ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަކީ ދިވެހި ދައުލަތުގެ އެންމެ މުހިންމު ހަރުމުދާ ކަމަށާއި އެއާޕޯޓަށް ލިބޭ ކޮންމެ ކުރިއެރުމެއްގެ ހެޔޮ އަސަރު ރާއްޖޭގެ އިގުތިސާދަށް ކުރާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ވީއައިއޭގެ އާ ރަންވޭ ބޭނުންކުރަން ފެށުމާއި ނޫވިލު ސީޕްލޭން ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް މިއަދު ހެދުނު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދުގެ މައި ދޮރޯށި ކަމުގައިވާ ވީއައިއޭއަކީ ދިވެހިންގެ ބުރަ މަސައްކަތުން ހެދި ދިވެހިންގެ އެއާޕޯޓެއް ކަމަށެވެ. އަދި ރާއްޖޭގެ މުޅި އިގުތިސާދު ބިނާވެފައި އޮތީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
ވީއައިއޭ ތަރައްގީކުރަމުން ދަނީ އެއާޕޯޓުގެ މާސްޓާ ޕްލޭނާއި އެއްގޮތަށްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ވީއައިއޭ ތަރައްގީކުރުމުގެ މަސައްކަތަކީ ހިނގަހިނގާ އޮތް އެއާޕޯޓެއްގެ ތެރޭގައި އާ އެއާޕޯޓެއް އެޅުން ފަދަ ކަމެއް ކަމަށެވެ.
"އެއާޕޯޓު ވެގެން މިދަނީ ދައުލަތުގެ ހުރި އެންމެ މުހިއްމު އިންފްރާސްޓްރަކްޗާގެ ގޮތުގައި. މިއަދު މި ފެންނަނީ އާ ރަންވޭއެއްގެ ފެށުމުގެ މަސައްކަތްތައް. މިކަން ފެށުމާއެކު ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެއާޕޯޓެއްގެ ތެރޭގައި އާ އެއާޕޯޓެއް ހަދަމުންދިޔައިރު، އަޅުގަނޑުމެންގެ ބިޒްނަސް، އެއާޕޯޓުން ދޭންޖެހޭ ހިދުމަތްތައް، ދުވަހުން ދުވަހަށް ފަތުރުވެރިން އިތުރުވެގެން އެ އައި މިންވަރުން، އެ ހިދުމަތްތައް ދިނުމަށްޓަކާ ބަޔަކު ކުރަމުންދިޔަ މަސައްކަތް'' ނައިބު ރައީސް ވިދާޅުވިއެވެ.
ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އާ ރަންވޭ ހަދަން ފެށީ 2017 ވަނަ އަހަރެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުންޏާ ހަވާލުކޮށްގެން ހެދި އާ ރަންވޭގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރުގެ ކޯޑް-އެފްގެ މިންގަނޑަށް ފެތޭ ގޮތަށް އަޅާފައިވާ އާ ރަންވޭއަށް އެންމެ ބޮޑެތި ބޯޓު، އޭ380ގެ ބޯޓުފަހަރު ޖެއްސޭއިރު، އާ ރަންވޭ ބޭނުންކުރަން ފެށުމާއެކު ކުރީގެ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އެއްގެ ގޮތުގައެވެ.
އާ ރަންވޭ މިއަދު ބޭނުންކުރަން ފެށުމާއެކު ވީއައިއޭއަށް ގަޑިއިރެއްގެ ތެރޭގައި ޖައްސައި އަދި ފުރާ ފުލައިޓްތަކުގެ އަދަދު އަށަކުން 20 އަށް އިތުރުވާނެއެވެ. އަދި މަތިންދާ ބޯޓު ޖެއްސުމަށްފަހުގައި ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓް ދެ މިނިޓަށް ކުރުވެ، ފްލައިޓް ޑިލޭވުމަށްވެސް ހައްލެއް ލިބިގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު