އައްޑޫ ސިޓީ ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އައްޑޫ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ފަރާތުގައި 570 މީޓަރު ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކޮށް، 15×50 މީޓަރު ސަރަހައްދު ފުންކޮށް، މޫދަށް އެރޭ ސަރަހައްދެއް ހަދާނެއެވެ. އަދި މޫދަށް އެރޭ ސަރަހައްދުގެ ބޭރުން 100 މީޓަރު ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރާނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މި މަޝްރޫއު ނިންމުމަށް ހަވާލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 12 އަށެވެ.

މި މަޝްރޫއުގެ އަގަކީ 11،645،907 (11.6 މިލިއަން) ރުފިޔާއެވެ.