޔޫރަޕުގެ މަސީޙީ ބާރުތަކުން އެއްބަސްވީ ޑިޔުކް އޮފް ބަރގަންޑީގެ ދަރިކަލުން ކައުންޓް ޑި ނެވާސް ހަންގޭރީގެ ރަސްގެފާނަށް އެހީވެވަޑައިގެންނެވުމަށްޓަކައި ލަޝްކަރަކާއިގެން ވަޑައިގަންނަވާ ގޮތަށެވެ. ފަރަންސޭސިވިލާތާއި އެނޫންވެސް ޔޫރަޕިޔަން ދައުލަތްތަކުގެ އަސްވާރުންގެ ޔުނިޓުތަކުގެ ކޮމާންޑަރަކީ އޭނާ ކަމުގައި ހެދުމަށެވެ.

އެ ބަހާދަރުންގެ މަޤްޞަދަކަށް ވެފައިއޮތީ ހުސްއެކަނި ހަންގޭރީއަށް އެހީވުމެއް ނޫނެވެ. ހަންގޭރީގައި بــايـــزيــد ގެ ބާރުފުޅު ކަފާސްކޮށްލުމަށްފަހު ޤުސްޠަންޠީނިއްޔާއަށްގޮސް ދަރުދާނިޔާލް ހުރަސްކޮށްފައި ޝާމްކަރަޔަށް ދިޔުމެވެ. މުޤައްދަސް ބިންތައް (ޤުދުސް) މުސްލިމުންގެ އަތްދަށުން މިނިވަންކުރުމެވެ. މަޝްހޫރުކަން ހޯދުމަށާއި ނަންވިދުވައިލުމުގެ އެދުމުގައިވެސް ހުޅަނގުޔޫރަޕުގެ ހެވީންގެ އެތައްބަޔަކު ބައިބަޔަށް އެއްވަމުންދިޔައެވެ. ފަރަންސޭސި ޝާހީ ޚާންދާނާއި އަމީރުންކުރެ ޢަސްކަރީ ފަންނުތަކުގައި ނަންފުޅު ހިނގައިފައިވާ ހުރިހައި ބޭފުޅުން މި "މުޤައްދަސް" ޢަސްކަރީ މިޝަންގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ހޮވައިލެވިފައިވާ ފައުޖު ފަރަންސޭސިވިލާތުން ފުރީ 798ހ./1396މ. ގައެވެ. އެލަޝްކަރު ދަތުރުކޮށްފައި އައިއައުމުގައި ޖަރުމަނުގެ ޝާހީ ޢާއިލާގެ ފަހުލަވާނުންވެސް އެލަޝްކަރުގައި ބައިވެރިވެވަޑައިގެންފިއެވެ. ރޯޑްސްގެ މުބާރިޒާކުރާ މީހުންގެ އިސްއޮފިސަރުވެސް ވަރުގަދަ ގެމައަކާއެކު ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެއިތުރަށް ސިގަސްމަންޑުގެ މަސައްކަތްޕުޅުން ބަވޭރިޔާއާއި ސްޓައިރިއާއިންވެސް އަސްވާރުންގެ ޔުނިޓްތަކެއް ހޯއްދެވިއެވެ. އެގޮތުން ހުޅަނގުޔޫރަޕުގެ މަސީޙީ މުޖާހިދުންގެ ޢަދަދު ދިހަބާރަހާހަށް އެރިއެވެ. ސިގަސްމަންޑު އޭނާގެ ވެރިކަމުގެ ސަރަޙައްދުންވެސް ހަތިޔާރު އުފުލޭ އުމުރުން އެއްކުރެއްވޭންއޮތް އެންމެގިނަ ޢަދަދަކަށް ސިފައިން އެއްކުރެއްވިއެވެ.

ލޭންޕޫލް ވިދާޅުވާގޮތުގައި ވިލާޗިޔާއާއި ބަލްގޭރިޔާގެ މީހުންގެވެސް ތުރުކިއޭއިންގެ އަޅުވެތިކަމުގެ ކަސްތޮޅު ފުނޑުފުނޑުކޮށްލިއެވެ. އެމީހުން ތުރުކިއޭއިންނަށް ވެފައިވާ ހުރިހައި ވަޢުދުތަކަކާއި ކޮށްފައިވާ ހުވާތަކެއް އުވައިލައި ހިތުން ރުހުމުން އިއްތިހާދާ ބައިވެރިވެއްޖެއެވެ. (ޞަފުޙާ: 40) މިއީ ތުރުކިއޭއިން ޔޫރަޕުން ބޭރުކޮށްލާން މުޅި ޔޫރަޕް ޞަލީބީ ދިދައިގެދަށަށް ޖަމާވި ޖަމާވުމެކެވެ. މި ޞަލީބީ ލަޝްކަރުގެ ވަރުގަދަކަމާ ބެހޭގޮތުން ލޭންޕޫލް ވިދާޅުވާގޮތުގައި ކިތަންމެ ބާރުފުޅުގަދަ ރަސްކަލަކަށްވެސް އެލަޝްކަރު ފެނިވަޑައިގެންނެވުމުން މޭފުޅު އަނގަފުޅަށް އަންނަވަރުވެއެވެ. ދައުލަތެ ޢުޘްމާނިއްޔާގެ މުއައްލިފު އެލަޝްކަރުގެ ޢަދަދެއްކަމުގައި ލިޔުއްވައިފައިވަނީ އެއްލައްކައެވެ. އެކަމަކު ބައެއް މުއައްރިޚުންގެ އަރިހުގައި އެއްލައްކައަށްވުރެވެސް އެލަޝްކަރުގެ ޢަދަދު މާގިނައެވެ. مــــولانــا أكــبــــــر خــــان نجــيب آبــادى އެލަޝްކަރާ ބެހޭގޮތުން ލިޔުއްވައިފައިވެއެވެ.

"ޢީސާއީންގެ މިވަރުގަދަ ލަޝްކަރާ ބެހޭގޮތުން ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މިފަހަރު ޔޫރަޕުގެ އެކި ޤައުމުތަކުން އެއްވި މަސީޙީ ލަޝްކަރުތަކުގެ އެންމެންނަކީވެސް ނުހަނު ހިތްވަރުގަދަ ތަޖްރިބާކާރު ސިފައިންނެވެ. ތަކުރާރުކޮށް އެތައް މައިދާންތަކެއްގައި ހަނގުރާމަކޮށް އަޖުމަ ބެލިފައިވާ ސިފައިންނާއި އޮފިސަރުންނެވެ. އެއެންމެންނަކީވެސް މަސީޙީ ޔޫރަޕުން ހޮވައިލެވިފައިވާ ސިފައިންނާއި ކޮމާންޑަރުންނެވެ. އެލަޝްކަރުގެ ކޮމާންޑަރުން ވިދާޅުވަމުން ގެންދެވިގޮތުގައި މަތީން އުޑުވެއްޓުނު ކަމުގައިވިޔަސް އެބޭފުޅުންގެ ލޮންސިކޮޅުތަކުގެ ތުނޑުން އެއުޑު ހިފަހައްޓައިލައްވާނެއެވެ. (ތާރީޚެ އިސްލާމް، ޞަފުޙާ: 340)

(ނުނިމޭ)