ޚަބަރު

އަޒްހާން ހޯދުމުގެ ތަހުގީގު ހިންގީ ރަނގަޅަށްތޯ ބަލައިދިނުމަށް އެމްއާރްއެމުން ގޮވާލައިފި

މުހައްމަދު އިޝާން

ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މަރުވެފައި އޮތްވާ ފެނުނު ހ. ބޮނޑިކަޅޮދުގެ މުހައްމަދު އަޒުހާން ހޯދުމަށް ފުލުހުން ހިންގި ތަހުގީގު ފުރިހަމަތޯ ބެލުމަށް ނޭޝަނަން އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ފުލުހުންގެ ބޯޑަށް، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.

އަޒްހާން ހޯދުމުގެ މަސައްކަތުގެ ތެރެއިން ފުލުހުނުން ހިންގި ތަހުގީގީ އޮޕަރޭޝަނެއްގައި އޭނާ ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނިފައިވަނީ އިއްޔެ 17:45 އެހާކަންހާއިރު ހުޅުމާލެ ވޯޓާތީމް ޕާކް ސަރަހައްދުންނެވެ. އެއީ އަޒްހާން އެންމެ ފަހުން ފެނުނު ރެޑްބުލް ދަނޑު ސަރަހައްދެވެ. ހަށިގަނޑު ފެނުނުއިރު ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަޒްހާން ކަމަށް ބުނާ މީހާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް 14 ދުވަސް ފަހުންނެވެ. އަޒްހާން އެންމެ ފަހުން ފެނުނު ސަރަހައްދު ފުލުހުން ބަލައިފާސްކޮށްފައި ނުވާތީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ.

އެކަމާ ގުޅިގެން އެމްއާރްއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އަޒްހާންގެ މަރުގެ މައްސަލަ ހޮމިސައިޑް ކޭސްއެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު، އޭނާ ހޯދުމަށް ފުލުހުން ކުރި ތަހުގީގާ މެދު އާންމުން ވަަރަށް ބޮޑަށް ސުވާލު އުފައްދަމުން އަންނަ ކަމަށެވެ.

"އެގޮތުން އަޒްހާން ގެއްލިގެން ރިޕޯޓު ކުރުމުން، އޭނާ ހޯދުމަށް ފުލުހުން އެ ސަރަހައްދު ރަނގަޅަށް ބަލާފާސްކުރިތޯ އާއި އަޒްހާންގެ ހަށިގަނޑު ފެނުނީ އޭނާ ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވާ ސަރަހައްދާ ކިހައި ކައިރި ސަރަހައްދަކުންތޯ އާއި ހަށިގަނޑު ފެނިފައިވާ ސަރަހައްދު އެންމެ ފުރަތަމަ ފުލުހުން ހޯދީ ކޮން ދުވަހަކުތޯ ސުވާލު އުފެދިފައިވޭ،" އެމްއާރްއެމުން ބުންޏެވެ.

އެހެންކަމުން އަޒްހާން ގެއްލިގެން ހޯދުމަށް ފުލުހުން ކުރި ތަހުގީގަކީ ފުރިހަމަ ތަހުގީގެއްތޯ ބަލައިދިނުމަށް އެދޭ ކަމަށް އެމްއާރްއެމުން ބުންޏެވެ.

އަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނުމާ ގުޅިގެން ވޯޓާ ތީމް ޕާކު ސަރަހައްދުގައި ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑް ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވެފައިވަނީ، ވޯޓާތީމް ޕާކް ސަރަހައްދު ބަލައި ފާސްކުރީ ކުނި ވަސް ދުވަތީ ނޫން ކަމަށެވެ. އެ ސަރަހައްދު ބަލައި ފާސްކުރަން ނިންމީ އަޒުހާން ހޯދުމަށް ކުރި މަސައްކަތުގައި ބެލި ސީސީޓީވީ ފޫޓޭޖުތަކުން އޭނާ އެންމެ ފަހުން ފެނިފައިވާ ސަރަހައްދަށްވާތީ ކަމަށެވެ.

ހަސަން ސައީދު ވިދާޅުވެފައިވަނީ އަޒުހާން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއިރު ވޯޓާ ތީމު ޕާކުގެ ބައެއް ސަރަހައްދުތައް ބަލައިފައިވާނެ ކަމަށެވެ. ނަމަވެސް އަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނުނުތަން މީގެ ކުރިން ބަލާފައިނުވާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ އަޒްހާންގެ ހަށިގަނޑު ފޮރުވަން މަސައްކަތް ކޮށްފައިވާކަމުގެ ނިޝާނެއް ފެނިފައިނުވާ ކަމަށާއި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު އަދި ނެތް ކަމަށެވެ.

ފުލުހުން މިރޭ ބުނީ އަޒްހާންގެ ފޯނު ފެނިފައިވާ ކަމަށާއި ނަމަވެސް އޭނާ މަރާލާފައިވާކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައިނުވާ ކަމަށެވެ.

އަޒުހާން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 19 ދުވަހުގެ ރޭ 7:00 ހާއިރުއެވެ.