ރާއްޖޭގެ އިގުތިސޯދީ ދުވެލި ރަނގަޅު ނަމަވެސް އިންފްލޭޝަނާއި ދަރަންޏާއި މާލީ ގޮންޖެހުންތަކުގެ އަސަރު ބޮޑު ކަމަށް ވޯލްޑު ބޭންކުން ބުނެފިއެވެ.
ގައުމުތަކުގެ އިގުތިސޯދީ ހާލަތު ބަޔާންކޮށް ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓް މިއަދު ވަނީ ނެރެފައެވެ. ވޯލްޑް ބޭންކުން މިއަދު އާންމުކުރި "ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް، ކޯޕިން ވިތުޝޮކްސް: މައިގްރޭޝަން އެންޑް ދަ ރޯޑް ޓު ރެސިލިއަންސް،" ގައި ބުނީ ޓޫރިޒަމް އިންޑަސްޓްރީގެ ސަބަބުން ރާއްޖޭގެ އިގުތިސޯދު ކުރިއަރަމުން އަންނަ ކަމަށެވެ.
މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރެވެނީ 12.4 ޕަސަންޓުގައި ކަމަށާއި އެއީ މިއަހަރުގެ ކުރީކޮޅު ލަފާކުރި ވަރަށްވުރެ 4.8 ޕަސަންޓުގެ އިތުރުވުމެއް ކަމަށެވެ. އަދި ލަފާކުރި ވަރަށްވުރެ ބާރަށް އިގުތިސޯދު ކުރިއަރަމުންދަނީ ޓޫރިޒަމްގެ ސަބަބުން ކަމަށްވެސް ވޯލްޑުން ބޭންކުން ބުންޏެވެ.
ކުރިޔަށް އޮތް ދެ އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 8.1 އިންސައްތަ ކަމަށާއި އެގޮތަށް ލަފާކޮށްފައި ވަނީ ޓޫރިޒަމުން އިގުތިސޯދީ ހަރަކާތްތަކަށް އެހީތެރިވެދޭނެ ކަމަށް ބެލެވޭތީ ކަމަށް ވޯލްޑު ބޭންކުން ބުންޏެވެ.
ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިފައިވާތީ ރާއްޖޭގެ އިންފްލޭޝަން މަތިވަމުން އަންނަ ކަަމަށާއި އެކަމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތަށް ނުރަނގަޅު އަސަރުކުރާނެ ކަމަށް ވޯލްޑު ބޭންކުން ބުންޏެވެ. ތެލަށާއި ކާޑުގެ ބާވަތްތަކައް އިސްތިސްނާއެއް ނެތި ދެމުންދާ ސަބްސިޑީ ސަބަބުން ދައުލަތުގެ އެތެރޭގެ ހަރަދުތައް ވަރަށް މަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް ވޯލްޑު ބޭންކުން ބުންޏެވެ.
ވޯލްޑު ބޭންކުން ވަނީ ދައުލަތުން ހައްގުވެރިންނަށް އެކަނި ސަބްސިޑީ ފޯރުކޮށްދިނުމަށް ގޮވާލައިފައެވެ. އަދި ހަރަދުތައް ކުޑަކުރުމަށް ދައުލަތުން ފިޔަވަޅުތަކެއް އެޅިނަމަވެސް 2023 ވަނަ އަހަރު ބާއްވާ އިންތިހާބަށް ހަރަދުކުރާ ފައިސާގެ ސަބަބުން އެކަމުގެ ފައިދާ ނުކުރާނެ ކަމަށް ވޯލްޑު ބޭންކުން ބުންޏެވެ.
ބޭރުން ލޯނު ނަގައިގެން ހިންގާ ސޯޝަލް ހައުސިން ޕްރޮޖެކްޓްސް އާއި ތަރައްގީގެ އެކިއެކި މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވާނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު އެތެރެ އާއި ބޭރުގެ ލޮޅުންތަކަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.
ވޯލްޑު ބޭންކުން ރާއްޖެއަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒާވޮސް ވިދާޅުވީ އިގުތިސޯދާއި މާލީ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، ދަރަނި މެނޭޖުކުރުމަކީ ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ ކަންތައް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު