ޚަބަރު

ވީއައިއޭގެ އާ ރަންވޭ ބޭނުންކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭ ބޭނުންކުރަން މިއަދު ފަށައިފި އެވެ.

ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާ ރަންވޭ ބޭނުންކުރަން ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އާ ރަންވޭ ހަދަން ފެށީ 2017 ވަނަ އަހަރެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުންޏާ ހަވާލުކޮށްގެން ހެދި އާ ރަންވޭގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އާ ރަންވޭއަކީ 3،400 މީޓަރު ދިގު ފުޅާމިނުގައި 65 މީޓަރު ހުންނަ ރަންވޭއެކެވެ. މި ރަންވޭއަށް އެންމެ ބޮޑެތި ބޯޓު، އޭ380 ގެ ބޯޓުތަކަށް ވެސް ޖެއްސޭނެ އެވެ.

އާ ރަންވޭ މިހާތަނަށްވެސް ބޭނުން ނުކޮށް އޮތީ އާ ރަންވޭއާ ކައިރީގައި ހުންނަ ސީޕްލޭން ޓާމިނަލްގެ އިމާރާތް ނުނެގި ލަސްވުމުންނެވެ. ނަމަވެސް ކުރީގެ ސީ ޕްލޭން ޓާމިނަލް މިހާރު އެތަނުން ނަގައި، އަލަށް ހެދި އާ ސީޕްލޭން ޓާމިނަލް ދަނީ ބޭނުންކުރަމުންނެވެ.

އާ ރަންވޭ މިއަދު ބޭނުންކުރަން ފެށުމުން، މިހާތަނަށް ބޭނުންކުރަމުން އައި ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އަކަށެވެ.