ދިވެހި ފަތުރުވެރިކަމަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވި ބޭފުޅުންނަށް ސަރުކާރުން ދިން ރަން އެވޯޑް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުދިނުމުން އަމާޒުވާ ފާޑުކިޔުންތަކަށް ސަރުކާރުން ރައްދުދީފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ފަތުރުވެރިކަމުގެ ރަން އެވޯޑް އެރުވީ ދިވެހި ފަތުރުވެރިކަމުގެ ތިން ބާނީންނާއި ބައެއް ރައީސުންނާއި އެ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވި ބޭފުޅުންނަށެވެ.
ކުރީގެ ރައީސުންގެ ތެރެއިން އެވޯޑް އެރުވީ ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ރައީސް މުހައްމަދު ނަޝީދަށެވެ.
އެ އެވޯޑް ރައީސް ޔާމީނަށް ނުދިނުމުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ސަޕޯޓަރުން ވަނީ އަމާޒުކުރާ ފާޑުކިޔުންތަކަށް ސަރުކާރުގެ ފަރާތުން ރައްދުދެއްވީ ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، އެވޯޑް ދިނީ ހައްގުވެރިންނަށް ކަމަށެވެ.
"އެވޯޑް ހައްގުވާ ބޭފުޅުންނަށް އެވޯޑް ދީފަ ވަނީ. ހަމަގައިމުވެސް އެވޯޑް ހައްގުނުވާ އެއްވެސް މީހަކަށް އެވޯޑް ދީފައެއް ނުވޭ،" މިއުވާން ވިދާޅުވިއެވެ.
ގައުމީ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ތެރެއިން ބައެއް ތަން ތަނުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބުމާއި އެރަށްތައް ނުހެދި ހުރުން ކަމަށެވެ.