ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްއަށް 10 އަހަރު ފުރިގެން ބޭއްވި ފަންޑް ރެއިޒިން ގާލާ ޑިނާއެއްގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގެންފިއެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި އެ ރަސްމިއްޔާތުގައި ރައީސާއި މެޑަމް ފަޒްނާ ވަނީ "އެވެއާނަސް ކެމްޕެއިން" އިފުތިތާހުކޮށްދެއްވައި، "ލެޓްސް ގެޓް އެކްޓިވް" ގެ ނަމުގައި ހިންގި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ގާލާގައި ރައީސް ވަނީ ތިން ބޭފުޅަކަށް "އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން އެވޯޑްސް" ހަވާލު ކޮށްދެއްވައިފައެވެ. އަދި އަނބިކަނބަލުން މެޑަމް ފަޒުނާ ވެސް އެ އެވޯޑް އިތުރު ތިން ބޭފުޅަކާ ހަވާލުކޮށްދެއްވައިފައެވެ.

ކެންސާ ސޮސައިޓީގެ ފަންޑް ރެއިސިން ގާލާ ޑިނާއަކީ ކޮންމެ އަހަރަކުވެސް އެ ޖަމިއްޔާއިން ބާއްވާ ހަރަކާތެކެވެ. އަދި އެ ހަރަކާތުން އެއްކުރާ ފައިސާ ބޭނުންކުރަނީ ކެންސާ ސްކްރީނިން ހެދުމަށާއި އެކުރިޔާލައި ކެންސަރު ބަލި ދެނެގަނެވޭނެ އަލާމާތްތަކާ ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުމަށާއި ޑައިގްނޯސްކޮށް އަދި ސްކްރީނިން އަށް ހޭލުންތެރިކަން އިތުރު ކުރުމަށެވެ.

ކެންސާ ސޮސައިޓީގެ އަމާޒަކީ ކެންސަރާ ދެކޮޅަށް ހަނގުރާމަކުރާ މީހުންގެ ތަޖުރިބާތައް މީހުންނާ ހިއްސާކުރުމާއި މުޖުތަމައުގައި ކެންސަރާ މެދު ހޭލުންތެރިކަން އިތުރުކޮށް، ކެންސަރު ބަލި ތަހައްމަލު ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ މައުލޫމާތާއި ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމެވެ.