ޑެންގޫ ޖެހިގެން އުމުރުން 19 އަހަރުގެ ޒުވާނަކު މިއަދު މަރުވެއްޖެއެވެ.
ޑެންގޫ ޖެހިގެން މިއަދު މަރުވީ އއ. ތޮއްޑޫ/ ރަންމުތް، އާދަމް ވިޔާމެވެ.
ވިޔާމްގެ އާއިލާ މީހަކު "ވަން" އަށް މިއަދު ބުނީ އޭނާއަށް ޑެންގޫ ޖެހިގެން ފަރުވާ ދެމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި އޭޑީކޭގައި ކަމަށެވެ.
ވިޔާމަކީ ތެލެސީމިއާ ބީޓާ ކެރިއަރެއް ކަމަށާއި ޑެންގޫ ޖެހުމުގެ ސަބަބުން އޭނާގެ ލިވާވެސް ފެއިލްވި ކަމަށް އާއިލާގެ މެމްބަރު ބުންޏެވެ.
ޑެންގޫ ބަލީގައި މިއަދު 19 އަހަރުގެ މީހަކު މަރުވި އިރު، އެ ބަލީގައި އިއްޔެ ވަނީ އުމުރުން އަށް އަހަރުގެ ކުއްޖަކުވެސް މަރުވެފައެވެ.
ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އިއްޔެ "ވަން" އަށް ވިދާޅުވީ ޑެންގޫ ބަލީގެ ސީރިއަސް ހާލަތައް ދަނީ ހުން އައުމަށްފަހު، ހުން މަޑުވާ ދުވަސްކޮޅު ކަމަށެވެ. އަދި އެ ދުވަސްކޮޅު ގައިގެ ވަރުދެރަވެ ލޭގެ ޕްރެޝަރު ދަށްވެ ޝޮކަށްދާ ކަމަށާއި އެކަމުގެ ސަބަބުން ބޮޑު ކަމުދާއިރުގަޔާއި ހޮޑުލާއިރު ލޭ އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ވަގުތުން ސިއްހީ އެހީތެރިކަން ހޯދުމަށް ޑޮކްޓަރު ފައިސަލް އިލްތިމާސް ކުރައްވައެވެ.