ރަށްރަށުގައި ވޮލީކޯޓު ހެދުމަށް ސްޕޯޓްސް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، މިހާތަނަށް 12 ރަށެއްގައި ވޮލީކޯޓު އަޅާފައިވާ ކަމަށް، މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، 12 ރަށުގައި ވޮލީކޯޓު އަޅާފައިވާއިރު، 38 ރަށެއްގައި ކޯޓު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

ބައެއް މަސައްކަތް ކުރިއަށް ދިއުމުގައި ދަތިތަކެއް ކުރިމަތިވިނަމަވެސް ރަށްރަށުގައި އެމަސައްކަތް ކުރިއަށްދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވ. ފުލިދޫ އަދި ވ. ފެލިދޫގެ ވޮލީކޯޓު ތަރައްގީ ކުރުމަށް ބަޖެޓުކޮށް، އެއްވެސް މަސައްކަތެއް ފަށާފައި ނުވާ މައްސަލައާ ގުޅިގެން މެންބަރު ފަޒުލް ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވި، އެ ދެރަށަކީ މަސައްކަތް އެވޯޑުކޮށް ކޮންޓްރެކްޓަރުން މިހާރުން މިހާރަށް މަސައްކަތްފަށަން ވެފައިވާ ދެރަށް ކަމަށެވެ. ނަމަވެސް އެ ދެރަށުގައި މަސައްކަތް ނުފެށި ވަނީ ކައުންސިލްގެ އެއްބާރުލުން ނުލިބިގެން ކަމަށްވެސް މިިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، "ފުލިދޫގައި ވެފަ އޮތް ގޮތަކީ އެކޮޅުގަ ރުއްތަކެއް ހުންނާތީވެ އެ ރުއްތަކުގެ ބަދަލާއި، އެތަކެތި ނަގަން ހިނގާނެކަމަށް ބެލެވޭ ހަރަދުގެ ތަފްސީލީ މައުލޫމާތުތައް މިނިސްޓްރީއަށް ނުލިބިއޮތީމަ ފުލިދޫގަ އެކަން ނުވެއޮތީ، ސިޓީ އާއި ފޯނުން ގުޅައިގެންވެސް ކައުންސިލާ މައުލޫމާތު ހިއްސާ ކޮށްފައިވާ،" ކަމަށެވެ.

މީގެ އިތުރުން ފެލިދޫގައި މިހާރުވެސް ވޮލީ ކުޅޭނެ ވެލި ދެ ކޯޓު އޮތްއިރު، މިނިސްޓްރީން ނިންމާފައި ވަނީ އެތަނުން އެއްދަނޑު ހަދައިދިނުމަށް ކަމަށާއި، ކައުންސިލުން އެދެނީ ދެ ދަނޑު ހަދައިދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ. އެންމެ ފަހުން ވާހަކަދައްކައިގެން އެތަނުން އެއްދަނޑު ހަދާގޮތަށް އެއްބަސްވިނަމަވެސް ހަދަން ޖެހޭ ކޯޓު ހުރި ސަރަހައްދުގައި ހުރި ފެންސްތަކެއް ނަގައި ވަކި ގޮތަކަށް ރާނައިގެން ނޫންގޮތަކަށް ކޯޓުގެ މަސައްކަތް ނުުކުރަން އެރަށު ކައުންސިލުން އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެއީ އެކަންކަމަށް ކަނޑައަޅާ ބަޖެޓަށްވުރެން ހަރަދު ބޮޑުވެގެންދާނެ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތްތައް ކުރަނީ ކޮންމެރަށަކަށް އަގެއް ކަނޑައަޅައިގެން ކަމަށެވެ. އެހެންކަމުން އިތުރަށް ހަރަދުވާގޮތަށް ކަންކަން ކުރުމަކީ ގިނަ ރަށްރަށަށް ކަންތައް ކޮށްދިނުމަށް ދަތިވާ ކަމެއް ކަމަށެވެ.

"މިވާގޮތަކީ 1.5 މިލިޔަނަށް އަރާ ޕްރޮޖެކްޓެއް 2.5 މިލިޔަށް އެރީމާ ޖެހިގެން އޮތް ރަށުންވެސް ހަމަ އެގޮތަށް ކަން ކުރަން ބޭނުންވޭ، އޭރުން އެހެން ރަށްރަށަށް ކަންތައް ކޮށްދިނުމަށް ދަތިތައް ކުރިމަތިވާނެކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.