ދިރުވާލައިގެން ރާއްޖެ އެތެރެކުރި 83 ބްލެޓްގެ މަސްތުވާތަކެއްޗާ ހަވާލުވާންދިޔަކަމަށް ތުހުމަތުކުރާ ދެމީހުން ބަންދު ކުރުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ކްރިމިނަލް ކޯޓަށް އަންގައިފިއެވެ.
މި މައްސަލައަކީ ދިރުވާލައިގެން ރާއްޖެ އެތެރެކުރި 83 ބްލެޓްގައި ހުރި (896.087 ގްރާމް)ގެ ކޮކެއިން އާ ހަވާލުވާންދިޔަ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތުކޮށްގެން ގ.އަންކާރާ އަހުމަދު ތައިފް ރިލްވާން އާއި މ.ނިބިލިގާ ނިހާލް މުހައްމަދު އާސިމް ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައިވާ މައްސަލައެކެވެ.
އެ މައްސަލައިގައި ހިމެނޭ އިތުރު ދެމީހުން މިހާރުވެސް ތިބީ ބަންދު ކޮށްފައެވެ. ނަމަވެސް ދައުލަތުގެ އެދުމުގެމަތިން އެކި ފަހަރުމަތިން ބަންދު ކުރުމަށްފަހު، އެ ދެމީހުންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކާއެކު، ތައިފް އާއި ނިހާލް ޝަރުތު ތަކަކާއެކު ކުރިމިނަލް ކޯޓުން ވަނީ ދޫކޮށްލައިފައެވެ. އެ ދެމީހުން ދޫކޮށްލީ، އޭގެ ތެރެއިން ތައިފްގެ މައްޗަށް ކެނަބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކު ކުރުމުގެ ކުށުގެ ދައުވާ، އަދި ނިހާލްގެ މައްޗަށް ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކު ކުރުމުގެ ކުށުގެ ދައުވާ ކޮށް، ޝަރީއަތް ނިމެންދެން އެ ދެމީހުން ބަންދު ކޮށްދިނުމަށް ދައުލަތުން ހުށަހަޅާފައި ވަނިކޮށެވެ.
އެހެންކަމުން އެ ދެމީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު އަމުރުތަކެއްކަމަށްބުނެ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އެ އަމުރުތައް އިސްތިއުނާފު ކުރިއެވެ.
ޕީޖީ އޮފީހުން ހައިކޯޓުގައި އެދިފައި ވަނީ، އެއީ ބާތިލު އަމުރުތަކެއް ކަމަށް ކަނޑައަޅައި އެ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބައިދިނުމަށް އަމުރުކޮށްދިނުމަށެވެ.
އެ މައްސަލަ ބަލައި ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، އެ ދެމީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރުތައް ބާތިލުކޮށްފައެވެ. އެއާއެކު އިއްޔެއިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި، އެ ދެމީހުން ބަންދު ކުރުމަށް ޕީޖީން ހުށަހަޅައިފިނަމަ އެ މައްސަލައިގައި ހައިކޯޓުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް އެ ދެމީހުން ބަންދު ކުރުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްވެސް ހައިކޯޓުން ކުރިމިނަލް ކޯޓަށް ވަނީ އަންގައިފައެވެ.
ޚަބަރު
ޚަބަރު