ގދ. ތިނަދޫގައި 200 ހައުސިން ޔުނިޓު އިމާރާތް ކުރުމަށް ޖޮއިންޓު ވެންޗާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ސިއެރާ ސްޓާ ޖޮއިންޓު ވެންޗާ އާއެވެ.
މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން ޑިޕާޓުމެންޓްގެ ޑިރެކްޓަރު އަހުމަދު ވިޝާން ނަސީމެވެ. އަދި ސިއެރާ ކޮންސްޓްރަކްޝަނާއި ސްޓާ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެމްއެޗްޕީ ޕްރަސާދު އަރުތްނާއެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ތިނަދޫގައި 700 އަކަފޫޓުގެ 200 ހައުސިން ޔުނިޓް އިމާރާތް ކުރާނެ ކަމަށެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އަދި ސިޓިންރޫމާއި ބަދިގެ އާއި ކާގޭގެ އިތުރުން ލޯންޑްރީ އާއި ގުދަނެއްވެސް ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި، އެ ޔުނިޓްތަކުގެ ވަށައިގެން ލައިޓު ހަރުކުރާނެއެވެ. އަދި ޕާކަކާއި ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ވެސް ގާއިމުކުރާނެއެވެ.
ޖުމުލަ 253.9 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރަން ޖެހެއެވެ.