ދިވެހިންނަށް ފަހިވާގޮތަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފަހިވާންޖެހޭކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ހެޔޮއެދުންތައް އެ ސިނާއަތުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް ފޮނުއްވައި ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖޭގައި ހިނގަހިނގާ އޮތް 166 ރިޒޯޓު އޮތްއިރު ދިވެހިންގެ ފުރިހަމަ ބާރު ހިނގާ އަދި ދިވެހިންގެ ކިތައް ރިޒޯޓު އެބައޮތްތޯ ސުވާލު އުފައްދަވައިފައެވެ.

"ދިވެހިންނަށް ފަހިވާގޮތަށް ސިނާއަތް (ފަތުރުވެރިކަމުގެ ސިނާއަތް) ބަދަލުވާން ޖެހޭ" ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތަކަކީ ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގާ ރިސޯޓުތަކެވެ. ގިނަ ރިސޯޓުތަކުގައި މުވައްޒަފުންގެ ގޮތުގައިވެސް ގިނައީ ބިދޭސީންނެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވާގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ވެރީންނަށް ދިވެހިން ހެދުމަކީ މުހިންމުކަމެކެވެ. އެކަމަށް ހާއްސަކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއްވެސް އެއިރު ފެށިއެވެ.