މިފްކޯއިން ހިންގަމުން އައި އައިސްޕްލާންޓުތައް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރިތާ ހަފުތާއެއްގެ ތެރޭ އައިސްޕްލާންޓުތައް އޮޕަރޭޓުކުރަން ފަށައިފި އެވެ.
މިފްކޯ އިން ހިންގަމުން އައި 14 އައިސްޕްލާންޓެއް ފެނަކައިގެ ދަށަށް ބަދަލުކުރީ މިދިޔަ ސެޕްޓެމްބަރު 22 ވަނަ ދުވަހު އެވެ. ފެނަކައިން މައުލޫމާތު ދޭ ގޮތުގައި މިހާރު އެކުންފުނިން އޮޕަރޭޓުކުރާ އެ 14 އައިސްޕްލާންޓުގެ ތެރެއިން 12 އައިސްޕްލާންޓަކުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މަސްވެރިންނަށް އައިސް ވިއްކަން ވަނީ ފަށާފައެވެ.
އެ ކުންފުނިން އައިސް ވިއްކަމުން އަންނަނީ މިފްކޯއިންވެސް އައިސް ވިއްކި އަގުގައެވެ. ނަމަވެސް ހަރަދު ކުޑަކޮށް އައިސް އުފެއްދޭނެ ނިޒާމުތައް ގާއިމުކޮށް ޕްލާންޓުތައް ހިންގަން ފެށުމުން މަސްވެރިންނަށް އަގުހެޔޮކޮށް އައިސް ވިއްކެން ހުރި ގޮތްތައް ބަލައި އަގަށް ބަދަލު ގެންނާނެ ކަމަށް ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ. އަދި ފެނަކައިން ހަވާލުވި އިރު ދެ އައިސްޕްލާންޓެއް ހުރީ މަރާމާތުކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށާއި އެ ތަންތަނުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމައި، އޮޕަރޭޝަނަށް ގެނެވޭނެ ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފަ އެވެ.
މިފްކޯއިން ހިންގަމުން އައި އައިސްޕްލާންޓުތައް ސަރުކާރުން ފެނަކައިގެ ދަށަށް ބަދަލުކުރީ އެކުންފުންޏަކީ ރާއްޖޭގައި ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަށް ވެފައި، އައިސް އުފެއްދުމަށް ބޭނުންވާ މައިގަނޑު ދެ ވަސީލަތް ކަމުގައިވާ ފެނާއި ކަރަންޓު އުފެއްދުމުގެ މަސައްކަތަކީ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގައި ފެނަކައިން މިހާރުވެސް ކުރަމުން އަންނަ މަސައްކަތަކަށް ވުމުން އައިސް އުފައްދަން ހޭދަވާ ހަރަދު ކުޑަކުރުމުގެ މަގުސަދުގަ އެވެ.
ފެނަކައިން ވަނީ މަސްވެރިންނަށް އައިސް ގަނެވޭނެ އިންތިޒާމު ފަސޭހަކުރުމުގެ ގޮތުން "ފެނަކަ އައިސް" ނަމުގައި މޯބައިލް އެޕްލިކޭޝަނެއްވެސް ތައާރަފުކޮށްފަ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ޕްލާންޓުތަކުން އައިސް ލިބެން ހުރި އަދަދު ބަލައި ކުރީބައިގައި އައިސް ގަތުމަށް ބުކިން ހެއްދޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު