އައިޖީއެމްއެޗްގައި މަސައްކަތް ކުރި ޕިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތު ރައްދުވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނަށް ފިޔަވައި އިތުރު ބަޔަކަށް އެކަން ނުކުރެވޭނެ ކަމާއި މޭރީ މަރާލުމުގެ ގަސްތު އެ ދެމީހުންގެ އޮތްކަން ސާބިތުކޮށްދޭނެ ކަމަށް ދައުލަތުން ބުނެފިއެވެ.

މޭރީ މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ވަނީ އިފުތިތާހީ ބަޔާން އިއްވުމުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ.

މާވިން ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ މިދިޔަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އިފުތިތާހީ ބަޔާން އިއްވަމުން ދައުލަތުން ވަނީ ލަމްހާއާއި މާވިންއަށް ކުރާ ދައުވާތައް ސާބިތުކުރުމަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.

އޭގެ ތެރޭގައި މޭރީއާއި މާވިންގެ ހަތަރު އަހަރުގެ އަންހެން ކުއްޖަކު ހުންނަ ކަމާއި ފިލިޕީންސްގެ ގާނޫނު އޮންނަ ގޮތުން އެ މީހުންނަށް ވަރިވެވެން ނެތްކަން ސާބިތުކުރުމަށް ހުށައަޅާފައިވާ ހެކީގެ އިތުރުން ލަމްހާއާއި މާވިން ލޯބީގެ ގޮތުން ގުޅުނުކަން މޭރީއަށް އެނގިގެން ދެބަސްވުންތަކެއް ހިނގިކަން ސާބިތުކުރުމަށް ހުށައަޅާފައިވާ ހެކިތަކާއި އަންހެނެއްގެ ގަޔަށް އިންޖެކްޝަން ޖަހާނެ ގޮތާއި ގުޅޭ ގޮތުން އެ ދެމީހުން ވާހަކަ ދައްކާވަފައިވާ ކަމާއި އެމީހުން މޭރީ މަރާލުމަށް ގަސްތު އޮތްކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފައިވެއެެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ އުޅޭ ގެ ބަލައި ފާސްކުރި އިރު، ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން ތިން އިންޖެކްޝަނެއް ފެނިފައިވެއެވެ. އޭގެ ތެރޭގައި "ސަކްސިނައިލްކޮލިން" އާއި "ޕޮޓޭސިއަމް ކްލޮރައިޑް" ހިމެނޭއިރު، އެ އިންޖެކްޝަންތަކަކީ މީހުން ހޭނައްތަން ބޭނުންކުރާ އަދި މީހަކު މަރާލެވިދާނެ ފަދަ އިންޖެކްޝަނެއްކަން ދައުލަތުން ބުނެފައިވެއެވެ. އެކަންކަން ސާބިތުކުރުމަށްވެސް ދައުލަތުން ހެކި ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ދައުލަތުން ވަނީ މޭރީ މަރުވީ ދަންޖެހިގެން ނޫންކަން ސާބިތުކުރުމަށާއި މޭރީ މަރުވެފައިވާ ކަމަށް ތަހުގީގުގައި ލަމްހާ ބުނި ގަޑިއަށްވުރެ ކުރިންވެސް ލަމްހާއަށް މޭރީ މަރުވެފައިވާކަން އެނގޭކަން ސާބިތުކޮށްދޭންވެސް ހެކި ހުށަހަޅައިފައެވެ.

ލަމްހާގެ ދިފާއީ ވަކީލު، އިފުތިތާހީ ބަޔާން އިއްވަމުން ވިދާޅުވީ، މޭރީ މަރާލުމުގައި ލަމްހާގެ ބައިވެރިވުމެއް ނޯންނާނެކަން ސާބިތުކުރުމަށް ލަމްހާގެ ފަރާތުން ދިފާއީ ހެކި ހުށައަޅާފައިވާނެ ކަމަށެވެ. މާވިންގެ ފަރާތުންވެސް އިފުތިތާހީ ބަޔާން އިއްވަމުން ވަނީ އޭނާއަށް ކުރާ ދައުވާގައިވާ ކަންކަމަށް އިންކާރުކޮށް ދިފާއީ ހެކި ހުށަހަޅައިފައެވެ.

މި މައްސަލައިގައި ދެން އޮންނާނީ ދައުލަތުގެ ހެކިބަސް ނެގުމެވެ. ހެކިބަސް ނެގުމުގެ އަޑުއެހުމެއް މިމަހުގެ 16 ވަނަ ދުވަހާއި 17 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ވަނީ ތާވަލުކޮށްފައެވެ.