އަމީނީ މަގުގެ ޕޭވްމަންޓް ފުޅާކޮށް ހަދާތީވެ، އެ މަގުގެ ތޮއްޖެހުން އިތުރަށް ގޯސްވާނެ ކަމަށް ވިދާޅުވެ، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަމީނީ މަގުގެ ޕޭވްމަންޓް ހަދަނީ ވަރަށް ފުޅާކޮށް ކަމަށާއި އެކަމުގެ ސަބަބުން އެ މަގުގެ ތޮއްޖެހުން އިތުރަށް ގޯސްވާނެ ކަމަށެވެ.

"އަމީނީމަގު ހަދަމުންދަނީ ޕޭވްމަންޓް ވަރަށް ފުޅާކޮށް، މަގުގެ ދުއްވަން އޮންނަ ބައި 25 ފޫޓުން 21 ފޫޓް 10 އިންޗިއަށް ހަނިކޮށްލުމުން މަގުގެ ތޮއްޖެހުން އިތުރަށް ގޯސްވާނެ ކަމަށް ފެނޭ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަމީނީ މަގު ހަދާއިރު، ބިމުގެ އަޑިއަށް ލުމަށް ކުރިން ނިންމާފައިވާ "ކޭބަލްޓްރޭ" ވެސް ފެންނަނީ ބިމުން މަތީގައި ހަދާ ތަން ކަމަށެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އަމީނީ މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކުރީ ޕްލޭނިން މިނިސްޓްރީންނެވެ. އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ ޖުލައި މަހުގެ ތިންވަނަ ދުވަހު، 210 މިލިއަން ރުފިޔާއަށެވެ.

އެގޮތުން އެމަގުގައި ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަށް ފަސޭހައިން މަގަށް ވަދެ ނުކުމެވޭނެ ގޮތް ހެދުމާއި މަގުގައި ބްރެއިލް ބްލޮކްސް އަތުރާނެއެވެ. އެމަގުގައި އެއްކޮށް ތާޅު އަޅާއިރު، ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިވެސް ހަރުކުރާނެއެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފައިވަނީ ހަތް މަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެ މުއްދަތުގެ ކުރިން މަގުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.