އެއީ 1960 ގެ އަހަރުތަކެވެ. ޓޫރިޒަމަކީ ދިވެހިން އޭރު ދަންނަ އެއްޗެއްވެސް ނޫނެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ދިވެހިންގެ އަމިއްލަ އުފެއްދުންތައް ކޮޅުނބަށް ފޮނުވައިގެން ގައުމުގެ އިގްތިސޯދު ދަމަހައްޓަމުން އައިއިރު އޭޝިއާގެ ގައުމުތަކަށް ފަތުރުވެރިކަން އޭރުވެސް ވަނީ ފުޅާވެފައެވެ. އެހެން އޮއްވައި 1960 ވަނަ އަހަރު ރާއްޖެއަށް ޔުނައިޓެޑް މިޝަންސްގެ ޓީމެއް ޒިޔާރަތްކުރިއެވެ. އެ ޓީމަށް ހޯދުނު ހޯދުންތަކުން ރާއްޖެއަކީ ޓޫރިސްޓުންނަށް ފަހި މަންޒިލަކަށް ނުވިއެވެ. ސަބަބެއް ކަމަށް ބުނީ ރާއްޖޭގެ ކުދި ޖަޒީރާ ރަށްތައް ޓޫރިޒަމަށް އެންމެ ކަމުދާ ތަންތަނަށް ނުވުމެވެ.

ނަމަވެސް 1970 ގެ އަހަރުތަކުގައި ކުރީކޮޅުގައި ދިވެހިންގެ މުޅި އިގްތިސޯދު ބަދަލުކޮށްލީ އިޓަލީގެ ރައްޔިތެއް ކަމަށްވާ ޖޯޖް ކޯބިން އެވެ. އޭނާއަކީ ރާއްޖޭގެ ޓޫރިޒަމްގެ ބާނީ އެވެ. ދަތުރުފަތުރަށް ޝައުގުވެރިވާ ޖޯޖް ކޯބިން އަކީ ދެކުނު އޭޝިއާގެ ގައުމުތަކަށް ޒިޔާރަތްކޮށް ޓޫރިޒަމަށް އާ ފުރުސަތުތައް ހޯދުމަށް ޝައުގުވެރި ދަތުރުވެރިއެކެވެ. އޭނާ ހޯއްދެވީ އިންޑިއާ، ރާއްޖެ އަދި ހަމައެހެންމެ ޕާސްތާތަކުގައި ރާއްޖޭގެ ޖަޒީރާއެއްގެ ގޮތުގައި ބަލާ މިނިކޯއީ (ނުވަތަ މަލިކު) އެވެ. ކޯބިން އަށް ރާއްޖޭގެ ކުދިކުދި ޖަޒީރާތަކާ ދިމާވީ 'ވާޖިން އައިލެންޑްސް' ހޯދުމަށް މެޕެއް ހޯދަމުން ދަނިކޮށެވެ.

ކޮލަމްބޯގެ އާ މަންޒިލްތަކާއި ދުނިޔެއަށް އޭރު ނުފެނި ހުރި ޓްރޮޕިކަލް ތަންތަނާ ބެހޭ މައުލޫމާތު ހޯދަމުން ގެންދިއުމުގެ ތެރޭގައި 1971 ވަނަ އަހަރު ލަންކާގެ ހުންނަ ދިވެހި އެމްބަސީއަށް އޭނާ ކުރި ޒިޔާރަތަކުން މިހާރުގެ ހެލްތު މިނިސްޓަރު މުހައްމަދު ނަސީމާ ބައްދަލުވެއެވެ. ރާއްޖޭގެ ޓޫރިޒަމްގެ ދިވެހި ތިން ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނަސީމާ އެ ދުވަހު ބައްދަލުކޮށް ޖެހިގެން އައި ދުވަހު ލަންކާއިން ރާއްޖެއަށް ފުރަން އޮތް "މޯލްޑިވްސް އެކްސްޕޯޓާ" ނަމަކަށް ކިޔާ ކާގޯ ބޯޓަކުން ނަސީމާ އެކު، ކޯބިން ދަތުރު ފެއްޓީ ރާއްޖެއަށެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ފެށުމުގެ ދަތުރެވެ.

ކޯބިންގެ ބެލުމުގެ ދަށުން ރާއްޖެއަށް ޓޫރިސްޓުންގެ ފުރަތަމަ ގުރޫޕު އައީ 16 ފެބްރުއަރީ 1972 ވީ ބުދަ ދުވަހު އެވެ. އެ ދުވަސްވަރު ރާއްޖެއަށް ހަމައެކަނި ދަތުރުކުރީ އެއާ ސިލޯން ފްލައިޓެކެވެ. އެއީ ވެސް ކޮންމެ ދެ ހަފުތާއަކުން އެއް ފަހަރު އެވެ. އިޓަލީގެ ނޫސްވެރިންނާއި ފޮޓޯގްރާފަރުންތަކެއްގެ މައްޗަށް އެކުލެވޭ 22 މީހުންގެ އެ ގްރޫޕް ރާއްޖެ އައީ އެއާ ސިލޯންގެ ޗާޓަރު ފްލައިޓެއްގައެވެ. މި ގްރޫޕް ވެރިރަށް މާލޭގައި ތިބުމަށް ބޭނުންވާ ހުރިހާ އެކޮމޮޑޭޝަންތަކާއި ކެއުމުގެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވީ ނަސީމް އާއި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ޗަމްޕާ ހުސެއިން އަފީފް އެވެ. ދުނިޔެގެ ޗާޓަށް އޭރު ނާރާ އޮތް ދިވެހިރާއްޖޭގެ ރީތި ކުދި ޖަޒީރާ ރަށްތަކާއި ނޫވިލު ތަކާއި ސާފު ހުދު ދޮންވެލި ގޮނޑުދޮށްތަކުގެ ހިތްގައިމު ވާހަކަތަކަށާއި ފޮޓޯތަކަށް ބޭރު ގައުމުތަކުގެ ނަޒަރު ހުއްޓެން ފެށީ އެހިސާބުންނެވެ.

ރިސޯޓެއް ތަރައްގީކުރާނެ މަންޒިލެއް ހޯދުމަށް ކޯބިން އާއި އޭނާގެ އެކުވެރިން ފުރަތަމަ ޒިޔާރަތް ކުރީ މާލެއަތޮޅު މީރުފެންފުށްޓަށެވެ. އެކަމަކު އެމީހުންނަށް އެއީ ވެރިރަށް މާލެއާއި އެއާޕޯޓާ މާ ދުރުގައި އޮތް ތަނެކެވެ. ހުސެއިން އަފީފް ވިދާޅުވި ގޮތުގައި ފުރަތަމަ ސާވޭ ދަތުރު މީރުފެންފުށްޓަށް ވަޑައިގަތުމަށް ފަސް ގަޑިއިރަށް ވުރެ ގިނައިރު ހޭދަވި އެވެ. އޭރު ސްޕީޑު ބޯތުތަކެއް ނުހުރެއެވެ. އެހެންކަމުން އެތަނުގައި އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަކީ ކުރިއަށް ގެންދެވޭނެ އަދި ބުއްދިވެރި ކަމެއް ނޫން ކަމަށް ކޯބިން ނިންމި އެވެ.

ދެވަނަ ޗޮއިސްއަކަށް ވީ ވިހަމަނާފުއްޓެވެ. މިހާރުގެ ކުރުނބާ މޯލްޑިވްސް އެވެ. އެރަށަކީ އެއާޕޯޓާއި ވެރިރަށް މާލެއާ ކައިރިވުމުން، ޒުވާން ވިޔަފާރިވެރިންނަށް އެންމެ ރަނގަޅު ޗޮއިސް ކަމަށް ބަލައި އެތަނުގައި ރިސޯޓު ހެދުމުގެ މަސައްކަތް ފެށިއެވެ. 30 ކޮޓަރިއާ އެކު ވިހަމަނާފުށި ހުޅުވީ 3 އޮކްޓޯބަރު 1972ގަ އެވެ. ޖޯޖް ކޯބިން، އޭނާގެ ފަހަތުގައި ތިބި އެމް ޔޫ މަނިކާއި އަހުމަދު ނަސީމް، އެމީހުންގެ ފައިސާއާއި މަސައްކަތާއި ވަގުތާއި ހަކަތަ އިންވެސްޓްކޮށްގެން ހެދި އެ ރިިސޯޓަކީ މަލްޓި މިލިއަން ޑޮލަރުގެ ސިނާއަތެއްގެ ފުރަތަމަ ބިންގަލެވެ. ވިހަމަނާފުއްޓަށް ފަހު ދެން ރާއްޖޭގައި ހުޅުވި ރިސޯޓަކީ ބަނޑޮސް އައިލެންޑް ރިސޯޓެވެ. 220 އެނދާއެކު ބަނޑޮސް ރިސޯޓު ހުޅުވީ 10 ޑިސެމްބަރު 1972ގަ އެވެ.

މުމާން އެޖެންސީއަކީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޓޫރިސްޓް އެޖެންސީ އެވެ. ވިހާމަނަފުށީގައި ހެދި ފުރަތަމަ ޓޫރިސްޓް ރިސޯޓް، ކުރުނބާ ވިލެޖް އެޅުމުގެ މަސައްކަތުގައި މި އޭޖެންސީގެ ހިއްސާ އޮތެވެ. މި އޭޖެންސީގެ ހިއްސާދާރުންނަކީ އެމްޔޫ މަނިކު އާއި އަހުމަދު ނަސީމެވެ. މާލެ އަތޮޅު ކުޑަ ހުރާގައި ރިސޯޓެއް ހެދުމުގެ މަސައްކަތް ވެސް މި އޭޖެންސީން ކުރިއަށް ގެންގޮސް 1977 ވަނަ އަހަރު 32 އެނދުގެ ކެޕޭސިޓީއާއެކު ހިދުމަތް ފެށިއެވެ. 1972 ވަނަ އަހަރު ކްރެސެންޓް ޓޫރިސްޓް އެޖެންސީގެ ނަމުގައި އެހެން އޭޖެންސީއެއް އުފެދުނެވެ. އަމިއްލަ ކުންފުންޏެއްގެ ގޮތުގައި އުފެދުނު އެ ކުންފުނީގެ ހިއްސާދާރުންނަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރު އާއި އަލީ އުމަރު މަނިކު އާއި އަހުމަދު އާދަމް އަދި ކަނޑި އަހުމަދު އިސްމާއިލް މަނިކު އެވެ.

ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ބަނޑޮސް އައިލެންޑް ހެދުމުގެ މަސައްކަތް 1972 ވަނަ އަހަރު މި އޭޖެންސީން ކުރިއަށް ގެންދިޔައިރު، ޖެހިގެން އައި އަހަރު ފުރަނަފުށީގައި (މިހާރުގެ ފުލް މޫން) އާއި ފަރުކޮޅުފުށި (މިހާރު ކްލަބް މެޑް) އާއި ވިލިމާލެ އާއި ބަރޮސް އައިލެންޑު ރިސޯޓު ހެދުމުގެ މަސައްކަތް ކުރަން ފެށިއެވެ. އަދި ވެލައްސަރު (މިހާރު ލަގޫނާ ބީޗް ރިސޯޓް) 90 އެނދާއެކު ތަރައްގީކޮށް 1974 ވަނަ އަހަރު ހުޅުވި އިރު ކްރެސެންޓް ޓޫރިސްޓް އެޖެންސީން ފަރުކޮޅުފުށި، ކްލަބް ނޭޗާއަށް ކުއްޔަށް ދިނެވެ. އެއީ ރާއްޖޭގައި ރިސޯޓެއް މެނޭޖްކުރި ފުރަތަމަ ބޭރުގެ ކުންފުންޏެވެ. ފަހުން އެ ހުރިހާ ރިސޯޓެއް އެކި ފަރާތްތަކަށް ކުއްޔަށް ދިނުމަށްފަހު އެ އޭޖޭންސީ ވަނީ އުވާލާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައިތާ މިއަދަށް 50 އަހަރު ފުރުނު އިރު، މި ސިނާއަތަކީ ދިވެހިންގެ އިގްތިސޯދުގެ މައިތަނބަށް މިވަނީ ވެފައެވެ. އަހަރެއްގެ މައްޗަށް މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރާއިރު މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ޖުމްލަ 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރިއެވެ. 1972 ވަނަ އަހަރު އޮކްޓޯބަރުގައި އެންމެ ރިސޯޓަކުން ފެށި މި އިންޑަސްޓްރީގައި މިހާރު 166 ރިސޯޓާއި 848 ގެސްޓު ހައުސްއާއި ތިން ޔޮޓް މެރީނާގެ އިތުރުން ހަތަރު ހޯމް ސްޓޭ ހިންގަމުން އެބަދެއެވެ. އަދި މިހާރު ރާއްޖޭގައި ޖުމްލަ 57،436 ޓޫރިސްޓު އެނދު އޮޕަރޭޓު ކުރެއެވެ.

ޓޫރިޒަމް އިން ލިބޭ އާމްދަނީ އަށް ބަލާއިރު ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކުގެ ބިމު ކުލީގެ ގޮތުގައި އެކަނިވެސް މިދިޔަ އަހަރު ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ. ޓީޖީއެސްޓީން އަށް 5.2 ބިލިއަން އަދި ގްރީން ޓެކުހަށް 802 މިލިއަން ރުފިޔާ ލިބުނެވެ. މިއީ ކޮވިޑުގެ ބަލިމަޑިކަމުގައި ޓޫރިޒަމް ސިނާއަތް އިންތިހާއަށް ދަށަށް ގޮސްފައި އޮތް އިރު ލިބުނު އާމްދަނީ އެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ރާއްޖެއަށް ޖުމްލަ 1.8 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. ރާއްޖޭގެ ޓޫރިޒަމް ސިނާއަށް އިތުރަށް ފުޅާކުރުމުގެ ބިޔަ މަޝްރޫއުތަކެއް ރާވައިގެން ސަރުކާރުން ކުރިއަށް އެބަގެންދެ އެވެ. 1960 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޔޫއެން ޓީމުން ރާއްޖޭގައި ފަތުރުވެރިކަމުގެ އުއްމީދެއް ނެތްކަމަށް ބުނިތާ 50 އަހަރު ވީ އިރު މިއަދު ރާއްޖެއަކީ މުޅި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލެވެ. ވިދިވިދިގެން ފާއިތުވި ދެ އަހަރު މުޅި ދުނިޔޭގެ އެންމެ ލީޑިން ޑެސްޓިނޭޝަނުގެ މަގާމުވެސް ހޯދީ ރާއްޖެ އިންނެވެ. ރާއްޖޭގެ ރިސޯޓުތަކުން އަންނަނީ ދުނިޔޭގެ އެތައް މަޝްހޫރު ހޮޓާ ތަކާއި ވާދަކޮށް ގިނަ އެވޯޑުތައްވެސް ހޯދަމުންނެވެ. ފަތުރުވެރިކަމަކީ މިއަދު ހުރިހާ ދިވެހިންނާއި ގުޅިފައި އޮތް ދިވެހިންގެ އުއްމީދެވެ. ކުދިވެގެން ކަމު ނުދިޔަ ރަށްތައް މިއީ މިއަދު ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބިޔަ ބޮޑެތި ނަންތަކެވެ. މިއީ ދުނިޔޭގެ ޓޫރިޒަމްގެ އެންމެ އަގު ބޮޑު ޕްރޮޑަކްޓްތަކެވެ. މިއީ ހަމަ އެ ކުދިކުދި ރަށްތަކެވެ.