މިދިޔަ މަހުގެ 18 އިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަނިކޮށް މަރުވެފައި އޮއްވާ ފެނުނު ހ. ބޮނޑިކަޅޮދުގެ މުހައްމަދު އަޒުހާން، 27 ހޯދުމަށް ފުލުހުން ކުރި މަސައްކަތުގައި ފުލުހުން އިހުމާލުވެފައިވާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕްލައިނެއް ނެރެ އެއަށް ވޯޓު ނުދޭން އެންގުމަކީ ލަދުގަނެ ކަންބޮޑުވާ ކަމެއް ކަމަށް އެ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފުމިހެން ވިދާޅުވީ، އެ ކުއްލި މައްސަލަ ބަލައިނުކަތުމަށް އެމްޑީން ވިޕްލައިން ނެރެފައި ވަނިކޮށް އެ ޕާޓީގެ ބައެއް މެންބަރުންގެ ވޯޓާއެކު، އެ ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ފާސްކުރުމަށްފަހު، އެ މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.

ހަސަން ލަތީފު ވިދާޅުވީ، މަރުގެ މައްސަަލަ ތަކަކީ އެންމެ ސީރިއަސް މައްސަލަތައް ކަމަށެވެ. އެކަން އެހެން އޮއްވައި، ދިވެހި ޒުވާނަލު ގެއްލިގެން 14 ދުވަސްވީއިރު އޭނާ ނުފެނި، އަދި އެކަމަށް ފުލުހުން ކުރި މަސައްކަތެއް ނޭނގި ފުލުހުންގެ މަސައްކަތާ ބެހޭގޮތުން ވާހަކަ ދައްކައި، ކަންބޮޑުވުން ފާޅުކުރަން މަޖިލީހަށް ހުށަހެޅުމުން، އެމްޑީޕީ މެންބަރުން ވޯޓު ދީގެން މައްސަލަ ބޭރުކޮށްލުމަށް އެންގުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ.

ހަސަންލަތީފު ވިދާޅުވީ، އަޒްހާން ހޯދުމަށް މަސައްކަތްކުރަމުން ދިޔަކަމަށް ފުލުހުން ބުނި ނަމަވެސް އެކަށީގެންވާ ގޮތަށް ފުލުހުން އެމަސައްކަތް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ފުލުހުން އެކަން ފުރިހަމަައަށް ކުރިނަމަ އެއަށްވުރެންކުރިން އަޒްހާން ފެނުނީސްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މައްސަލަތައް މަޖިލީހުން ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިބެ އެ މައްސަލަ ބަލައިނުގަތުމަށް ނިންމުމަކީ ވަރަށް ހުތުރު ކަމެއް،" ކަމަށެވެ

މި މައްސަލައިގެ ބަހުސްގައި، ހަސަން ލަތީފުގެ ވާހަކަތަކަށް ރައްދު ދެއްވައި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ލީޑަރު އަދި ހެންވޭރު ދެކުނު ދާިއރާގެ މެންބަރު ހުސެއިން ޝަހީމު ވިދާޅުވީ، އެ މައްސަލަ ބަލައިނުގަތުމަށް ވިޕް ލައިން އެޅީ، މައްސަލަ ލިޔެފައި އޮތް ގޮތުން ކަމަށެވެ.

"މި މައްސަލައަކީ ތަހުގީގު ނިންމައި އިތުރަށް ނުބަލައި، ފެނުނު ހަށިގަނޑު ވަޅުލައި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަންކަން ނިންމާފައިވާ މައްސަލައެއް ނޫންމިއީ،"

މެންބަރު ހުސެއިން ޝަހީމު އިތުރަށް ވިދާޅުވީ، އެކަމުގައި ފުލުހުން ކުރި މަސައްކަތް ވަރަށް ތަފުސީލްކޮށް އެެފަރާތުން ނެރުނު ނޫސް ބަޔާނުގައި ހާމަކޮށްފައިވާ ކަމަށެވެ. އަދި މަރިވެފައި އޮއްވާ ފެނުނު އަޒްހާން ހޯދުނީ ފުލުހުން ކުރި މަސައްކަތުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ހުޅުމާލެއަކީ ބޮޑުތަނަކަށް ވެފައި ފުލުހުންގެ ވަސީލަތްތަކާއި މީހުންގެ އަދަދު މަދުކަމުން ބައެއް ދަތިތައް ފުލުހުންނަށް ކުރިމަތިވި ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މި މައްސަލައަށް ބަހުސްކުރަން ނެގި ވޯޓުގައި، މައްސައަށް ބަހުސްކުރަން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން 25 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ކުއްލި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.