އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ފަސް މައްސަލައެއްގައި ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހާއެކު މަޝްވަރާ ފަށައިފިއެވެ.
އޭސީސީގެ ސީނިއާ ކޮމިއުނޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ވިދާޅުވީ، ޕީޖީއާއެކު މަޝްވަރާކުރަން ފެށި މައްސަލަތަކުގެ ތެރޭގައި އަމިއްލަ ކުންފުނިތަކާއި ފަރުދުންގެ މައްސަލަތައް ހިމެނޭ ކަމަށެވެ. އެ މަޝްވަރާތަކަށްފަހު މައްސަލަތަކާ ގުޅޭ އިތުރު ތަފުސީލު ހާމަކުރާނެ ކަމަށްވެސް ބުންޏެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަތަކާ އޭސީސީން ހަވާލުވީ، އެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަން، އެސެޓް ރިކަވަރީ ކޮމިޝަން އުވާލައި އެ ކޮމިޝަންގެ މަސައްކަތްތައް އޭސީސީގެ ދަށަށް ބަދަލުކުރުމުންނެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ތަގުގީގުކޮށް އެކަމުގައި ހިމެނޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތުކުރާ މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ ހިމެނޭ ގޮތަށް އެކުލަވާލި ޖޮއިންޓް ކޮމިޓީއަކުން މީގެ ކުރިން ވަނީ އާއްމުކޮށްފައެވެ.
އެ ލިސްޓުގައި ކުރީގެ ސަރުކާރާއި މިހާރު މި އޮތް ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންނާއި މިހާރު ތިއްބެވި ބައެއް މެންބަރުންގެ ނަންވެސް ހިމެނެއެވެ. އެގޮތުން ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތުކުރާ 281 މީހުންގެ ނަން އެ ލިސްޓުގައި ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު