ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއު އެއްކޮށް ނިމޭއިރު ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ރަނގަޅު އެއް އެއާޕޯޓަށް ވެގެންދާނެ ކަމަށް ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެއެވެ.
ވީއައިއޭގައި އާ ރަންވޭ ބޭނުންކުރަން ފެށުމަށް މިއަދު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަނިކު ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްގެ ތެރޭގައި އާ ރަންވޭއަކާއި ސީ ޕްލޭން ޓާމިނަލެއްގެ އާ ޕަސެންޖާ ޓާމިނަލަކާއި ކާގޯ ޓާމިނަލްގެ އިތުރުން ފިއުލް ފާމް އަދި އޭޕްރޮން ބޮޑުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި މި މަސައްކަތަކީ ހިނގަހިނގާ އޮތް އެއާޕޯޓެެއްގެ ތެރޭގައި އިތުރު އެއާޕޯޓެއް އެޅުން ކަހަލަ ކަމެއް ކަމަށް ވިދާޅުވިއެވެ.
މަނިކު އިތުރަށް ވިދާޅުވީ ވީއައިއޭގައި ތަރައްގީކުރާ ކާގޯ ޓާމިނަލަކީވެސް މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ވަރުގެ ޓާމިނަލަކަށް ވާނެ ކަމަށެވެ. އެ ޓާމިނަލުގެ މަސައްކަތް ނިމި އޮޕަރޭޝަނަށް ގެނައުމުން ކާގޯ ޓްރާންސިޓް ހަބަކަށް ވީއައިއޭ ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ޕަސިންޖާ ޓާމިނަލް ބިލްޑިން ހުޅުވުނީމަ ދެން މި ޕިކްޗާ މުޅިން ފުރިހަމަވާނީ.. ހުރިހާ މޮޑާން އެއާޕޯޓެއްގެ ހުންނަ ހުރިހާ ވަސީލަތެއް ހުންނާނެ މިިތާ. މި އެއާޕޯޓް ވާނެ އިނގޭތޯ މި ހިސާބުގަނޑުގެ އެންމެ ރަނގަޅު އެއް އެއާޕޯޓަށް" މަނިކު ވިދާޅުވިއެވެ.
ވީއައިއޭ ޒަމާނީ ކުރުމަށް އެމްއޭސީއެލުން ހިންގާ މަޝްރޫއުގެ ދަށުން އަޅާފައިވާ އާ ރަންވޭއަކީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހެދި ތަނެކެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުރެއެވެ.
އާ ސީޕްލޭން ޓާމިނަލަކީ 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ. ޖާގަ ތަނަވަސްކޮށް އަދި އެހާމެ ހިތްގައިމުކޮށް ހަދާފައިވާ އާ ސީޕްލޭން ޓާމިނަލުގައި 28،000 އަކަމީޓަރު ހުންނައިރު ޓާމިނަލުގައި ޖުމުލަ 42 ލައުންޖު ހުރެއެވެ. އަދި ސީޕްލޭން އޮޕަރޭޝަންތަކަށް ޖުމުލަ 47 ޑޮކް އަންނަނީ ބޭނުން ކުރަމުން އަންނަ އިރު އިތުރު 24 ޑޮކް އަޅަން ވަނީ ރާވައިފައެވެ.
އޭގެ އިތުރުން އާ ޓާމިނަލާ އިންވެގެން ހުރި ޑޮކްތަކުން ބޯޓުތަކަށް ފިއުލް އެޅޭ ގޮތަށް އޮޓޮމެޓިކް ފިއުލިން ސިސްޓަމްތައް ހަރުކޮށްފައި ހުރި އިރު، ފްލައިޓުތަކުގެ މެއިންޓެނެންސްއަށް އާ ޓާމިނަލުގެ ހޭންގަރުވެސް ދަނީ ބޭނުންކުރަން ފަށައިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު ވިދާޅުވީ އެމްއޭސީއެލްގެ އަމާޒަކީ ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމާލުން ކަމަށެވެ.