ސްޕެއިންގެ ލެޖެންޑް، ޒަބީ އެލޯންސޯ ބަޔާން ލެވަކޫސަންގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

ރެއާލް މެޑްރިޑާއި ބަޔާން މިއުނިކްގެ އިތުރުން ލިވަޕޫލަށްވެސް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެލޯންސޯ ލެވަކޫސަން ކޯޗުކަމާ ހަވާލުވީ ކްލަބުގެ ކޯޗުކަމުގައި ހުރި ޖެރާޑޯ ސެއޯން އެމަގާމުން ވަކި ކުރުމުންނެވެ. މިވަގުތު ލެވަކޫސަން އޮތީ ބުންޑަސްލީގާގެ ފުލުން ދެވަނައިގައެވެ. މިހާތަނަށް ސީޒަނުގައި އެޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެލޯންސޯ ލެވަކޫސަންއާއެކު ސޮއިކޮށްފައި ވަނީ 2024 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ.

އުމުރުން 40 އަހަރުގެ އެލޯންސޯ މީގެ ކުރިން ކޯޗުކަން ކޮށްދީފައި ވަނީ ރެއާލް ސޮސިއެދާދުގެ ބީ ޓީމަށާއި ރެއާލް މެޑްރިޑްގެ 18 އަހަރުން ދަށުގެ ޓީމަށެވެ.

"އަހަރެން ޖަރުމަނުގައި (ބަޔާންގައި) ހޭދަކުރި ދުވަސްތަކުން އެނގުނު ލެވަކޫސަންއަކީ ރަނގަޅަށް ހިނގާނެ ރަނގަޅު ޓީމެއްކަން. މިހާރުގެ އޮތް ސްކޮޑުގައިވެސް ކޮލިޓީ އެބަހުރި. ލެވަކޫސަންއަކީ ރަނގަޅު ކުޅުންތެރިން އަހަރުތަކުގެ ތެރޭގައި ކުޅެފައިވާ ޓީމެއް. އަހަރެން ކްލަބާއެކު ދެއްކި ވާހަކައިން އެނގުނު މިހާރު ހާލަތު ގޯސްކޮށް އޮތް ނަމަވެސް ކުރިއަށް އަދިވެސް ރަނގަޅު ޕްލޭންތަކެއް އެބަހުރިކަން،" އެލޯންސޯ ލެވަކޫސަންގެ ކޯޗުކަމާ ހަވާލުވެ ބުންޏެވެ.

ލެވަކޫސަންގެ ސްޕޯޓިން ޑިރެކްޓަރު ސިމޮން ރޮލްފްސް ބުނެފައި ވަނީ ކޯޗު ބަދަލުކުރަން ޖެހުނީ ނަތީޖާތައް ގޯސްވެގެން ކަމަށާއި އަލަށް ގެނައި ކޯޗު އެލޯންސޯއަކީ ކުޅުންތެރިއެއްގެ ގޮތުގައިވެސް ތަފާތު ވިސްނުންތޫނު ކުޅުންތެރިއެއް ކަމަށެވެ.

އެލޯންސޯ ވަނީ ކެރިއަރުގައި ދެފަހަރަށް ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ. ބަޔާންއާއެކު ތިންފަހަރަށް ބުންޑަސްލީގާވެސް އެލޯންސޯ ކާމިޔާބު ކޮށްފައިވާ އިރު، އޭނާ ވަނީ ސްޕެއިން ގައުމީ ޓީމާއެކު ޔޫރޯ 2008 އަކަށާއި ޔޫރޯ 2012 އަދި ފީފާ ވޯލްޑް ކަޕް 2010ވެސް ކާމިޔާބުކޮށްފައެވެ.