ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އިންޓާނަލް އޮޑިޓިން ޑިޕާޓްމެންޓް އުވާލީ، އެންމެ ފުރިހަމަ ގޮތުގައި އެ ޑިޕާޓްމެންޓްގެ ބޭނުން ކުންފުންޏަށް ނުހިފޭތީކަމަށް އެ ކުންފުނީގެ ޗެއާމަން އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ޕީއެސްއެމްގައި ހިންގި 100 މިލިޔަން ރުފިޔާގެ ހިޔާނާތް ފޮރުވުމަށް، އެ ކުންފުނީގެ އިންޓާނަލް ޑިޕާޓްމަންޓް އުވާލިކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ޕީއެސްއެމްގެ އިސްވެރިން އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ޕީއެސްއެމްގެ 100 މިލިޔަންގެ ހިޔާނާތް ފޮރުވުމަށް، އެ ކުންފުނީގެ އިންޓާނަލް އޮޑިޓިން ޑިޕާޓްމެންޓް އުވާލި މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދު އެވެ.

އެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ ކުރީގެ ޗީޕް އިންޓާނަލް އޮފިސަރު އަހުމަދު ފަޒީލް އެ ކޮމިޓީއަށް ހާޒިރު ކުރުމުން ވެސް ވިދާޅުވީ، 100 މިލިޔަން ރުފިޔާގެ ހިޔާނާތް ހިމެނޭ 30 މައްސަލައެއް އޮންނާނެ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހިޔާނާތެއް ހިމެނެނީ ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އިބްރާހިމް ހަލީލް އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި މުހައްމަދު އިކްރާމް ތިއްބެވި ދުވަސްވަރު އަޑިޕާކުގައި ހުރި އެންޓެނާތައް ތިލަފުއްޓަށް ބަދަލު ކުރުމަށް ހިންގި 44 މިލިޔަން ރުފިޔާގެ "މީޑިއަމް ވޭވް" ޕްރޮޖެކްޓް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ މައްސަލަތައް ބެލުމަށް ވަކި ހިސާބަކުން އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދުގެ އެއްބާރުލުން ނުލިބި، މައްސަލަ ބެލުމަށް ބޮޑެތި ދަތިތަކެއް ކުރިމަތި ކުރުވިކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެމައްސަލަތަކާ ގުޅީގެން ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޗެއާމަން ހިލްމީ ވިދާޅުވީ، އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލީ އެކަމުގެ އެކްސްޕާޓު ކުންފުންޏެއް ކަމަށްވާ އެފްޖޭއެސްގެ ލަފާގެ މަތިން ކަމަށެވެ.

"އެޑިޕާޓްމަންޓް އުވާލީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުންފުންނަށް ބޭނުން ނުކުރެވޭތީ، އެކަމުގެ އެކްސްޕާޓު އޮޕީނިއަން ހޯދާފަ އޭގެ ފަހުން އުވާލީ،" އޭނާ ވިދާޅުވިއެވެ.

ކޮރަޕްޝަން ހިމެނޭ 30 މައްސަލައެއްގެ ވާހަކަ އެ ކުންފުނީގެ ކުރީގެ ޗީޕް އިންޓާނަލް އޮފިސަރު އަހުމަދު ފަޒީލް ދައްކަވައިފައިވާތީ، ހިލްމީ ވިދާޅުވީ، ކުންފުނީގެ ބޯޑަށް އެފަދަ 30 މައްސަލަ ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި 30 މައްސަލައެއްގެ ރިޕޯޓުގެ ވާހަކަ ފަޒީލް ދައްކާއިރު، މިހާރު އޮތް މެނޭޖުމެންޓުން އެ ކުންފުންޏާ ހަވާލުވުމަށްފަހު، ކޮރަޕްޝަންގެ ކަންތަކެއް ކުރިން ހިންގާފައިވާކަމަށް ފާހަގަވާތީ، އެކަން ބެލުމަށް އެމްޑީ އަލީ ހާލިދު ތިން މެންބަރުންގެ މައްޗަށް އެކުލަވޭ ކޮމިޓީއެއް އުފެއްދެވި ކަމަށްވެސް ވިދާޅުވިއެވެ. އެކޮމިޓީން މައްސަލަތައް ބަލައި އެކުލަވައިލި 15 ވަރަކށް ރިޕޯޓު ބޯޑަށް އައި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ޕީއެސްއެމުން ހިންގި އެންމެ ބޮޑު ހިޔާނާތްކަމަށް ފަޒީލު ފާހަގަކުރި އެންޓަނާ ޕްރޮޖެކްޓުގެ ވާހަކަ ބޯޑާ ހިއްސާކޮށްފައި ނުވާ ކަމަށާއި، ބޯޑުގެ އޮޑިޓް ކޮމެޓީއަށްވެސް އެ ރިޕޯޓު އައިކަން އެނގިފައިނުވާ ކަމަށް ވިދާޅުވިއެވެ.

"ބޯޑަކަށް 30 ރިޕޯޓު އައިސްފައެއް ނުވޭ، މެނޭޖިން ޑިރެކްޓަރު އައްޔަންކުރި ކޮމެޓީން އެކުލަވައިލި ރިޕޯޓުތަކެއް، އެ ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ބައެއް ރިޕޯޓުތަކެއް އިންޓާނަލް އޮޑިޓާ ހަދާފަހުރި، އަދި އެބުނާ އެންޓަނާގެ ވާހަކަ ބޯޑާ ހިއްސާކޮށްފައެއް ނުވޭ، ބޯޑުގެ އޮޑިޓް ކޮމިޓީއަށްވެސް އެ ރިޕޯޓު އައިކަމެއް ފާހަގައެއް ނުވޭ،"