ފާއިތުވި ދެ މަސް ދުވަހު އެކަނިވެސް ޑެންގޫ ހުން ޖެހިގެން 497 ކޭސް އެއް ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 480 ކޭސްގެ އިތުރުވުމެކެވެ.

އެޗްޕީއޭ އިން އިއްޔެ އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ އޮގަސްޓު މަހު ޑެންގޫ ހުން ޖެހިގެން 268 މީހަކު ރިޕޯޓުކޮށްފައިވާ އިރު، މިދިޔަ އަހަރު މި މުއްދަތުގައި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވަނީ އެންމެ ނުވަ މީހުންނެވެ. އަދި ސެޕްޓެމްބަރު މަހު މި އަދަދު ކޮންމެވެސް ވަރަކަށް ދަށްވެފައިވީ ނަމަވެސް 229 މީހަކު ވަނީ ޑެންގޫ ޖެހިގެން ރިޕޯޓުކޮށްފައެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައިވަނީ އަށް ކޭސްއެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ޑެންގޫ ހުން ޖެހޭ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާ އިރު، މިމަހު ވަނީ ޑެންގޫ ހުން ޖެހިގެން ކުޑަކުއްޖަކާއި ޒުވާނަކު ވަނީ މަރުވެފައެވެ.

ޑެންގޫ ޖެހޭ މިންވަރު އިތުރުވަމުންދާތީ މަދިރިން ރައްކާތެރިވުމަށް ޑޮކްޓަރުން ދަނީ އިލްތިމާސްކުރަމުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އަރިދަފުސް ރޯގާގެ ކޭސްތަކެވެ. އެގޮތުން އޮގަސްޓު މަހު 25،713 ކޭސްއެއް ރިޕޯޓުކޮށްފައިވާ އިރު، މިދިޔަ މަހު 33584 ކޭސް އެއް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

މިއަހަރުގެ އޮގަސްޓު މަހު ބޭރަށް ހިންގުމުގެ 3،505 ކޭސްއެއް ރިޕޯޓުކޮށްފައިވާ އިރު، މިދިޔަ މަހު 3،533 ކޭސްއެއް ވަނީ ރިޕޯޓުކޮށްފައެވެ. މިއީވެސް ކުރީ އަހަރާ އަޅައި ބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު އޮގަސްޓު މަހު ރިޕޯޓުކޮށްފައިވަނީ 1،358 ކޭސްއެވެ. އަދި ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައި ވަނީ 1،408 ކޭސްއެވެ.