ޚަބަރު

ހުޅުމާލޭގައި 9000 މީހުންގެ ޖާގައިގެ ލޭބާ އެކޮމޮޑޭޝަނަކާއި ގަރާޖުތައް ހިންގަން އޮޓޯ ސެންޓަރެއް ހަދަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ވޯކާސް ބިލްޑިންއަކާއި އޮޓޯ ސެންޓަރެއް ހަދަން ބަޔަކާ ހަވާލުކޮށްފިއެވެ.

މީރުމާ ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ މަޝްރޫއުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

ވޯކާސް ބިލްޑިން ހަދަން ހަވާލުކުރި ހޮންގްކޮންގް ރޯޓައިމް އިންޖިނިއަރިން ޓެކްނޮލޮޖީ ޕްރައިވެޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު ޗިންގް ޗޮންގް ވޫއެވެ.

އޮޓޯ ސެންޓަރު ހަދަން ހަވާލުކުރީ ހިޔާ ފްލެޓްގެ މަސައްކަތްވެސް ކުރި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ޖަންގް ޓާއޯއެވެ.

މި ދެ މަޝްރޫއުއަކީވެސް އެޗްޑީސީން ހަރަދުކޮށްގެން ހިންގާ ދެ މަޝްރޫއެވެ.

ވޯކާސް ބިލްޑިން

ސާދަ މަސް ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި އިމާރާތަކީ ރާއްޖޭގެ އެކި ކުންފުނިތަކުން އެކި މަސައްކަތްތައް ކުރުމަށް ގެންނަ ބިދޭސީ މުވައްޒަފުންނަށް ރައްކާތެރި، ތަނަވަސް އެކޮމޮޑޭޝަންގެ ހިދުމަތް ދިނުމަށް ހަދާ އިމާރާތެކެވެ.

މިތަން ފަރުމާކޮށްފައި ވަނީ 7000 ލޭބަރުންނާއި 2000 ހޮސްޕިޓަލިޓީ ސްޓާފުން އެކޮމޮޑޭޓް ކުރެވޭ 18 ބްލޮކް ހިމަނައިގެންނެވެ. މީގެ ކޮންމެ ބްލޮކެއްގައި ހަތަރެއް އަދި ހަ މީހުންގެ ޖާގައިގެ ކޮޓަރިތަކާއި ފާހާނާބަރިއަކާއި ނަމާދު ގެ އަދި ފިހާރަ ހިމެނޭއެވެ. އަދި ބަދިގެ އާއި މެސް ހޯލަށް ހާއްސަކޮށްފައިވާ ބުރިއެއްވެސް ހުންނާނެއެވެ.

މި ބިލްޑިންގެ އޮފީސްތައް ފަސް ބުރިއަށް ވަކިވަކިން ހުންނަ އިރު, މިތަނުގައި ސެކިއުރިޓީ ރޫމާއި ކޮންފަރެންސް ހޯލާއި މެޑިކަލް ރޫމެއްވެސް ހަދާނެއެވެ.

މި މަޝްރޫއުގެ އަގަކީ 558.2 މިލިއަން ރުފިޔާއެވެ.

އޮޓޯ ސެންޓަރު

ޖުމުލަ 35,400 އަކަފޫޓުގެ ޖާގައެއްގައި ފަސް ބުރިއަށް ހަދާ މި އިމާރާތުގައި ހަތް ސާވިސް ލިފްޓާއި ގަރާޖުތަކަށް ތަނަވަސް ޖާގަ ހުންނާނެއެވެ. އަދި ކަރަންޓް ކާރުތަކަށް ހާއްސަ ޗާޖިން ސްޓޭޝަނެއްވެސް ހަދާނެއެވެ.

އެޗްޑީސީގެ ސަސްޓެއިނަބަލް ސިޓީ މޮޑެލްގެ ދަށުން މި އިމާރާތުން ވާރޭފެން ނެގޭ ގޮތަށް ހަދާއިރު, އިމާރާތުގައި ބޭނުންކުރާނީ ސޯލާ ހަކަތައެވެ. އޭގެ އިތުރުން އުކާލާ ފެން ޓްރީޓްކުރެވި ރިސައިކަލް ކުރެވި ކުނި ތަރުތީބު އުސޫލުން ރައްކާކޮށް, ރައްކާތެރިކަމާއެކު އުކޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ.

މި މަޝްރޫއު ނިންމަން އެއްބަސްވެފައިވަނީ ދެ އަހަރު ތެރޭގައެވެ. މިއީ ޖުމުލަ 632 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.