ރެސްޓޯރެންޓެއްގެ ތެރޭގައި ވަޅިން ހަމަލާދީ އެ ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމް މަރާލި މައްސަލާގައި މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން، ނުބައި މީހަކަށް ޗިޓު ފޮނުވިގެން ކެންސަލްކޮށްފިއެވެ.

ޝަމީމް މަރާލި މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކޮށްފައި ވަނީ އެ ރެސްޓޯރެންޓުގައި މަސައްކަތްކުރި ޕާކިސްތާނު ޝެފް މުހައްމަދު އާބިދު (26އ)ގެ މައްޗަށެވެ.

އެ މައްސަލާގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކީންގެ ހެކިބަސް ނެގުމެވެ. އެގޮތުން މިއަދު އޮތީ ޝަމީމްގެ ޑީއެންއޭ ރިޕޯޓް ތައްޔާރުކުރި ފަރާތެއްގެ ހެކިބަސް ނެގުމެވެ. އެ އަޑުއެހުން ތާވަލުކޮށްފައި އޮތީ މިއަދު މެންދުރުފަހު 1:00 އަށެވެ. ކްރިމިނަލް ކޯޓުން ބުނީ، އެ މައްސަލާގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްވީ އެހެން މީހަކަށް ޗިޓު ފޮނުވިގެންނެވެ.

މި މައްސަލާގައި ދެންވެސް އޮންނާނީ ހެކިބަސް ނެގުމުގެ އަޑުުއެހުމެކެވެ. މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

ޝަމީމް މަރާލާފައި ވަނީ 16 އެޕްރީލް 2022 ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ބަދިގެ ތެރޭގައި ހިންގި ހަމަނުޖެހުމެއްގައި އާބިދު އޭނާގެ އަތުގައި އޮތް ވަޅިއަކުން ޝަމީމްގެ މޫނުގެ ވައަތްފަރާތުން ބޮލަށާއި މެޔަށް ހަމަލާދީގެން ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ.