ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ކަޒަކިސްތާނާއި ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކެނެޑާގެ މޮންޓްރިއަލްގައި މިހާރު ކުރިއަށްދާ އިކާއޯގެ 41 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި އިއްޔެގެ ވަގުތެއްގަ އެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއެވެ. ކަޒަކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ޓްރާންސްޕޯޓު މިނިސްޓަރެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުތައް ފެށުމަށާއި ވައިގެ ދަތުރުގެ ދާއިރާއިން ގުޅުން ބަދަހިކޮށް އެއްބާރުލުން ލިބޭނެ ކަމަށެވެ.

ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ކަޒަކިސްތާނާއި ދެމެދު ސޮއިކޮށްފައިވާއިރު ދިވެހީންނަށް ވިސާއާ ނުލައި 30 ދުވަހަށް ކަޒަކިސްތާނަށް ދެވޭ އެއްބަސްވުމެއްގައި މިއަހަރުގެ މެއި މަހު ރާއްޖެއިން ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އެގައުމުގެ ރައްޔިތުންނަށްވެސް ދުރާލާ ވިސާ ނެގުމަކާއި ނުލައި 30 ދުވަހަށް ރާއްޖެ އާދެވޭނެ އެވެ.